މުޅި ފުޓުބޯޅަ އާއިލާ ރޭ ރޮއްވާލީ ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ މަރުވި ހަބަރުންނެވެ. މިހަބަރާއެކު ފުޓުބޯޅައިގެ އެތައް ޝަހުސިއްޔަތުންތަކެއް މަރަޑޯނާ މަރުވުމުން ހިތާމަކުރާ ކަމާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ތައުޒިޔާގެ މެސެޖުތައް ދަނީ ފޮނުވަމުންނެވެ.

މި ޖީލުގެ މަރަޑޯނާގެ ގޮތުގައި ސިފަކުރާ އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީވެސް މިވަނީ މި ހިތާމައިގައި ބައިވެރިވެ މަރަޑޯނާއަށް ހާއްސަ މެސެޖެއް ފޮނުވައިފައެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި މި މެސެޖުގައި މެސީ ބުނީ މިއަދަކީ އާޖެންޓީނާއަށް ވެސް އަދި ދުނިޔޭގެ ފުޓުބޯޅައަށްވެސް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. މަރަޑޯނާއާއެކު ނަގާފައިވާ ދެ ފޮޓޯއެއް ހިއްސާ ކުރަމުން މެސީ ބުނީ، " އޭނާ އަހަރުމެންނާއި ވަކިވެއްޖެ. ނަމަވެސް އޭނާ އަހަރުމެންނާއި އެކު އަބަދަށް ވާނެ". މަރަޑޯނާ ދޫކޮށްފަ ދިޔަ އެތައް ކާމިޔާބީތަކުގެ ހަނދާންތަކަށް އިޝާރާތް ކުރަމުން މެސީ ވަނީ ބުނެފައެވެ.

މަރަޑޯނާ އާއެކު ހޭދަކޮށްފައިވާ ދުވަސްތަކުގެ ހަނދާންތައް އާކުރަމުން މެސީ ބުނީ މަރަޑޯނާ އާއެކު ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރެވިފައިވާ ކަމަށާއި އެ އުފާވެރި ވަގުތުތައް މަތިން އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. އަދި މަރަޑޯނާ މަރުވުގެ ހިތާމައިގައި އާއިލާއާ އެކު ބައިވެރިވާ ކަމަށާއި އާއިލާއަށް ކެއްތެރިކަން ދެއްވުން އެދޭ ކަމަށް އޭނާ ބުންޏެވެ.

60 އަހަރުގައި މަރަޑޯނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ މަރުވުމުގެ ހިތާމައިގައި އާޖެންޓީނާގެ އިތުރުން މުޅި ދުނިޔޭގެ ފުޓުބޯޅަ އާއިލާއިންވެސް ދަނީ ހިތާމަ ފާޅުކުރަމުންނެވެ.