މިޖީލުގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ޑިފެންޑަރަކީ ކޮބައިތޯ އަހައިފި ނަމަ ގިނަ ފަރާތްތަކަކުން އިއްތިފާގު ވާނީ އެއީ ރެއާލް މެޑްރިޑް އަދި ސެޕެއިންގެ ވެސް ކެޕްޓަން ސާޖިއޯ ރާމޮސް ކަމަށެވެ. އަދި ހަމަ މިގޮތަށް މި ޖީލުގެ އެންމެ އެގްރެސިވް އެންމެ ނުރައްކާތެރި ކުޅުމެއް ކުޅޭ ޑިފެންޑަރަކީ ކޮބައިތޯ އަހައިފި ނަމަވެސް ގިނަ ބަޔަކު އެއީ ރާމޮސް ކަމަށް އިއްތިފާގުވާނެއެވެ.

ހާއްސަ ގޮތެއްގައި ރެއާލްއާ ވާދަވެރި ބާސެލޯނާގެ ސަޕޯޓަރެއްގެ ގާތުން ރާމޮސް ސިފަކޮށްދޭން ބުނެފިކަމުގައިވާ ނަމަ އޭނާ ސިފަކޮށްދޭނީ އަނިޔާވެރި، ރަތް ކާޑާ ގާތް އެންމެ ގިނަ ރަތްކާޑު ހޯދާފައިވާ ކުޅުންތެރިއާގެ ގޮތުގައެވެ.

ނަމަވެސް ތާރީހަށް ބަލައިފިނަމަ ކަންއޮތީ އެގޮތަކަށް ނޫނެވެ. ރާމޮސްގެ ކާމިޔާބު ދިގު ކެރިއަރުގައި ހީކުރާ ގޮތާ ހިލާފަށް ލިބިފައިވަނީ 26 ރަތް ކާޑެވެ. ޑިފެންޑަރަކަށް ހޯދޭނެ އެންމެ ގިނަ ރިކޯޑް އޮތް އެއް ކުޅުންތެރިއާ ކަމުގައިވާ ރާމޮސް އަށްވުރެ ރަތްކާޑު ހޯދުމުގެ ރޭހުގެ ކުރީގައި ލިސްޓުގެ އެއްވަނައިގައި އޮތީ ކޮލަމްބިއާގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއާ ޖެރާޑޯ ބެޑޯޔާއެވެ. "ދަ ބީސްޓް"ގެ ނަމުން މަޝްހޫރުވެފައިވާ މި ޑިފެންޑަރުގެ ކެރިއަރުގައި 46 ރަތް ކާޑު ހޯދާފައިވެއެވެ.

ވިހި އަހަރުގެ ދިގު ކެރިއަރަކަށްފަހު ޖެރާޑޯ ފުޓުބޯޅަ ކުޅުން ހުއްޓާލާފައިވަނީ 2015 ވަނަ އަހަރުއެވެ. ދުނިޔޭގެ މަޝްހޫރު ބައެއް ކްލަބްތަކުގެ ޑިފެންސް ލައިން ބެލެހެއްޓުމުގެ ޒިންމާވެސް އުފުލާފައިވާ ޖެރާޑޯ ވަނީ އޭނާގެ ކެރިއަރުގައި 552 މެޗު ކުޅެ 52 ލަނޑު ކާމިޔާބުކޮށްފައެވެ.

ޖެރާޑޯ އޭނާގެ ކެރިއަރުގެ އެންމެ ފަހު ރަތްކާޑު ހޯދާފައިވަނީ 2012 ވަނަ އަހަރު ކޮލަމްބިއާގެ ކްލަބެއް ކަމަށްވާ ސަންޓާ ފޭއަށް ކުޅެދިން މެޗެއްގައެވެ. މިމެޗުގައި އޭނާއަށް ރެފްރީ ރަތްކާޑު ދައްކާފައިވަނީ އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި އުޅަނބޮށިން ޖެހުމަށްފަހު ބިންމައްޗަށް ވައްޓާލާ ފައިން އޭނާގެ ބޮލުގައި އެތައް ފަހަރެއްގެ މަތިން ޖެހުމާއި ގުޅިގެނެވެ.