އާސެނަލްގައި ޕެޕޭގެ ކެރިއަރު ނިމުނީ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް އޭނާ ދޫކޮށްލަން އެ ކްލަބުން ނޫޅޭކަމަށް ކޯޗް މިކެލް އާޓެޓާ ބުނެފިއެވެ.

އާޓެޓާ ބުނީ ޕެޕޭ ކުރީ ކުށެއް ކަމަށާއި ދަނޑުމަތިން އޭގެ އަދަބު އޭނާއަށް ލިބިއްޖެ ކަމަށެވެ. އަދި އޭނާ މިހާރު މުޅި ކްލަބްގެ ކިބައިންވެސް މާފައް އެދިފައިވާ ކަމަށާއި އާސެނަލް ޓީމުންވެސް އަދި ހުދު އޭނާގެވެސް ފުރިހަމަ ސަޕޯޓް ޕެޕޭއަށް އެބައޮތް ކަމަށް އާޓެޓާ ވަނީ ބުނެފައެވެ.

ޕްރިމިއަ ލީގްގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ޕެޕޭއަށް މެޗުގައި ރަތް ކާޑު ދައްކާފައިވަނީ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނިސް ލީޑްސް ޔުނައިޓެޑްގެ ޑިފެންޑަރު އެލިއޮސްކީއަށް ބޮލުން ހަމަލާދިނުމާ ގުޅިގެންނެވެ.

އަދި މެޗުގައި ހޯދި ރަތްކާޑާ މެދު ދެރަވާ ކަމަށާއި އާސެނަލްގެ މުޅި ޓީމުގެ ކިބައިން މާފައް އެދޭކަމަށް އެޓީމުގެ ފޯވާޑް ޕެޕޭވަނީ ބުނެފައެވެ.

ޕެޕޭގެ ދިފާއުގައި އާޓެޓާ ވާހަކަދައްކާފައިވާ އިރު ޔޫރަޕާ ލީގުގައި އާސެނަލްއިން ނޯވޭގެ މޯލްޑް ފުޓްބޯލް ކްލަބާއި ދެކޮޅަށް ކުޅޭ މެޗުގައި ކުޅުމަށް އެޓީމާއެކު ޕެޕޭވެސް ވަނީ ދަތުރުކޮށްފައެވެ.

ޕެޕޭގެ މި އަމަލާ ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް ބައެއް ފަރާތްތަކުން މިކަމުގައި ކުށްވެރިކުރަނީ އެލިއޮސްކީއެވެ. އޭގެއިން ބައެއް ފަރާތްތައް ބުނާގޮތުގައި ޕެޕޭއަށް މިގޮތައް އަމަލުކުރަން މަޖުބޫރުކުރުވީ ގައިގައި އަތްނުލާ އަނގަބަހުން އެލިއޮސްކީ ކުރި ފުރައްސާރަ ކަމަށެވެ. އަދި އެކަމުގެ އަދަބު އެލިއޮސްކީއަށް ލިބެން ޖެހޭނެކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މެޗަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ވަނީ ރަސްމީ ބަޔާނެއް މިކަމާ ގުޅިގެން ނެރެފައެވެ. އަދި މިމައްސަލައިގައި އަސްލު ކުށްވެރިވާ ފަރާތަކީ ކޮބައިކަން ބަލާނެ ކަމަށާއި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުށްވެރިވާ ކުޅުންތެރިއަކަށް ހައްގުވާ އަދަބު ދޭނެ ކަމަށް ދެ ޓީމުން ފާހަގަކުރެއެވެ.

ޕެޕޭ އާސެނަލްއަށް ބަދަލުވީ ފްރާންސްގެ ލިލް އިން 72 މިލިއަން ޕައުންޑުގެ ޓްރާންސްފަ ފީއެއްގައެވެ. އޭނާ ވަނީ މިހާތަނަށް ކުޅެދިން 42 މެޗުން އަށް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.