ރޭ މުޅި ދުނިޔެއަށް ސިހުން ގެނުވީ ދުނިޔެދުއް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިއާ އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މަރަޑޯނާގެ ކުުއްލި މަރުގެ ހަބަރާއެކުގައެވެ.

އެތައް ކާމިޔާބީ ތަކަކާއި އެތައް ހަނދާނެއް ތާރީހުގެ ތެރެއަށް ދޫކޮށްލުމަށްފަހު މަރަޑޯނާ މަރުވެގެންދިޔައީ ހާޓް އެޓޭކެއް ޖެހި ކުއްލިއަކަށެވެ.

މަރަޑޯނާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. ސިކުނޑީގައި ލޭކޮޅެއް ގަނޑުވެ ހާލުބޮޑުވިނަމަވެސް ކާމިޔާބު ސާޖަރީއަކަށްފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް މަރަޑޯނާގެ ޕާސަނަލް ޑޮކްޓަރު ވަނީ މީޑިއާތަކަށް މައުލޫމާތުދީފައެވެ.

އުމުރުން 60 އަހަރުގައި މިފަނާކުރަނިވި ދުނިޔެއާއި މަރަޑޯނާ ވަކިވެގެން ދިޔައީ ފުޓުބޯޅައަށް ލޯބިކުރާ އެތައް ބައެއްގެ ލޯ ކަރުނައިން ފުރާލާފައެވެ. ފުޓުބޯޅައިގެ ދިގު ތާރީހުވެސް ދުއް އެންމެ މޮޅު ކުޅުންތެރިޔާކަމަށް ބައެއް ފަރާތްތަކުން ގަބޫލް ކުރާ މަރަޑޯނާ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ހިތްތަކުން ޖާގަހޯދީ އޭނާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމުގެ ހުނަރާއި، ފައިގެ ހަލުވިކަމާއި، ގޯލް ޖެހުމުގައި އެފަދަ ދެވަނައެއް ނެތްކަމުގެ އިތުރައް، އެކަނިމާއެކަނި މެޗުތަކުން އޭނާ ކުޅޭ ޓީމު މޮޅޫކޮށްދިނުމުގެ ހުނަރުގެ ޖާދޫގައި އެންމެން ޖައްސާފައެވެ.

ކާމިޔާބު ދިގު ކެރިއަރެއް ފުރިހަމަ ކުރި މަރަޑޯނާއަށް ހާއްސަ އެތައް ކަމެއް ފުޓުބޯޅައިގައި ވެއެވެ. އެކަމެއް ފެނުމުން މިއަދުވެސް އެއީ މަރަޑޯނާ އަށް ހާއްސަ ކަމެކޭ ބުނެވޭނެ އެތައް ކަމެއް މިއަދުވެސް އަޅުގަނޑުމެންގެ ފޯނުތަކުގެ ސްކްރީންތަކުން ފެންނަން އެބަހުއްޓެވެ.

މިބަލާލަނީ މިފަދަ ބައެއް ކަންތައްތަކަށެވެ:

"ހޭންޑް އޮފް ގޮޑް" ގޯލް

 

1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ފީފާ ވޯލްޑް ކަޕުގެ ފައިނަލް ބެލުމަށް ގާތްގަނޑަކަށް 114،600 ކުޅިބެލުންތެރިންގެ ހާޒިރުވިއެވެ. އާުޖެންޓީނާ އާއި ވެސްޓް ޖާމަނީގެ ކުރިމަތިލުން ފެށުމުގެ ކ މެޗު ފެށުމުގެ ކުރިންވެސް އާޖެންޓީނާގެ ސަޕޯޓަރުން އެއް ކަމަކަށް އެއްބަސްވެއެވެ. އެއީ އެ ޓީމުގައި ހުނަރުވެރި ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ ހުރުމެވެ. ކަން ދިމާކުރިގޮތުން އެފަހަރުގެ ތަށި އުފުލާލީވެސް އާޖެންޓީނާއިންނެވެ.

މި މުބާރާތުގައި އޭނާގެ މަޝްހޫރު "ހޭންޑް އޮފް ގޯޑް" ގޯލު ފެނިގެންދިއުންވީ އޭނާގެ ކުޅަދާނަކަމާއި ހުށިޔާރުކަން ގިނަބަޔަކަށް އަޅައިގަތް ކަމަކަށެވެ. އެގޯލް ފެނިގެން ދިޔައީ 1986 ވަނަ އަހަރުގެ ޖޫން 22 ވަނަ ދުވަހު އާޖެންޓީނާ އިންގްލޭންޑާއި ދެކޮޅަށް ކުޅުނު މެޗްގައެވެ. އެ މެޗުގައި އޭނާ އަތުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލިއިރު ކުޅިބެލުންތެރިން ވެސް ތިބީ ވާނުވާގައެވެ. ހުދު ރެފްރީއަށްވެސް ކަން ހިނގައިދިޔަ ގޮތެއް ސާފެއް ނުވިއެވެ.

