ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ގަދަބާރު ބާސެލޯނާއިން އެޓީމުގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިއާ ލިއޮނެލް މެސީއާއި ނުލާ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ޑައިނަމޯ ކީވްއާއި ދެކޮޅަށް އެޓީމުގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 0-4ގެ ބޮޑު ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަނަމަވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ބާސާއިން މެޗުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ 7 ވަނަ މިނެޓުގައި ޑިފެންޑަރު ސާޖީނޯ ޑެސްޓެވެ.

އޭގެ ފަސްމިނެޓު ފަހުން އޮސްކާ މިންގުއޭޒާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސާއަށް ލީޑު ފުޅާކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ ޑެންމާކުގެ ތަޖުރިބާކާރު ފޯވާޑް މާޓިން ބްރެއިތްވެއިޓް އެވެ. ބާސާގެ ތިންވަނަ ލަނޑަކީވެސް ބްރެއިތްވެއިޓް ކާމިޔާބުކޮށްދިން ލަނޑެކެވެ. ޑައިނަމޯ ކީވްގެ ޑިފެންޑަރަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި މިލަނޑު ބްރެއިތްވެއިޓް ކާމިޔާބުކޮށްފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ.

ބާސާއިން މެޗުގައި ޖެހި ފަހުލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގައި ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

މިގުރޫޕުގެ ދެވަނަ މެޗުގައި ފެރެންކްވަރޮސް އަތުން ޔުވެންޓަސް މޮޅުވި އިރު މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ އެޓީމުގެ ތަރި ވަނީ ހޯމް މެޗުތަކުގައި 70 ލަނޑު ކާމިޔާބުކޮށް ބާސާއަށް ކުޅޭ އޭނާއާއި އެންމެ ވާދަވެރި މެސީގެ ހޯމް މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ.

ރޮނާލްޑޯ މެޗުގައި ލަނޑު ޖެހުމުގެ ކުރިން ފެރެންކްވަރޮސްގެ މީރްޓޯ އުޒުނީވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ ލީޑުނަގާފަައެވެ. ރޮނާލްޑޯ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައެވެ.

މެޗުން ޔުވެންޓަސް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.

މެޗުން މޮޅުވެ 12 ޕޮއިންޓާއެކު ބާސާ މިގުރޫޕުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި ޔުވެންޓަސް އޮތީ 9 ޕޮއިންޓާއެކުގައެވެ. ތިނަވަނައިގައި ޑައިނަމޯ ކީވް އޮތްއިރު ތާވަލުގެ ފުލުގައި އޮތީ ފެރެންކްވަރޮސް އެވެ.