ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ފުޓުބޯޅައިގެ ލެޖެންޑް ޑިއެގޯ މަރަޑޯނާ މަރުވުމާއި ގުޅިގެން އޭނާ ފުޓުބޯޅަ ކުޅުނު އިރު ބޭނުންކުރި 10 ނަމްބަރު ފުޓުބޯޅައިން އެއްކޮށް ރިޓަޔަ ކުރުމަށް މާސޭގެ ކޯޗް އަންދްރޭ ވިއަސް ބޮއާސް ފީފާއަށް ގޮވާލައިފިއެވެ.

ވިލަސް ބޮއާސް ބުނީ މަރަޑޯނާއަކީ ލެޖެންޑެއް ކަމަށާއި އޭނާ ނެތްކަމުގެ ހިތާމަ މުޅި ފުޓުބޯޅަ އާއިލާއިންވެސް ކުރާ ކަމަށެވެ. އަދި އޭނާގެ ޝަރަފުގަ އެއްވެސް ކްލަބަކުން 10 ނަމްބަރު ޖާޒީގައި އެއްވެސް ކުޅުންތެރިއަކު ދަނޑުމައްޗަށް ނުނެރުމަށް ފީފާއިން އެންގުމަށް ގޮވާލާ ކަމަށްވެސް ބޮއާސް ވަނީ ބުނެފައެވެ.

މަރަޑޯނާގެ ޝަރަފުގައި އެތައް ފުޓުބޯޅަ ތަރިންނާއި ކޯޗުންނެއް ތަފާތު މެސެޖުތަކެއް ދެމުންދާއިރު ބޮއާސް ބުނީ އޭނާއަށް ކޯޗިންގްގެ ދާއިރާއަށް ދޮރު ހުޅުވާލަދިނީ މަރަޑޯނާ ކަމަށާއި ފުޓުބޯޅައިގެ ލެޖެންޑަކަށް ވުމުގެ އިތުރުން މަރަޑޯނާއަކީ އޭނާއަށް ވަރަށް މުހިންމު މީހެއް ކަމަށެވެ. އަދި މަރަޑޯނާ ފުޓުބޯޅައަށް ކޮށްދީފައިވާ ހިދުމަތުގެ އަގު އަދާކޮށްދިނުމުގެ ގޮތުން އެންމެ ކުޑަމިނުން އޭނާގެ ޝަރަފުގަ 10 ނަމްބަރު ޖާޒީ މުޅި އުމުރަށް ފުޓުބޯޅައިން ރިޓަޔަރ ކުރުވަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ބޮއާސްގެ އިތުރުން އާޖެންޓީނާގެ މިހާރުގެ ކެޕްޓަން ލިއޮނަލް މެސީވެސް ވަނީ މަރަޑޯނާ މަރުވުމުގެ ހިތާމައިގައި އަސަރުގަދަ މެސެޖެއް މީސްމީޑިއާގައި އާންމު ކޮށްފައެވެ. މިމެސެޖުގައި މަރަޑޯނާ ނެތް ނަމަވެސް އޭނާގެ ހަނދާންތަކާއި ހިދުމަތްތައް ތާއަބަދަށް އަހަރުމެންނާއި އެކު ވާނެކަމަށް މެސީ ބުނެފައިވެއެވެ.

މެންޗަސްޓަ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އާއި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ މަރަޑޯނާއަކީ ފުޓުބޯޅައަށް އެތައް އުފާތަކެއް ގެނެސްދީފައިވާ ޝަހުސިއްޔަތެއް ކަމަށާއި ނާޕޯލީ އާއި އާޖެންޓީނާއަށް އޭނާ ކޮށްދީފައިވާ ހިދުމަތަކީ ޝުކުރު އަދާކުރާނެ ގޮތެއް ނެތް ހިދުމަތްތަކެއް ކަމަށެވެ. އަދި އާޖެންޓީނާއަށް ކުރި ޒިޔާރަތެއްގެ ހަނދާން އާކުރަމުން ގާޑިއޯލާ ބުނީ އެގައުމުގައި މަރަޑޯނާއަށް އޮތް ލޯބި ބަޔާން ކޮށްދޭން ވެސް ނޭނގޭ ކަމަށެވެ.

