މެޗުތެރޭގައި އެހެން ކުޅުންތެރިން ކުރާ ފައުލްތަކުގެ ސަބަބުން ދަނޑުމަތީގައި ނޭމާ ޖައްސަނީ އެކްޓެއް ނޫން ކަމަށާއި އޭނާގެ ފަޔަކީ އެހެން ކުޅުންތެރިންނާއި ހިލާފަށް ވަރަށް ސެންސިޓިވް ފައެއް ކަމަށް ޕީއެސްޖީގެ އެސިސްޓަންޓް ކޯޗް ޒޯލްޓް ލޯ ބުނެފިއެވެ.

ބޭރުގެ ކުޅިވަރު މީޑިއާއަކާއި ވާހަކަދައްކަމުން ލޯ ބުނީ ފައުލްވީމައި ނޭމާ ދަނޑުމަތީގައި އުޅޭގޮތުން ބަލަން ހުންނަ މީހަކަށް އެއީ އެކްޓުހެން ހީވެދާނެ ކަމަށާއި އެހެންނަމަވެސް އެއީ އެކްޓެއް ނޫންކަމަށާއި އެއީ އޭނާ ފުޓުބޯޅަ ކުޅެން ފެށިއްސުރެވެސް ހުންނަ ޖިސްމާނީ މައްސަލައެއްގެ ސަބަބުން އޭނާގެ ފަޔަށް އެހެން ކުޅުންތެރިންނަށް ވާ ތަދަށްވުރެ ބޮޑަށް ތަދުވާތީ އުޅޭގޮތެއް ކަމަށެވެ.

މީގެއިތުރުން ލޯ ބުނީ ނޭމާގެ މި "ބަލީ"ގެ ހަގީގަތް އިނގޭ ބައެއް އިދިކޮޅު ކުޅުންތެރިން ގަސްތުގައި ނޭމާއަށް އަނިޔާ ދިނުމުގެ ބޭނުމުގައި ވަރަށް ނުރައްކާތެރި ފައުލު އޭނާއަށް ކުރާކަމަށެވެ. އަދި އެކަމުގެ ސަބަބުން އަނިޔާތަކާއި ކުރިމަތިވެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި އޭނާ ހުންނަން ޖެހޭކަމަށްވެސް ލޯ ވަނީ ބުނެފައެވެެ.

ލޯ ބުނިގޮތުގައި ނޭމާއަކީ ރުޅިގަދަ ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ ވަރަށް ހިތްތިރި ކުޅުންތެރިއެއް ކަމަށާއި އޭނާ ބޭނުންވާނީ އަމާން ކަމާއެކު މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗު ނިންމާލަން ކަމަށެވެ. "ނޭމާއަކީ އޭނާގެ ތަބިއްޔަތުގައި ރުޅިވެރިކަން އިސްކުރާ ކުޅުންތެރިއެއް ނޫން. އޭނާ ބޭނުންވާނީ މޮޅަށް ކުޅެ ޓީމު މެޗުން މޮޅުވެ އެއްވެސް ހަމަނުޖެހުމެއް ނުހިންގާ މެޗު ނިންމާލަން. އެކަމަކު އިދިކޮޅު ޓީމުގެ ކުޅުންތެރިން އޭނާއަށް ކެނޑިނޭޅި ފައުލް ކުރަމުން ދިޔުމާ ގުޅިގެން އޭނާ ރުޅިގަދަވަނީ".

ޗެމްޕިއަންސް ލީގުގައި ކުރިއަށް އޮތް މެޗުގައި ނޭމާ ފެނިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ލޯ ބުނީ ނޭމާ 100 އިންސައްތަ ފިޓު ނޫންކަމަށެވެ. އެހެންނަމަވެސް އޭނާގެ ތަޖުރިބާއާއި އޭނާގެ ހުނަރުވެރިކަން ޕީއެސްޖީ ޓީމަށް ވަރަށް މުހިންމު ކަމަށް ލޯ ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުގައި ފާހަގަކޮށްލެވޭ ނޭމާ ވަނީ ކެރިއަރުގައި 247 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ޖުމްލަ 22 ޓްރޮފީ އޭނާ ކުޅެފައިވާ ޓީމުތަކާއި އެކު ހޯދާފައިވާއިރު އޭނާގެ ގައުމީ ޓީމް ބްރެޒިލްއަށް ކުޅެދިން 103 މެޗުން ނޭމާވަނީ 64 ލަނޑު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ވީމާ ތި ނޭމާއަކީ އަންހެނެއްނު! ދެން ކުޅޭ މެޗެޗަކަށް ނެރޭއިރު ފައްޓަރުބަޔާ އުޅާބަޔަކާ ތަކަހޮޅި އަޅުވާފަ ނެރޭތި ވަރަށް ސެންސިޓިވްކޮށް!

    8
    27
    • ........

      އަހަރުމެން ހެއްދެވި ފަރާތް މާތްﷲ އިންސާނުނައް ދެއްވާފައި ވޭ. ތި މީހުނައް ކަމުނުދާ ކުޅުން ތެރިއަކައް ވީމަ ނުޖެހޭނެ އެހެން މީހުނާ ދިމާލައް އެއްޗެހި ކިޔާކައް. މާތްﷲ އިންސާނުނައް ދެއްވާފައިވާ ގުނަވަން ތަކައް ހަމަ މަލާމާތް ކޮއްތިހަދަނީ.

      28
      1
  2. ....

    ހަގީގަތަކީ އެމީހަކައް ކަމުނުދާ ކުޅުންތެރިއަކައް ކިތައްމެ ބޮޑު އަނިޔާއެއް ވިޔަސް އެކަމެއް ޤަބޫލެއް ނުކުރާނެ. ދުނިޔެ އަކީ މިހާރު މުލިޅިން ހަލާކު ވެފަ ތިބި ބަޔަކު އުޅޭ ތަނެއް. ގިނަ ދިވެހިން ވެސް ތިބެނީ އެ ހަލާކު ތެރެއައް ވެއްޓިފަ.

    12