އެއީ 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލެވެ. މެކްސިކޯގައި ބޭއްވި ފައިނަލް މެޗުގައި ބައްދަލުކުރީ އާުޖެންޓީނާ އާއި ވެސްޓް ޖާމަނީ އެވެ. ޖުމްލަ 114،600 ކުޅިބެލުންތެރިންގެ ހާޒިރުގައި އެ މެޗު ފެށުމުގެ ކުރިންވެސް އާޖެންޓީނާގެ ސަޕޯޓަރުން އެއް ކަމަކަށް އެއްބަސްވެއެވެ. އެއީ އެ ޓީމުގައި ހުނަރުވެރި ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ ހުރުމެވެ.

ކަން ދިމާކުރިގޮތުން އެފަހަރުގެ ތަށި އުފުލާލީވެސް އާޖެންޓީނާއިންނެވެ. މި މުބާރާތުގައި އޭނާގެ މަޝްހޫރު "ހޭންޑް އޮފް ގޯޑް" ގޯލު ފެނިގެންދިއުންވީ އޭނާގެ ކުޅަދާނަކަމާއި ހުށިޔާރުކަން ގިނަބަޔަކަށް އަޅައިގަތް ކަމަކަށެވެ. އިންގްލޭންޑާއި ދެކޮޅަށް ކުޅުނު އެ މެޗުގައި އޭނާ އަތުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލިއިރު ކުޅިބެލުންތެރިން ވެސް ތިބީ ވާނުވާގައެވެ. ހުދު ރެފްރީއަށްވެސް ކަން ހިނގައިދިޔަ ގޮތެއް ސާފެއް ނުވިއެވެ.

މިދައްކަނީ ވޯލްޑްކަޕްގައި މަރަޑޯނާ އެންމެ ބޮޑަށް ވިދާލި މުބާރާތުގެ ވާހަކައެވެ. މި ނޫނަސް އެކި މުބާރާތްތަކުގައި އޭނާގެ ވިދުން ކުޑަވެގެނެއް ނުދެއެވެ. ކުލަބް ލެވެލްގައިވެސް އަދި ބައިނަލްއަޤްވާމީ ލެވެލްގައިވެސް އޭނާގެ ހުނަރުތަކާއި ޤާބިލްކަމަކީ ފަހަކާއި ޖެހެންދެން ގިނަ ކޯޗުން އަދިވެސް ދައްކަމުން އަންނަ ވާހަކައެކެވެ.

މަރަޑޯނާގެ ޕްރޮފެޝަނަލް ފުޓުބޯޅަ ހަޔާތުގައި އޭނާއަށް އޮންނަ ސަޕޯޓެއްގެ ބޮޑުކަމުން އެ ޤައުމުގެ ރައްޔިތުން އަބަދުވެސް ދެއްކި އެއް ވާހަކައެއް އޮވެއެވެ. "މަރަޑޯނާއަކީ އާޖެންޓީނާއެވެ. އާޖެންޓީނާއަކީ މަރަޑޯނާއެވެ." މި މާނަފުން ބަސްކޮޅުންވެސް މަރަޑޯޯނާގެ މުހިއްމުކަމާއި އޭނާއަށް ސަޕޯޓަރުން ދޭ އިހްތިރާމާއި ލޯބި ހާމަވެގެންދެއެވެ.

މަރަޑޯނާގެ ފުޓުބޯޅަ ހަޔާތަށް ވިސްނާލައިފިނަމަ ހަޔާތުގެ އަޑިގުޑަންތަކާއި އޮއިވަރުގައި އެތައް ފަހަރަކު ވެއްޓި އަނެއްކާ ހިތްވަރުލައި ހަށިފޮޅާ ތެދުވުމުގައި އޭނާގެ ހިތްވަރު ފެންނާނެއެވެ. ފުޓްބޯޅަ މެޗެއްގައި އޭނާ ކާމިޔާބުކުރި ”ހޭންޑް އޮފް ގޯޑް“ ގޯލަކީ އަދުގެ ކުޅިވަރުގެ ތަޖުރިބާކާރުންވެސް ހުއްޓާނުލާ ދައްކަމުން އަންނަ ވާހަކައެކެވެ. މި ނޫނަސް އޭނާގެ ކާމިޔާބު ފުޓުބޯޅަ ކެރިއަރުގައި ހުނަރުން ފުރިގެންވާ އެތަކެއް ލަނޑުތަކެއް ވެއެވެ.

