ބޯކޮށަން ބާސާ ޓީމުގެ މެނޭޖްމަންޓުން އެންގި ނަމަވެސް އެކަން ނުކުރާނެ ކަމަށް އެޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން ބުނެފިއެވެ.

އެތްލެޓިކޯ މެޑްރިޑުން ބާސާއަށް ބަދަލުވިފަހުން އަދި އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާތީވެ ބާސާގެ ސަޕޯޓަރުންގެ ފަރާތުން އޭނާއަށް އަންނަނީ ދަނޑުމަތީގައި ދައްކާ ކުޅުމުގެ އިތުރުން ދަނޑުން ބޭރުގައި އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކާއި ބެހި ފާޑުކިޔުންތަކާއި އަމާޒުވަމުންނެވެ.

އުންމީދީ ކެރިއަރެއް ބިނާކުރަމުން އައި ގްރީޒްމަން ބޮލުގެ އިސްތަށިގަނޑު ދިގުކުރަން ފަށާފައިވަނީ 2017 ވަނަ އަހަރު އެތްލެޓިކޯއާއި އެކު ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހު ބާސެލޯނާއަށް ބަދަލުވިފަހުންނެވެ.

ބޭރުގެ ކުޅިވަރު މަޖައްލާއަކާއި ވާހަކަދައްކަމުން ގްރީޒްމަން ބުނީ ބާސާއަށް ބަދަލުވިފަހުން އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ވަރަށް ހިތްދަތިވާފަދަ ފާޑުކިޔުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެހެންނަމަވެސް ޓީމާއެކު ތިންއަހަރު ހޭދަކުރަމުންދާއިރު ދުވަހަކުވެސް މީޑިއާ ކުރިމަތީ ޓީމާއިމެދުވެސް އަދި ޓީމުގެ ސަޕޯޓަރުންނާއި މެދުވެސް ހިތްހަމަ ނުޖެހިގެން ވާހަކަދައްކާފައި ނުވާނެ ކަމަށާއި އެހެންނަމަވެސް މިހާރު ކަންތައްތައް ހައްދުފަހަނަ އަޅާފައިވާ ކަމަށާއި މިކަން ހަމަ މަގަށް އަޅުވަންވީ ވަގުތު އައިސްފިކަމަށެވެ.

އަދި އޭނާގެ ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައިވަނީ އޭނާގެ އަންހެނުންނާއި ދަރިންނަށް އެގޮތް ކަމުދާތީ ކަމަށާއި ސަޕޯޓަރުންގެ އިތުރުން ޓީމުގެ އެންމެ އިސް މެނޭޖްމަންޓުން ބުނިކަމުގައިވިޔަސް އިސްތަށިގަނޑު ނުކޮށާނެ ކަމަށް ގްރީޒްމަން ވަނީ ބުނެފައެވެ.

މިސީޒަނުގައި ބާސާ ލަލީގާގައި ކުޅުނު އަށް މެޗުން ގްރީޒްމަން އަށް ކާމިޔާބުކުރެވިފައި އެންމެ ދެލަނޑެވެ. އޭނާ އެތްލެޓިކޯ މެޑްރިޑުން ބާސާއަށް ބަދަލުވީ 120 މިލިއަން ޔޫރޯގެ ބޮޑު ޓްރާންސްފަރ ފީއެއްގައެވެ.