ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ކުޅުނު މެޗުގައި ބްރޫނޯ ފެރްނާންޑޭޒްގެ ބޮޑު އެހީތެރިކަމަކާއި އެކު ލީގުގެ ގަދަ 16ގެ ކުރިމަތިލުމުން ޖާގަ ހޯދުމުގެ ފުރުސަތު މެންޗަސްޓަރ ޔުނައިޓެޑް ބޮޑުކޮށްފިއެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އެޓީމުން ތުރްކީގެ އިސްތާންބުލް ބަޝަކްޝަހިރްގެ މައްޗަށް ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޔުނައިޓެޑުން ފުރަތަމަ ލަނޑު ޖަހާ ލީޑުނެގިއިރު މިލަނޑު މެޗުގެ 7 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަނުގައި ޔުނައިޓެޑުން ހޯދާ ގިނަ ކާމިޔާބީތަކުގައި އިސް ދައުރެއް އަދާކުރަމުންދާ ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް އެވެ. އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފެނާންޑޭޒް އެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑުން އިތުރު ލަނޑެއް ކާމިޔާބުކޮށްފައިވާއިރު ލިބުނު ޕެނަލްޓީއެއްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި މާކަސް ރަޝްފޯޑެވެ.

މެޗުގައި ބަޝަކްޝަހިރުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނިޒް ޓުރުކްއެވެ. ޔުނައިޓެޑުން މެޗުގައި ޖެހި ފަހުލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޑެނިއެލް ޖޭމްސް އެވެ.

މިގުރޫޕުގެ ދެވަނަ މެޗުގައި އާރްބީ ލިޕްޒިގް އަތުން ޕީއެސްޖީއަށް 3 ޕޮއިންޓް ހޯދާދިނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައި އެޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ނޭމާ ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުންނެވެ.

މިދެމެޗުގެ ނަތީޖާއަށް ފަހު މިގުރޫޕުގެ އެއްވަނަ 9 ޕޮއިންޓާއެކު ލިބެނީ މެންޗަސްޓަރ ޔުނައިޓެޑަށެވެ. ދެވަނައިގައި ޕީއެސްޖީ އޮތީ 6 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ލިޕްޒިގުވެސް އޮތީ ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެނެވެ. ޕީއެސްޖީއަށް ދެވަނަ ލިބެނީ ލިޕްޒިގުގެ މައްޗަށް ގޯލުގެ ތަފާތުން ކުރިހޯދައިގެނެވެ. ގުރޫޕުގެ ފުލުގައި 3 ޕޮއިންޓާއެކު އޮތީ އިސްތާންބުލް ބަޝަކްޝަހިރެވެ.