ޑްރަގްގެ ވަބާއާއެކު މަރަޑޯނާގެ ކެރިއަރަށް ބޮޑު ވެއްޓުމެއް

އިޓަލީގެ ނާޕޮލީގައި ކާމިޔާބު އަހަރުތަކެއް އޭނާ ހޭދަކުރިއެވެ. އެއީ 1984 ވަނަ އަހަރެވެ. އޭރު އެ ކުލަބުގެ ސަޕޯޓަރުން ބުނީ "އަހަރެމެން އަޑިގުޑަނުން އަރުވައިދޭ ބަތަލު އަތުވެއްޖެ" މިހެންނެވެ. އޭނާ ނާޕޮލީއަށް ސޮއިކުރީ އޭރު އިޓަލީ ފުޓުބޯޅައިގައި އޭސީ މިލާނާއި ޔުވެންޓަސްއާއި އިންޓަމިލާނާއި ރޯމާގެ އެންމެ ގަދަޔަށް ކުޅެމުންދިޔަ ދުވަސްވަރުއެވެ. މަރަޑޯނާ ނާޕޮލީއާއި ގުޅުނުއިރު އެ ކުލަބުގެ ސަޕޯޓަރުން ތިބީ އެއްވެސް އުއްމީދެއް ނެތިއެވެ. ނަމަވެސް މަރަޑޯނާ އައުމާއެކު އެ އުއްމީދު އާވެގެންދިޔައެވެ.

ކަން ވެގެންދިޔައީ ނާޕޮލީގެ ސަޕޯޓަރުން ބޭނުންވި ގޮތަށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް އެ ކުލަބުގެ ކެޕްޓަން ބޭންޑު ދިނެވެ. ނާޕޮލީގެ ފުޓުބޯލަ ތާރީހުގައި ފުރަތަމަ ފަހަރަށް އިޓާލިއަން ޗެމްޕިއަންޝިޕް 1986 ވަނަ އަހަރު ހޯދިއެވެ. އަދި ފަހަރަކަށްވުރެ ފަހަރެއް އޭނާގެ ވިދުން ގަދަވެ މުޅި އިޓަލީއަށް އޭނާގެ ނުފޫޒު ފޯރިއެވެ. އިޓަލީގެ ފާރުތަކާއި ކުރީގެ ބިނާތަކުގައި މަރަޑޯނާގެ ތަސްވީރު ކުރެހުމާއި، އެ ދުވަސްކޮޅު އުފަންވި ތުއްތު ކުދިންނަށް މަރަޑޯނާގެ ނަން ކިޔުން ވެގެންދިޔައީ އޭނާއަށް އޮތް ލޯބި ހާމަވެގެންދިޔަ ކަމަކަށެވެ.

އަހަރަކަށްފަހު އަހަރެއް ފާއިތުވެގެންދިޔަ އެވެ. އޭނާގެ ވިދުން ގަދަވިނަމަވެސް ފަރުދާގެ ފުރަގަހުން މަރަޑޯނާ ދިޔައީ މަސްތުވާތަކެތި ބޭނުންކުރަމުންނެވެ. އެކަން އޭނާގެ ކުލަބު ނާޕޮލީއަށް ފަޅާއެރުމާއެކު އޭނާ 70،000 ޑޮލަރުން ޖޫރިމަނާކޮށް އަދަބުދިނެވެ. އެއީ ޕްރެކްޓިހާއި މެޗުތައް ހާޒިރުނުވެ ތަފާތު އުޒުރުތައް ދެއްކުމާއެކުވެސް މެއެވެ. ޖުމްލަ 15 މަސްވަންދެން ސަސްޕެންޝަނުގައި ހުރުމަށްފަހު އޭނާ އެނބުރި ކުޅުމުގެ ތެރެއަށް ގެންނަން ނާޕޮލީން ބޭނުންވިއެވެ. ނަމަވެސް އޭގެފަހުން ހެދި ޓެސްޓުތަކުންވެސް އޭނާ މަސްތުވާތަކެއްޗަށް ފައްސިވުމާއެކު ނާޕޮލީއަށް އޭނާ ދޫކޮށްލުން ނޫން އިތުރުގޮތެއް ނެތެވެ. އޭނާ އެ ކުލަބުން ރިޓަޔާވީ އެ ކުލަބުގައި މަރަޑޯނާ ބޭނުންކުރި ޖާރޒީ ނަންބަރު 10 ރިޓަޔާކުރުމަށްފަހު އެވެ.

