ގއ. ކަނޑުހުޅުދޫގައި ކުރިއަށްދާ ލިބޭ ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ތަފާތު ބޮޑު ނަތީޖާއަކުން އާރުޑީ ސްޕޯޓްސް ކުލަބް ބަލިކޮށް ވަކަރުގޭ ސްޕޯޓްސް ކްލަބުން ޖެހިޖެހިގެން ތިން ވަނަ މޮޅު ހޯދައިފި އެވެ.

ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗް ވަކަރުގޭ އިން ކާމިޔާބުކުރީ 7-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ހާފް ނިމުނީ 0-0 އިންނެވެ. ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި އާރުޑީގެ ކުޅުން ވަރަށް ބޮޑަށް ދަށްވި އިރު މި ހާފް މުޅިންހެން ޑޮމިނޭޓް ކޮށްގެން ކުޅުނީ ވަކަރުގޭ އިންނެވެ. މެޗްގައި ވަކަރުގޭ އަށް ގޯލް ތައް ޖަހައިދިނީ އަލީ އަޒްވާން، ޝުޖާއު ހުސެއިން، އިބްރާހިމް ހާމިދް އަދި އަލީ ސައީދެވެ. މީގެ ތެރެއިން މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހާމިދް ތިން ގޯލް ޖެހިއިރު އަޒްވާން ވަނީ ދެ ގޯލް ޖަހައިފަ އެވެ.


މިއަދުގެ
މޮޅަކީ ވަކަރުގޭ އިން މި މުބާރާތުގައި ހޯދި ތިން ވަނަ މޮޅެވެ. ވަކަރުގޭ ކުޅުނު ފުރަތަމަ މެޗްގައި އެސްޕާޑާ އަތުން ބަލިވި ނަމަވެސް އެ ޓީމުން ވަނީ އޭގެ ފަހުން ކުޅުނު ތިން މެޗްގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. ހަތަރު މެޗުން ލިބުނު 09 ޕޮއިންޓާއެކު ވަކަރުގޭ ތާވަލުގެ ދެވަނަ އަށް ޖެހިލިއިރު ކުރިން އެ ޓީމާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތް ކަންމަތި ތިންވަނަ އަށް ވެއްޓުނީ ގޯލްގެ ތަފާތުން ވަކަރުގޭ އަށް ކުރި ލިބޭތީއެވެ. އެހެންނަމަވެސް މިރޭ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އެސްޕާޑާ އާއި ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން އަލުން ތާވަލުގެ ކުރިއަށް އެރުމުގެ ފުރުސަތު ކަންމަތި ޓީމަށް އޮންނާނެ އެވެ.

ވަކަރުގޭ އިން ޖެހިޖެހިގެން ތިން ވަނަ މޮޅު ހޯދައި ސެމީގެ ޖާގައެއް ކަށަވަރު ކުރި އިރު މިއަދު މެޗަކީ އާރުޑީ ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. މުޅިއެކު ހަތަރު މެޗުން އާރުޑީ އަށް ލިބިފައިވަނީ 03 ޕޮއިންޓެވެ. މުބާރާތުގައި އެ ޓީމަށް ބާކީ ދެން އޮތީ ގެމަނަފުށި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗް ކުޅޭނީ މާދަމާ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރު ކޮށްފައިވަނީ ވަކަރުގޭގެ އިތުރުން އެސްޕާޑާ އަދި ކަންމަތި އެވެ. މިއަދުގެ މެޗުން އާރުޑީ ބަލިވުމުން ސެމީގެ ފަހު ޖާގައިގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ސެމީގެ ފަހު ޖާގައަށް ވާދަކުރާ ދެ ޓީމެއް ކަމަށްވާ ގެމަނަފުށި ސްޕޯޓްސް ކްލަބް އަދި ބޮއްކުރާގެ ފޯރިގަދަ ކުރިމަތިލުން މިރޭ އޮންނާނެ އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.