ރެއާލް މެޑްރިޑަކީ އެހެން ޓީމުތަކާއި އަޅާބަލާއިރު ތަފާތު ޓީމެއް ކަމަށާއި އެއީ އެހެން ޓީމުތަކާއި އަޅާބަލާއިރު މުޅިން "އެހެން ލެވެލް" އެއްގެ ޓީމެއް ކަމަށް އިންޓަމިލާނުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ރޭ އިންޓަމިލާންގެ ދަނޑުގައި އެ ޓީމު ރެއާލް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވުމާއެކު އިންޓަ ވަނީ ތާވަލުގެ ފުލަށް ވެއްޓިފައެވެ،. އެ ޓީމު ފުލުގައި އޮތީ ކުޅުނު ހަަތަރު މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑްވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމު ދެވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ ރޭ ޝަކްޓާ ޑޮނެޓްސް އަތުން މޮޅުވި ބޮރޫޝިއާ މޮންޗެލްގްލަޑްބަޗް އެވެ. މި މެޗު އެ ޓީމު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

"މި މެޗުން ވަރަށް ރަނގަޅަށް ފެނިއްޖެ ދެ ޓީމު (އިންޓަމިލާން އާއި ރެއާލް މެޑްރިޑް) ގެ ހުރި ތަފާތު ، އެ ލެވެލްގައި އަހަރެމެންނަށް އަދި ނުކުޅެވޭ، ގަބޫލެއް ނުކުރަން އިންޓަރ ގެ ފޯވާޑްލައިން ބަލިކަށިކަމަކަށް، އެހެންނަމަވެސް ބައިކޮޅަށް ވަންނަ ގޯލުގެ އަދަދު އިތުރު، އެންމެ ބޮޑު މައްސަލައަކަށް އަހަންނަށް ފެނުނީ ރަތްކާޑު ދެއްކި ހިސާބުން" މެޗަށްފަހު ވާހަކަދައްކަމުން ކޮންޓޭ ބުންޏެވެ.

މެޗުގައި އިންޓަމިލާނުގެ ވިޑާލްއަށް ވަނީ ރެފްރީ ރަތްކާޑު ދައްކާފައެވެ. އެއީ އޭނާ ރެފްރީއާއި މުހާތަބުކުރި ގޮތުގެ ސަބަބުން ދެއްކި ރަތްކާޑެކެވެ. ކޮންޓޭ ގަބޫލުކުރާ ގޮތުގައި މެޗުގެ ނަތީޖާ އަނބުރާލީ މި ކާޑާއި ގުޅިގެންނެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި މޮންޗެންގްލަޑްބަޗް އޮތީ 8 ޕޮޮއިންޓާއެކުއެވެ. ދެވަނައިގގައި ރެއާލް މެޑްރިޑް 7 ޕޮޮއިންޓާއެކު އޮތްއިރު ތިންވަނައިގައި ޝަކްޓާ އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. އަދި ފުލުގައި އިންޓަ އޮތީ ދެ ޕޮއިންޓާއެކުގައެވެ.