އެއަށްފަހު މަރަޑޯނާ ވަނީ މިހާރު އެ ޤައުމުގެ ތަރި ލިއޮނަލް މެސީ ވިދާލި ނެވެލް އޯލްޑް ބޯއިސް އާއި ސްޕެއިންގެ ސެވިއްޔާއާއި އާޖެންޓީނާގެ ބޮކަ ޖޫނިއާސްއަށް ކުޅެފައެވެ. ނަމަވެސް މީގެން އެއްވެސް ކުލަބެއްގައި އޭނާއަށް މާ ގިނަ ދުވަހަކު ފައި ހަރުކުރެވޭ ގޮޮތެއް ނުވިއެވެ. ހުރިހާވެސް މައްސަލައަކީ އޭނާ މަސްތުވާތަކެއްޗަށް އޮތް ދެވިހިފުމެވެ.

ކޯޗިން ކެރިއަރުގެ ތެރެއަށް، ރަނގަޅު ތަޖުރިބާއަކަށް ނުވި

ކާމިޔާބު ފުޓުބޯޅަ ކެރިއަރަކަށްފަހު ގިނަބަޔަކު ހީކޮށްގެން ތިބީ ކޯޗިންގައި އޭނާގެ ތަފާތު ފެންނާނެ ކަމަށެވެ. އެންމެ ފުރަތަމަ އާޖެންޓީނާގެ ދަށް ފަންތީގެ ޓީމުތަކުގެ ކޯޗުކަން 1994 ވަނަ އަހަރު ފެށިއެވެ. އެއަށްފަހު 2008 ވަނަ އަހަރު އޭނާ ފެނުނީ އާޖެންޓީނާގެ ޤައުމީ ޓީމުގެ ހެޑު ކޯޗުކަމުގެ މަޤާމުންނެވެ. އެފަހަރު އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައިވީ ކިރިޔަ ކިރިޔާއެވެ. މިފަހަރުވެސް އޭނާގެ ކެރިއަރަށް ހިޔަނި އެޅުނީ އޭނާގެ އަހުލާގުގެ ސަބަބުންނެވެ. އިންޓަވިއުތަކުގައި އައުގުރާނަ ގޮވުމާއި ގުޅިގެން އޭނާއަށް ފީފާއިން ސަސްޕެންޝަނެއް އައެވެ. ނަމަވެސް އާޖެންޓީނާ އެފްއޭއިން އެފަހަރު ވޯލްޑްކަޕަށްފަހު ވެސް އޭނާގެ އެއްބަސްވުން އާކުރިއެވެ. ނަމަވެސް އަނެއްކާވެސް ފެނިގެންދިޔައީ މަރަޑޯނާގެ ބޯހަރުކަމާއި ގޮތް ދޫނުކުރުމެވެ. ނަތީޖާއެއްގެ ގޮތުން އޭނާ އެ މަޤާމުން ވަކިކުރަން ޖެހުނެވެ.

އެއަށްފަހު 2011 ވަނަ އަހަރު ޑުބާއިގެ ކުލަބް އަލް ވަސްލުގެ ހެޑު ކޯޗުކަން އޭނާއަށް ލިބުނެވެ. ނަމަވެސް ނަތީޖާތަށް ދަށްވުމާއެކު އޭނާ އެ މަޤާމުން ޖެހިގެން އައި އަހަރު ވަކިކުރިއެވެ.

