މިއަދު ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލްގައި ރިއަލް މެޑްރިޑް އަދި ލިވަޕޫލް ވާދަކުރާއިރު މިމެޗަކީ މިއަހަރުގެ ބެލޮންޑިއޯ އަށް ސަލާހު އަދި ރޮނާލްޑޯ ވެސް ވާދަކުރާ މެޗެވެ.

ލިއޮނެލް މެސީ އަދި ރޮނާލްޑޯ ފާއިތުވި ގިނަ އަހަރު ތަކުގެ ތެރޭގައި މި އެވޯޑު ނަގަމުން އައި ނަމަވެސް މިސީޒަނުގައި ސަލާހު ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް ވެސް ބެލޮންޑިއޯ ހައްގު ކަމަށް ގިނަ ބަޔަކު ބުނެއެވެ. ކިއެވްގެ ގިނަ ނޫސް ތަކުގެ ހެޑްލައިންގައި ވަނީ 25 އަހަރުގެ ސަލާހު އަދި ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯ އާއި ދެކުޅުންތެރިންގެ ކުރިމަތުލުމުގެ ވާހަކައެވެ.

އެހެން ނަމަވެސް ރޮނާލްޑޯ ގާތުން އޭނާ އާއި ސަލާހު އާއި ދެމެދު ހުރި ތަފާތަކީ ކޮބައިތޯ އަހާލުމުން އޭނާ ބުނެފައިވަނީ، ހުރިހާ ކުޅުންތެރިންނަކީ ވެސް ތަފާތު ކުޅުންތެރިން ކަމަށެވެ.

" ގިނަ މީހުން އަހަރެންނާއި އެހެން ކުޅުންތެރިންނާއި އަޅާ ކިޔާނެ، އަހަރެން ހުރިހާ ކުޅުންެރިންނާއި ތަފާތު، ސަލާހުވެސް އެހެން ކުޅުންތެރިންނާއި ތަފާތު، އެހެން ކަމުން އަހަރެމެން ދެމީހުންވެސް އެއްގޮތް ނުވާނެ" ރޮނާލްޑޯ ބުންޏެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނެފައިވަނީ ސަލާހު ވާތުފައިން ކުޅޭ އިރު އޭނާ ކުޅެނީ ކަނާތު ފައިން ކަމަށާއި ރޮނާލްޑޯ ދިގު އިރު ސަލާހު ތަންކޮޅެއް ކުރު ކަމަށެވެ. ހަމަ އެހެންމެ ރޮނާލްޑޯ ބޮލުން ގިނަ ބޯޅަ ކުޅޭއިރު އެއީ އެހެން ކުޅުންތެރިންވެސް ތަފާތު ވާނެ ކަމަށެވެ.

" އަހަރެން ބުނަން އޮތް އެއްޗަކީ ސަލާހު ސީޒަން ނިންމާލީ ވަރަށް ފުރިހަމަ ކޮށް، ހޮނިހިރު ދުވަހު އެކަން އަހަރެން ބަލާނަން" ރޮނާލްޑޯ ބުންޏެވެ.

ޗެމްޕިއަންސް ލީގު ފައިނަލް ފެށޭނީ 26 މެއި ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 11:45 ގައެވެ.