ކޮވިޑް-19 އަށް އެންމެ ފަހުން ނެގި ސުންކުން ނައްސިވުމުން ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހަންމަދު ސަލާހް ލިވަޕޫލްގެ ފަރިތަކުރުންތަކަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

ސަލާހް ކޮވިޑަށް ފައްސިވެފައިވަނީ މިސްރުގެ ގައުމީ ޓީމާއެކު އެފްރިިކާ ބައްރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގްގެ މެޗްތަކެއް ކުޅުމަށް ކޭމްޕް ކުރަމުން ދަނިކޮށެވެ.

ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް މީޑިއާތަކާއި ވާހަކަދައްކަމުން ބުނީ އެންމެ ފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާތައް ދައްކާގޮތުން ސަލާހް ކޮވިޑަށް ނައްސިވެފައިވާ ކަމަށާއި އެޓީމުން މިއަދު ބާއްވާ ފަރިތަކުރުންތަކުގައި ސަލާހް ބައިވެރިވާނެ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ކުރިން ޔުއެފާއިން ހަދާ ޓެސްޓުތަކުގެ ނަތީޖާއަށް ބަލާ މިހަފްތާގައި ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާއި ދެކޮޅަށް ކުޅޭ މެޗުގައި ސަލާހް ފެނިގެންދާނެ ކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.

ސަލާހަށް ކުޅެވުމަކީ އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފައިވާ ލިވަޕޫލަށް ލިބިގެންދިޔަ ހިންހަމަޖެހުމަކަށް ވާނެއެވެ. ރޭ ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީއަތުން ލިވަޕޫލް މޮޅުވި މެޗުގައި ލިވަޕޫލްގެ ނަބީ ކެއިޓާއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިފައިވާއިރު އެޓީމުގެ ޝަގީރީއަށްވެސް ދާދިފަހުން ބައިނަލްއަގްވާމީ ބްރޭކުގައިވަނީ އަނިޔާއާއި ކުރިމަތިލާން ޖެހި ކުޅުމާ ދުރަށްދާން ޖެހިފައެވެ. އަދި އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެންޑައިކްގެ އިތުރުން އެޓީމުގެ އިތުރު ކުޅުންތެރިންތަކެއްވެސް ވަނީ ކުޅުމާ ދުރަށްދާން ޖެހިފައެވެ.

ރޭގެ މެޗުން މޮޅުވެ ޕޮއިންޓް ތާވްލްގެ އެއްވަނައިގައި އޮތް ޓޮޓެންހަމް އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ލިވަޕޫލަށް ލިބެނީ ތާވަލުގެ ދެވަނައެވެ. ޓޮޓެންހަމްއަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އެޓަލާންޓާއާއި ދެކޮޅަށް ނުކުންނަ މެޗް ކުޅޭނީ މިހަފްތާގެ ބުރާސްފަތި ދުވަހު 01:00 ގައެވެ.