ޗެމްޕިއަންސް ލީގުގައި ރޭ މެޗު ނިމެންދަނިކޮށް އޮލިވަރ ޖިރޫޑް ބޮލުން ކާމިޔާބުކޮށްދިން ލަނޑާއެކު މިމުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޗެލްސީ ކަށަވަރުކޮށްފިއެވެ.

ރެނެސްއާއި ދެކޮޅަށް ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ އެޓީމަށް ލީޑުނަގައިދިނީ ހަޑްސަން އޮޑޯއި އެވެ. މި ލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރީ މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މި ލަނޑަށްފަހު މެޗުގެ ބޮޑުބައެއް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ކުރިއަށް ގޮސްފައިވާއިރު މެޗުގައި ރެނެސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ބެންޖަމިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިރެސީއެވެ.

ޗެލްސީއަށް މެޗުގައި ތިން ޕޮއިންޓް ކަށަވަރުކޮށް ނޮކްއައުޓް ސްޓޭޖްގެ ޖާގައެއް ކަށަވަރުކޮށްދިން ލަނޑު ޖިރޫޑް ކާމިޔާބުކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ބޮލުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެނެވެ.

މި ގްރޫޕުން ސެވިއްޔާވެސް ވަނީ ކްރަސްނޮޑާރް އަތުން މޮޅުވެ މުބާރާތުގެ ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށްފައެވެ. ރޭ ކްރަސްނޮޑާރްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ސެވިއްޔާ ވެސް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ސެވިއްޔާއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބާސެލޯނާގައި ހުރުމަށްފަހު މި ސީޒަނުގައި އެޓީމަށް ބަދަލުވި ކްރޮއޭޝިއާގެ އިތުބާރު މިޑްފީލްޑަރު އިވާން ރަކިޓިޗްއެވެ.

ނަތީޖާ ހަމަހަމަކޮށް ކްރަސްނޮޑާރްއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ވެންޑާސަންއެވެ. އަދި ސެވިއްޔާއިން މެޗު ކާމިޔާބުކުރި ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހައްދާދީއެވެ.

މި ގުރޫޕުގެ އެއްވަނައިގައި ޗެލްސީ 10 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި ސެވިއްޔާވެސް އޮތީ 10 ޕޮއިންޓާއެކުއެވެ. ޗެލްސީއަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ތާވަލުގެ ހަތަރު ވަނައިގައި ކްރަސްނޮޑާރްވެސް އަދި ފަސްވަނައިގައި ރެނެސްވެސް އޮތީ އެންމެ ޕޮއިންޓަކާއި އެކުއެވެ.