އެއަށްފަހު 2017 ވަނަ އަހަރު އަނެއްކާވެސް މެދުއިރުމަތީގެ ޤައުމެއް ކަމަށްވާ ޔޫއޭއީގެ ދެވަނަ ޑިވިޝަނުގެ ކުލަބެއްގެ ކޯޗުކަމާއި އޭނާ ހަވާލުވިއެވެ. އެ ކުލަބުން އޭނާއަށް ހަވާލުކުރި ޓާގެޓް ކަމަށްވާ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނުމުގެ ޓާގެޓް ހާސިލުނުވުމުން އަނެއްކާވެސް އޭނާ ވަކިކުރިއެވެ.

މަރަޑޯނާގެ ހިތުގެ ބަލި ބޮޑުވެ ސިއްހީ ހާލަތު ދަށްވުން

މަރަޑޯނާގެ ސިއްހީ ހާލަތު ގޯސްވެގެން އެކި ކަންކަމަށް ފަރުވާ ހޯދައިފައިވެއެވެ. އެ ގޮތުން ދެ ފަހަރެއްގެ މަތިން ހާޓްއެޓޭކެއް ޖެހުނުއިރު، ހެޕަޓައިޓިސް އަށް ވަނީ ފަރުވާ ހޯދައިފަ އެވެ. އަދި މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ގޭސްޓްރިކް މައްސަލަތަކުގެ ސަބަބުން ބައިޕާސް ސާޖަރީއެއް ހަދައިފަ އެވެ.

އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަރަޑޯނާގެ ދިރިއުޅުމުގައި އޭނާ މީގެ ކުރިން އުޅެފައި ހުރި ގޮތުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިއަށް އޮތްތަނުގައި ވެސް ކުރިމަތިވާނެކަން އޭނާގެ ޕާސަނަލް ޑޮކްޓަރު މީގެ ދެ އަހަރު ކުރިން ވަނީ އަންގައިފަ އެވެ.

މަރަޑޯނާ މަރުވި ސަބަބަކީ ހިތް ހުއްޓުމެވެ. ޑޮކްޓަރުން ފާހަގަކުރާ ގޮތުުގައި މަރަޑޯނާގެ މަރުގެ ފަހަތުގައިވަނީ ކުރިންސުރެއް ފެށިގެން އޭނާ ބޭނުންކުރަމުން އައި ޑްރަގްތަކެވެ. އަދި ސިއްހަތަށް ގެއްލުންހުރި ދިރިއުޅުމުގެ ވައްޓަފާޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މެރެޑޯނާ މަރުވުމުން RIP އޭ ކިޔާ އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމުން ކަމަށް ދަޢުވާ ކުރާ މީހުން އުޅޭތީ މައްސަލައަކީ! އައުޓް އޮފް ރެސްޕެކްޓް އޭ ކިޔާފައި އިސްލާމް ދީނުގާ ނޯވޭ ކާފިރުން މަރުވީމާ ދުއާކުރާކަށް، އަސްލާމް ދީނަކު ނޯވޭ އެމީހުންގެ ދީނީ ދުވަސްތަކުގައި އެމީހުންނަށް ތަހުނިޔާ ކިޔާކަށް، އެކަމަކު ކިތައް ދިވެހިން ބާ ހެޕީ ދިވާލީއާ ކިރިސްމަސް ވިޝްއަކާއި އަނެއް ވިޝްއެއް މިކުރަނީ! ދެން ބުނާނެ ކިހިނެތްބާއޭ އެނގެނީ މިވަނި މީހަކު މަރުވީ ކާފަރެއްގެ ގޮތުގައި ކަމެއް ނޫނީ މުސްލިމެއްގެ ގޮތުގައި ކަމެއް، ބަލަ މީހާ ގެ އަމަލު ބުނެދޭ މީހާއަކީ ކޮންކަހަލަ މީހެއްކަން، ދެން ﷲ މޮޅަށް ދެނެވޮޑިގަންނަވާނީ އޭނާގެ ހިތުގައި އޮތް އެއްޗެއް! ދެން ބުނާނީ ނޫންތޯ ފިރުއައުނު މަރުވީ ކިހިނެތްކަންވެސް ކިހިނެތް ހޭ އެނގެނީ، އަބޫ ޖަހުލުގެ ހިތުގައި އޮތް އެއްޗެއް ވެސް އަހަރެމެންނަކަށް ނޭނގޭ ނޫންހޭ! މީ މިއަދު ގިނަ މީހުންގެ ފެންވަރު ، ފުރަތަމަ އެބަޖެހޭ އިސްލާމް ދީން ދަސްކުރަން، އީވާ ޢަބުދުﷲ ބުނާ އިސްލާންދީނެއް ނޫން އިނގޭތޯ، ﷲ ބާވައިލެއްވި އިސްލާމް ދީން ދަސްކުރަން އެބަޖެހޭ، އެހެންނޫން ކަމުގައިވާނަމަ އެބައިމީހުން ބޭނުންވާ ކަމަކީ ޖަދަލުކުރުން، ހަގީގަތް ގަބޫލުކުރަން ބޭނުންނުވާ މީހުން އަބަދުވެސް ޖަދަލު ކުރާނެ