މެޗައްފަހު ގޯލާއި ބެހޭގޮތުން ވާހަކަދައްކަމުން މަރަޑޯނާ ބުނީ ގޯލް ކާމިޔާބުކުރެވުނީ ދެކަމަކެއް ބޭނުންކޮށްގެނެ ކަމަށެވެ. އެއީ އޭނާގެ ބޮލާއި "ހޭންޑް އޮފް ގޮޑް"ގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

ފުޓުބޯޅައިގެ ތާރީހުގައިވެސް ޖެހި އެންމެ މޮޅު ގޯލް

"ގްރޭޓަސްޓް ގޯލް އޮފް އޯލް ޓައިމް"ގެ ގޮތުގައި މަޝްހޫރު ވެފައިވާ މިގޯލަކީ ވޯލްޑް ކަޕްގައި އިނގިރޭސި ވިލާތާއި ދެކޮޅަށް މަރަޑޯނާ ކާމިޔާބުކުރި ލަނޑެކެވެ. ދަނޑުގެ މެދެއްހާ ހިސާބުން ފެށިގެން ބޯޅަ ހިފައިގެން އިދިކޮޅު ޓީމުގެ ފަހަރަކު ކުޅުންތެރިއެއް ނައްޓާލަމުންގޮސް އެންމެ ފަހުން އިނގިރޭސި ޓީމުގެ ކީޕަރުވެސް ނައްޓާލާ ކާމިޔާބުކުރި މިލަނޑައް ގިނަބައެއްގެ ތަރުހީބު ލިބި 20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާގެ ގޮތުގައި އޭނާއަށް ނިސްބަތް ކުރަން ފެށުނު ހިސާބަކީ މިއީކަމަށްވެސް ބެލެވިދާނެއެވެ.

1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް

1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި އާޖެންޓީނާ ކުރިމަތިލީ މުބާރާތުގައި ވާދަކުރާ ނަންކިޔޭ އެހެން ގައުމުތަކާއި އަޅާ ބަލާއިރުގައި އެހާ ވަރުގަދަ ޓީމަކާއި އެކުގައެއް ނޫނެވެ. އެހެންނަމަވެސް މުބާރާތުގައި ކުޅޭ އެހެން އެއްވެސް ޓީމެއްގައި ނެތް ހަތިޔާރެއް އާޖެންޓީނާ ޓީމުން މުބާރާތައް ނެރުނެވެ. އެއީ މަރަޑޯނާއެވެ. "ހޭންޑް އޮފް ގޮޑް"ގެ ގޯލާއި "ގްރޭޓަސްޓް ގޯލް އޮފް އޯލް ޓައިމް" ފަދަ ފާހަގަކޮށްލެވޭ އެތައް ކަމަކާއެކު މިމުބާރާތުގައި އެންމެ ނުރައްކާތެރި ކުޅުންތެރިއަކަށް މަރަޑޯނާ ވިއިރު އިދިކޮޅު ޓީމުގެ ކުޅުންތެރިންނާއި ކޯޗުންވެސް ކުރިމަތިލާން އެންމެ ޖެހިލުންވި ޓީމަކަށްވީ އާޖެންޓީނާއެވެ.

މަރަޑޯނާގެ ނުރައްކާތެރިކަން ދެނެގަނެ ފައިނަލުގައި ވެސްޓް ޖާމަނީގެ ޑިފެންޑަރުން މުޅި މެޗުގައިވެސް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދިނީ މަރަޑޯނާ އުޅޭ ނޫޅޭގޮތެއް ބަލާ އޭނާ ހުއްޓުވުމަށެވެ. ނަތީޖާއަކަށްވީ ޓީމުގެ އެހެން ކުޅުންތެރިންނަށް ގޯލް ޖަހާނެ ފުރުސަތުތައް ތަނަވަސްވެ މިފުރުސަތުތަކުން މުހިންމު ދެލަނޑު ކާމިޔާބުކުރުމެވެ. 2-2 އިން ނަތީޖާ އެއްވަރުވެފައިވަނިކޮށް ވެސްޓް ޖާމަނީއިން މުބާރާތް ކާމިޔާބުކުރުމަށް ދެކެމުން އައި ހުވަފެން ބިލާހަކަށް ހެދީ މެޗުގެ ފަހު ވަގުތުތަކުގެ ތެރޭގައި މަރަޑޯނާގެ ނުރައްކާތެރި ވާތު ފައިން މުޅިން ހުސްކޮށްލާފައި ޖޯޖް ބުރުޗަގާއަށް ތަނަވަސްކޮށްދިން ފުރުސަތުން އޭނާ ކާމިޔާބު ކުރި ލަނޑެވެ.

މަރަޑޯނާގެ ހުނަރުވެރިކަމާއި، ހުށިޔާރުކަމުގެ ސަބަބުން އާޖެންޓީނާއިން މިމުބާރާތް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލިއިރު އާޖެންޓީނާގެ ކުޅުންތެރިން މަރަޑޯނާއަށް ޝުކުރު އަދާކުރީ މެޗައްފަހު ތައްޓާއެކީ އެކުޅުންތެރިންގެ އަތްދަނޑިމަތީ އޭނާ އުފުލާލައިގެނެވެ.

