ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި އޮސްޓްރިއާގެ ސަލްޒްބާގް ބަލިކޮށް ޖަރުމަނުގެ ބަޔާން މިއުނިކް ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރިއިރު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ރަޝިއާގެ ލޮކޮމޮޓިވް މޮސްކޯ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނީ ބަޔާން އެވެ.

މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 43 ވަނަ މިނެޓުގައެވެ. މި ލަނޑު ލެވަންޑޮސްކީ ކާމިޔާބުކޮށްފައިވަނީ ތޯމަސް މުލާގެ އެހީތެރިކަމާއެކުގައެވެ. މެޗުގެ ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމުނުއިރު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އެ ޓީމުގެ ތިންވަނަ ލަނޑު ލެރޯއި ސާނޭ ކާމިޔާބުކުރީި 68 ވަނަ މިނެޓުގައެވެ.

ސާލްސްބާގްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ 73 ވަނަ މިނެޓުގައި މާގިމް ބެރިޝާއެވެ. މި މެޗުގައި ބަޔާންގެ ދެ ކުޅުންތެރިނަަށް ވަނީ ކާޑު ދައްކާފައެވެ. މީގެތެރެއިން މެޗުގެ 66 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑު ހަމަވެގެން މާކް ރޯކާއަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. ދެން އެ ޓީމުން ކާޑުދައްކާފައިވަނީ މެނުއަލް ނޯޔާއަށެވެ.

އެތްލެޓިކޯގެ ދަނޑުގައި އެތްލެޓިކޯ މެޑްރިޑާއި ލޮކޮމޮޓިވް މޮސްކޯ މެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ނަމަވެސް މެޗުގެ 68 ވަނަ މިނެޓުގައި ކޯކޭ ވަނީ ހަތަރުދަނޑިން އެތެރަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫންކަމަށެވެ.

މި ނަތީޖާތަކާއެކު ބަޔާން މިއުނިކް ތާވަލުގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެން 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް 5 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި ލޮޮކޮމޮޓިވް މޮސްކޯ އޮތީ 3 ޕޮއިންޓާއެކު އެވެ. އަދިި ފުލުގައި ސާލްޒްބާގް އޮތީ އެއް ޕޮއިންޓާއެކު އެވެ.