"މަރަޑޯނާގެ އަމިއްލަ ދިރިއުޅުމަށް ކޮންމެ ފަދަ ގެއްލުމެއް ދީފައިވީނަމަވެސް އަހަރުމެންގެ ދިރިއުޅުމަށް ގެނެސްދީފައިވާ އުޖާލާކަން އަހަރުމެން އަބަދުވެސް ހަނދާނުގައި ބަހައްޓާނަން". އާޖެންޓީނާގެ މަގެއްގައި ހުރި ބެނާއެއްގައި އޮތް މެސެޖެއް ކިޔާދެމުން ގާޑިއޯލާ ބުންޏެވެ.

މީގެއިތުރުން މެންޗަސްޓަ ސިޓީގެ ނަމުގައި ގާޑިއޯލާވަނީ މަރަޑޯނާގެ އާއިލާއާއި އެކު މިހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައެވެ.

މަރަޑޯނާ މަރުވީ ހިތްހުއްޓިގެން އުމުރުން 60 އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ތިދެން ބޮޑުވަރު! އާޖެންޓީނާ ނޫނީ ނަޕޯލީ ޖާޒީ ރިޓަޔަރކުރުން އޯކޭ! އެކަމަކު މުޅި ދުނިޔެއިން 10 ނަންބަރު ޖާޒީ ރިޓަޔަކުރަން ތި ކިޔާ މީހަކީ އަޚްލާޤެއް ހުރި މީހެއްނޫން! ކޮކެއިންއިން ނެއްޓެން ނޭގިގެން ދުނިޔެއަޅާ ދިޔަ މީހެއް!

    52
    6
    • ނާސިރު

      އަސްލުވެސް ހަގީގަތުގައި އޭނާ ފުޓްބޯޅައައް މޮޅު އެކަމަކު އޭނާ އަކީ އެއްވެސް އަހްލާގެއް ހުރިމީހެއް ނޫން. ޢިސްލާމީ ގައުމުތަކުން އެކަހަލަ މީހަކާށޭ ކިޔާފަ 10 ނަންބަރު ރިޓެޔާކުރާކައް އެއްގޮތަކައްވެސް ނުފެނޭ

      24
      2
  2. ލޮޖިކް

    ދެން މީގެ 11 މީހަކު މަރުވާއިރު ފުރަތަމަ 11 ނަންބަރު ބޭނުންނުކުރެވޭނެ. 😂

    20
    1
  3. ޑައިވަރޭ

    އެއްގޮތަކަށްވެސް ތާކުންތާކު ޖެހޭ ހިޔާލެއްނޫން....
    މެސީމެން ކަހަލަ 10 ނަމްބަރު ޖާޒީގައި ކުޅެން ބޭނުންވާ މޮޅެތި ކުޅުންތެރިންގެ ހައްގު ކޮބާ؟؟

    18
    1
  4. އަންނި

    10 ނަންބަރު ރިޓަޔާ ކުރަން އަޅުގަނޑު ތާއީދު.

    4
    23
  5. Anonymous

    ތިކަމާ އެންމެ ރުޅިއަންނާނީ މެސީ! އޭނާ 10 ނަންބަރު ޖާޒީގައި ނޫނީ ނުކުޅޭނެ....
    މަރަޑޯނާ ދުނިޔޭގައި ހުރިއިރުވެސް އެހާ އުނދަގޫކުރި މެސީއަށް...
    މަރުވީމާވެސް މަރަޑޯނާގެ ކިބައިން ސަލާމަތެއް ނެތް! ލޮލް

    16
    1
  6. ޖުހާ

    ވިލަސް ބޮއާސް އައް ބުނެލަން އޮތީ މަރަޑޯނާ އައްޓަކައި މަރުވާން ކެރޭނެތަ.

    16
    2