ނާޕޯލީ އާއެކު އެއް އަހަރުތެރޭ ދެމުބާރާތް ކާމިޔާބުކުރުން

މަރަޑޯނާ ނާޕޯލީގައި ހޭދަކުރި ފުރަތަމަ ދެސީޒަން ދިޔައީ އެހާ ކާމިޔާބުކޮށެއް ނޫނެވެ. މިދެސީޒަން ނާޕޯލީއިން ނިންމާލީ އިޓާލިއަން ލީގުގެ އަށްވަނަ އަދި ތިންވަނައިގައި އޮވެގެންނެވެ. އެހެންނަމަވެސް ޖެހިގެން އައި ތިންވަނަ ސީޒަންވީ މަރަޑޯނާގެ ހިދުމަތައް އެޓީމުން ތާއަބަދައް ޝުކުރުގެ ބަސްތައް އަމުނާނެ ސީޒަނަކަށެވެ. މިސީޒަނުގައި ނާޕޯލީއިން ވަނީ އިޓާލިއަން ލީގުގެ އިތުރުން ކޮޕާ އިޓާލިއާވެސް ކާމިޔާބުކޮށްފައެވެ.

އެސީޒަނުގެ ލީގު ކާމިޔާބުކުރުމުގައި އެންމެ މުހިންމު މެޗުގައި ރޯމާއާއި ދެކޮޅަށް މަރަޑޯނާވަނީ ނާޕޯލީ މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ކޮޕާ އިޓާލިއާގެ ފައިނަލުގައި އެޓަލާންޓާ އަތުން 0-4 އިން ނާޕޯލީ މޮޅުވި މެޗުގެ ދެލަނޑަކީ މަރަޑޯނާ ތަނަވަސްކޮށްދިން ފުރުސަތު ތަކަކުން ކާމިޔާބުކުރި ދެލަނޑެވެ.

ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާ

ފީފާއިން 2000 ވަނަ އަހަރު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ވޯޓެއްގައި 20 ވަނަ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަރަޑޯނާއެވެ. އޭނާ މިވޯޓު ކާމިޔާބުކުރޯީ 53.6 އިންސައްތަ ވޯޓު ހޯދައިގެނެވެ. އޭނާއާއި ވާދަވެރި ޕެލޭއަށް ލިބިފައިވަނީ 18.53 އިންސައްތަ ވޯޓެވެ. އެހެންނަމަވެސް މަރަޑޯނާ އާއިއެކު ޕެލޭއަށްވެސް މިއެވޯޑް ވަނީ ލިބިފައެވެ. އެއީ ފުޓުބޯޅައިގެ މާހިރުން ލީ ވޯޓު އޭނާ ކާމިޔާބުކުރުމާއި ގުޅިގެނެވެ. މިއެވޯޑް މިދެކުޅުންތެރިންނަށް ލިބިފައިވަނީ ޖޮއިންޓް ޕްލެޔާރސް އޮފް ދަ ސެންޗޫރީގެ ގޮތުގައެވެ.

މިނޫނަސް މަރަޑޯނާގެ 60 އަހަރުގެ ހަޔާތުގައި ފާހަގަކޮށްލެވޭ ހަނދާނުން ފިލައިގެން ނުވާނެ އެތައް ކާމިޔާބީއެއް ހޯދާ އެތައް ކަމެއް އޭނާވަނީ ކޮށްފައެވެ.

މަރަޑޯނާ މަރުވުމުގެ ކުރިން އޭނާގެ ސިއްހީ ހާލަތު ގޯސްވެގެން އެކި ކަންކަމަށް ފަރުވާ ހޯދައިފައިވެއެވެ. އެ ގޮތުން ދެ ފަހަރެއްގެ މަތިން ހާޓްއެޓޭކެއް ޖެހުނުއިރު، ހެޕަޓައިޓިސް އަށް ވަނީ ފަރުވާ ހޯދައިފަ އެވެ. އަދި މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ގޭސްޓްރިކް މައްސަލަތަކުގެ ސަބަބުން ބައިޕާސް ސާޖަރީއެއް ހަދައިފަ އެވެ.

އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަރަޑޯނާގެ ދިރިއުޅުމުގައި އޭނާ މީގެ ކުރިން އުޅެފައި ހުރި ގޮތުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިއަށް އޮތްތަނުގައި ވެސް ކުރިމަތިވާނެކަން އޭނާގެ ޕާސަނަލް ޑޮކްޓަރު މީގެ ދެ އަހަރު ކުރިން ވަނީ އަންގައިފަ އެވެ.

މަރަޑޯނާ މަރުވި ސަބަބަކީ ހިތް ހުއްޓުމެވެ. ޑޮކްޓަރުން ފާހަގަކުރާ ގޮތުުގައި މަރަޑޯނާގެ މަރުގެ ފަހަތުގައިވަނީ ކުރިންސުރެއް ފެށިގެން އޭނާ ބޭނުންކުރަމުން އައި ޑްރަގްތަކެވެ. އަދި ސިއްހަތަށް ގެއްލުންހުރި ދިރިއުޅުމުގެ ވައްޓަފާޅިއެވެ.