ޕްރިމިއަރ ލީގްގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ހޯދުނު ރަތްކާޑާއި މެދު ދެރަވާ ކަމަށާއި އާސެނަލްގެ މުޅި ޓީމުގެ ކިބައިން މާފައް އެދޭކަމަށް އެޓީމުގެ ފޯވާޑް ނިކޮލަސް ބުނެފިއެވެ.

ޕެޕޭއަށް މެޗުގައި ރަތްކާޑު ދައްކާފައިވަނީ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނިސް ލީޑްސް ޔުނައިޓެޑްގެ ޑިފެންޑަރު އެލިއޮސްކީއަށް ބޮލުން ހަމަލާދިނުމާއި ގުޅިގެންނެވެ. އާސެނަލްގެ ކޯޗް މިކެލް އާޓެޓާވެސް ވަނީ ޕެޕޭގެ މި އަމަލު ކުއްވެރިކުރާ ކަމަށާއި މިއީ ބަލައިނުގަނެވޭނެ ކަމެއް ކަމަށް ބުނެފައެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޕެޕޭ ބުނީ މެޗުގައި އޭނާގެ ބޭނުން ޓީމަށް އެންމެ ބޭނުންވި ގަޑީގައި ޓީމުން އޭނާއާއިމެދު ކުރި އުންމީދުތައް ފުނޑުފުނޑު ކޮށްލެވިއްޖެ ކަމަށާއި އޭނާގެ މި އަމަލަކީ އެއްވެސް ހާލަތެއްގައި ކުރަން ރަނގަޅުކަމެއް ކަމަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތްކަން ގަބޫލްކުރާ ކަމަށްބުނެފައެވެ. އަދި މިކަމާއި އިންތިހާއަށް ދެރަވާކަމަށާއި ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން ކޯޗުގެ ކިބައިންވެސް މާފައް އެދޭކަމަށް ޕެޕޭވަނީ ބުނެފައެވެ.

ޕެޕޭގެ މި އަމަލާއި ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް ބައެއް ފަރާތްތަކުން މިކަމުގައި ކުއްވެރިކުރަނީ އެލިއޮސްކީއެވެ. އޭގެއިން ބައެއް ފަރާތްތައް ބުނާގޮތުގައި ޕެޕޭއަށް މިގޮތައް އަމަލުކުރަން މަޖުބޫރުކުރުވީ ގައިގައި އަތްނުލާ އަނގަބަހުން އެލިއޮސްކީ ކުރި ފުރައްސާރަ ކަމަށެވެ. އަދި އެކަމުގެ އަދަބު އެލިއޮސްކީއަށް ލިބެން ޖެހޭނެކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މެޗަށްފަހު ދެޓީމުގެ ފަރާތުންވެސް ވަނީ ރަސްމީ ބަޔާނެއް މިކަމާއި ގުޅިގެން ނެރެފައެވެ. އަދި މިމައްސަލައިގައި އަސްލު ކުއްވެރިވާ ފަރާތަކީ ކޮބައިކަން ބަލާނެ ކަމަށާއި ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުއްވެރިވާ ކުޅުންތެރިއަކަށް ހައްގުވާ އަދަބު ދޭނެކަމަށެވެ.

ޕެޕޭ އާސެނަލްއަށް ބަދަލުވީ ފްރާންސްގެ ލިލް އިން 72 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައެވެ. އޭނާވަނީ މިހާތަނަށް ކުޅެދިން 42 މެޗުން އަށް ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.