ގއ. ކަނޑުހުޅުދޫގައި ކުރިއަށްދާ ލިބޭ ފުޓްސަލް މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުޅޭ އިރު މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ އަށް ވާދަކުރަނީ އެފްސީ ބޮއްކުރާ އަދި އާރުޑީ ސްޕޯޓްސް ކްލަބެވެ.

ގދ ގައްދޫ އަށް ނިސްބަތްވާ ބޮއްކުރާ އިން ވަނީ ރޭ އެ ޓީމްގެ ފުރަތަމަ މޮޅު ހޯދައި ސެމީ އަށް ދިއުމުގެ އުއްމީދު އާކޮށްފައެވެ. ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާއެކު ބޮއްކުރާ ހަތަރު ވަނައިގައި އޮތްއިރު ފަސްވަނައިގައި އޮތް އާރުޑީ ސްޕޯޓްސް ކްލަބަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މުބާރާތުގެ ލީގު ބުރުގައި ބޮއްކުރާ ކުޅޭ ފަހު މެޗްގައި އެ ޓީމުން މިއަދު ހަވީރު 17:00 ގައި އެފްސީ އެސްޕާޑާ އާއި ދެކޮޅަށް ނުކުންނާނެއެވެ. ގޯލްގެ ތަފާތުން އާރުޑީ އަށް ވުރެ މިވަގުތު ކުރީގައި އޮތީ ބޮއްކުރާއެވެ. އެސްޕާޑާއާ ދެކޮޅަށް ކުޅޭ މެޗް ބޮއްކުރާ ކާމިޔާބުކޮށްފި ނަމަ އާރުޑީ އަށް ސެމީ އަށް ދަތުރު ކުރެވޭނީ މިރޭ 21:30 ގައި ގެމަނަފުށި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށް ގޯލްގެ ތަފާތުން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރު ކޮށްފައިވަނީ ވަކަރުގޭ ސްޕޯޓްސް ކްލަބް އަދި އެސްޕާޑާގެ އިތުރުން ކަންމަތި ސްޕޯޓްސް ކްލަބެވެ. ބާރަ ޕޮއިންޓާއެކު އެސްޕާޑާ ތާވަލުގެ އެންމެ ކުރީގައި އޮތް އިރު ނުވަ ޕޮއިންޓާއެކު ދެވަނައިގައި އޮތީ ވަކަރުގޭއެވެ. ތިންވަނައިގައި އޮތް ކަންމަތި ޓީމަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.