ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗުގެ ފެވަރިޓުންނަކީ ރެއާލް މެޑްރިޑް ނޫންކަމަށް އެ ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް އާއި ލިވަޕޫލް މިރޭ ބައްދަލުކުރާއިރު ފާއިތުވި ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ރެއާލް އިންނެވެ. މި މުބާރާތް ލިވަޕޫލް އަށް އެންމެފަހުން ކާމިޔާބުކުރެވިފައިވަނީ 2005 ވަނަ އަހަރުއެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޒިދާން ބުނީ ފައިނަލް މެޗަކި އަބަދުވެސް ތަފާތު މެޗެއް ކަމަށާއި މި މެޗުގެ ފެވަރިޓުންނަކީ ރެއާލް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"މި މެޗުގެ ފެވަރިޓުންނަކީ ރެއާލް ކަމަށް އަހަރެންވެސް އަދި ކުޅުންތެރިން ވެސް ގަބޫލެއް ނުކުރޭ. އެފަދަ އިހުސާސެއް ވެސް އަހަރުމެންނަށް ނުކުރެވޭ. އެއީ ހަމަ މީހުން ދައްކާ ވާހަކަތައް. މި މެޗުން މޮޅުވުމުގެ ފުރުސަތު އަހަރުމެންނަށް އޮތް ވަރަށް ހަމަ ލިވަޕޫލް އަށް ވެސް އެބައޮތް" ޒިދާން ބުންޏެވެ.

ފައިނަލް މެޗުތަކަކީ އަބަދުވެސް ވަރަށް ވާދަވެރި މެޗުތަކެއް ކަމަށާއި މިރޭގެ މެޗުން މޮޅުވާން ބޭނުންވާނަމަ ރެއާލް އިން ވަރަށް ރަނގަޅު ކުޅުމެއް ދައްކަންޖެހޭނެ ކަމަށްވެސް ޒިދާން ބުންޏެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރުމަށް ރެއާލް އިން މިރޭ ނިކުންނައިރު އެ ކްލަބުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ މި މެޗަށް ރެއާލް އިން ނިކުންނާނީ މިއީ އެ ކްލަބުން ކުޅޭ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފައިނަލްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"ރެއާލް އަކީ އަބަދުވެސް ކާމިޔާބީތައް ހޯދައި މެޗުތަކުން މޮޅުވާން ކެތްމަދުވެފައި އޮންނަ ކްލަބެއް. މިއީ މިރޭގެ މެޗުން އަހަރުމެން މޮޅުވާން ބޭނުންވާ މައިގަނޑު އެއް ސަބަބު. އަނެއްކޮޅުން މިރޭގެ މޮޅާއެކު ތާރީހީ ކަމެއް ކޮށްލުމުގެ ފުރުސަތު އަހަރުމެންނަށް ލިބިފަ އޮތުމަކީ މި މެޗު އިތުރަށް ހާއްސަ ވެގެންދާ ކަމެއް" ރާމޯސް ބުންޏެވެ.

މި މެޗަށް ނިކުންނައިރު މާޒީގައި ރެއާލް އިން ހޯދާފައިވާ ކާމިޔާބީތަކަށް ބެލުމުގެ ބޭނުމެއް ނެތް ކަމަށްވެސް ރާމޯސް ބުންޏެވެ. އަދި ފައިނަލަށް އާދެވުމުން އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ މުހިއްމު ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

ޔުކްރޭންގެ ކިއެވްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11:45 ގައެވެ.