    8
    7
    • ތަންޑު

      ތަންކޮޅެއް ރެސްޕެކްޓިވް އެއްޗެއް ލިޔުނިއްޔާ ހަމަޖެހުން ގާއިމުވާނެ. ތިކަހަލަ ނެގެޓިވް މީހުން އުޅޭތީ ދުނެޔޭގައި ހަމަޖެހުން ނޯންނަނީ. އެމީހަކު މަރުވުމަށް ފަހު އެމީހަކާ މެދު ކަންތައް ވެދާނެ ގޮތް އެނގޭނީ އެކަލާނގެއަށް އެހެން އިންސާނުން އެކަމާ ބަހުސް ކުރާކަށް ނުޖެހޭނެ.

      9
      7
  2. އިންސާނާ

    ވަރަށް އިބުރަތްތެރި ފިލާވަޅެއް ލިއްބައިދޭ ލިއުމެއް..ނަމަވެސް އެއީ ވިސްނައިފި އަޅަކަށެވެ.އިސްލާހުވަމާ ހިނގާށެވެ. ވަގުތަކީ ކުރު އެހާމެ މުހިންމު އެއްޗެކެވެ. ﷲއީ ރަޙްމާންވަންތަ ރަޙީމްވަންތަ އެންމެހާކަންކަމަށް ކުޅަދުންވަންތަ އަޅަމެންގެ ވެރި އިލާހެވެ.އިޚްލާސްތެރި ކަމާއި އެކު ޚާލިސް ހިތަކާއިއެކު ފުއްސެވުމާއި،ރުއްސެވުމާއި އެކަލާންގެ ދެއްވާނޭ ރަޙްމަތަށް އެދޭށެވެ. ދުނިޔެއާއި އާޚިރަތަށް ޓަކައެވެ.ހަމަ ކަށަވަރުން އަޅަމެން އެނބުރިދާހުށީ ޚާލިގުވަންތަ އެންމެހާކަންކަން މޮޅަށް ދެނެވޮޑިގެންވާ އެންމެހާ ކަމަކަށް ކުޅަދުންވަންތަ އެއްކައުވަންތަ އިލާހު ﷲ ގެ ޙަޒުރަތަށެވެ.މިފަދައިން ވިސްނާ އަމަލުކުރާ ބައެއް ކަމުގައި އަޅަމެން ލައްވާށި.އާމީން،ޔާރައްބަލްޢާލަމީން.ވަލްޙަމްދުލިއްލާހި.

    6
    1
  3. ކޮއކޮ ބޭ

    ޑުރަގު މީހުން ހިތާމާ ގަ އި ބަ އިވެރިވޭ ބާ؟

    7
    3