ފުޓުބޯޅައިގެ އެންމެ ނުފޫޒު ގަދަ އަދި އެންމެ ޝަރަފުވެރި ބައްރަކީ ޔޫރަޕެވެ. ހާއްސަ ގޮތެއްގައި އިނގިރޭސި ވިލާތަކީ ފުޓުބޯޅައިގެ އެންމެ ދުވަސްވީ އަދި އެންމެ ވަރުގަދަ ފުޓުބޯޅަ ލީގު ހިންގާ އަދި އެންމެ ނުފޫޒު ގަދަ ފަރާތްތަކަކީވެސް ޔޫރަޕާއި އިނގިރޭސިވިލާތަށް ނިސްބަތްވާ ފަރާތްތަކެވެ.

ނަމަވެސް ބޯޅައިގެ މައި ހަބަކީ ނުވަތަ ފުޓުބޯޅައިގެ އަސްލު "ހޯމް" އަކީ ޕާކިސްތާން ކަން އެނގޭހެއްޔެވެ؟

ފުޓުބޯޅަ ކުޅުމަށް ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު ބޯޅަ އުފައްދަނީ ޔޫރަޕުގެ ތަހުޒީބު ސިޓީތަކުގައި ކަމަށް އޮންނަނީ ހީވެފައެވެ. މިހެން ހީނުވާންވީ ސަބަބެއްވެސް ނެތެވެ. ހުރިހާ ގޮތަކުން ވެސް އެންމެ ކުރިއަރާފައިވާ ކަމަށް ދައުވާކުރަނީ ވެސް އެ ބައްރުގެ ފަރާތްތަކުންނެވެ.

ނަމަވެސް އަޅުގަނޑުމެންނަށް ނޭނގި އޮތް ހަގީގަތަކީ ޔޫރަޕުގެ ވިޔަސް އަދި ތަރައްގީވެފައިވާ ކަމަށް މި ބުނާ ގައުމުތަކުގެ ބޮޑެތި ކުންފުނިތަކުގެ މެނުފެކްޗަރިންގް ކާރުހާނާތައް ހުންނަނީ އޭޝިއާގެ ކޮންމެވެސް ގައުމެއްގައި ކަމެވެ.

މިގޮތުން ދުނިޔޭގައި އުފައްދާ ބޯޅައިގެ ހަތަރު ބައިކުޅަ ތިން ބައި ބޯޅަ އުފައްދަނީ ޕާކިސްތާނުގައެވެ. އަދި ހައިރާންވާ އަނެއްކަމަކީ މިބުނި އިންސައްތައިގެ ބޯޅައިގެ ތެރެއިން 40 އިންސައްތަ ބޯޅަ އުފައްދަނީ ޕާކިސްތާނުގެ ސިއަލްކޮޓް ސިޓީން ކަމެވެ.

ކުޅިވަރު ކުޅޭ ސާމާނު އުފައްދާ ބޮޑެތި ކުންފުނިތައް ކަމަށްވާ އެޑިޑާސް އަދި ޕޫމާއިން ވެސް އެ ކުންފުނީގެ ޕްރޮޑަކްޓުތައް އުފައްދަނީ ޕާކިސްތާނުގައެވެ. އަދި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދުނިޔޭގައި ބޭއްވޭ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގައި ވެސް ސިއަލްކޮޓުން އުފައްދާފައިވާ ބޯޅަތައް ބޭނުންކޮށްފައިވާ ކަމެވެ.

އެގޮތުން "ކްލެސިކް" ބޯޅައެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް މަޝްހޫރުވެފައިވާ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރި ޓެންގޯ ބޯޅަ އާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބޭނުންކުރި "ބްރަޒޫކާ" ބޯޅައިގެ އިތުރުން 2018ގެ ވޯލްޑް ކަޕުގައި ބޭނުންކުރި ޓެލްސްޓަ އަކީވެސް ސިއަލްކޮޓުގައި އުފައްދާފައިވާ ބޯޅަ ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު