ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް)ގެ ރައީސް އަހްމަދު އަހްމަދު ސަސްޕެންޑް ކޮށްފިއެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަހްމަދު ސަސްޕެންޑް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމާއި، ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތަށް ހިޔާނާތްތެރިވުމުގެ އިތުރުން ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެން 5 އަހަރު ދުވަހުގެ މުއްދަތަށް އަހްމަދު ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އުމުރުން 60 އަހަރުގެ އަހުމަދަކީ ފީފާގެ ނައިބު ރައީސެއްގެ މަގާމުގައިވެސް ހުރި ފަރާތެކެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ކުށެވެ.

އޭގެތެރޭގައި މާތްވެގެންވާ އުމްރާގެ އަޅުކަމަށް ސީއެފްއޭއިން ރާވާ އަދި މާލީގޮތުން ކުރަން ޖެހޭ ކަންތައްތަކަކަށް މަކަރު ހެދިކަމުގެ ދައުވާއާއި ކުޅިވަރު ކުޅުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދުމަށް ނުހައްގުން ބަޔަކަށް މަގާމުގެ ބޭނުންކޮށްގެން ބިޑް ކާމިޔާބުކޮށްދިނުމުގެ ދައުވާއެއްވެސް ހިމެނެއެވެ.

މީގެއިތުރުން ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފީފާގެ އެތައް ގަވައިދުތަކަކާއި މާއްދާތަކަކާއި އަހްމަދު ހިލާފުވެފައިވާތީވެ ފުޓުބޯޅައިގެ އިދާރީ ކަންކަމާއި އަމަލީގޮތުން ކުރަން ޖެހޭ އެންމެހާ ކަންތައްތައް، ގައުމީ ފެންވަރުގައިވެސް އަދި ބައިނަލް އަގުވާމީ ފެންވަރުގައިވެސް އަހްމަދު ބައިވެރިވުން މަނާކުރާ ކަމަށެވެ.

އަހްމަދު ސީއޭއެފްގެ ރައީސްކަމާއި ހަވާލުވީ ގިނަދުވަސްތަކެއް ވަންދެން އެމަގާމުގައި ހުރި އީސާ ހަޔޫތީ ބަލިކުރުމަށްފަހު 2017 ވަނަ އަހަރުގައެވެ.