ދުނިޔޭގެ އެންމެ ގިނަ ގައުމުތަކުން ބައިވެރިވާ ކުޅިވަރު ހަރަކާތް ކަމުގައިވާ އޮލިމްޕިކްގެ ދިދައިގައި ފަސް ބޮޅު އިންނަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟

ދުނިޔޭގައި ހަތް ބައްރު އޮވެފަ މި ހަތް ބައްރުންވެސް މިހަރަކާތުގައި ބައިވެރިވާ އިރު ފަސް ބޮޅުގެ ބަދަލުގަ ހަތް ބޮޅު ނީންނަނީ ކީއްވެގެންތޯ ސުވާލު އުފެދިދާނެއެވެ.

1913 ވަނަ އަހަރު ޕިއަ ޑީ ކޫބަޓިން ފަރުމާ ކުރި މި ފަސް ރިންގް ނުވަތަ ބޮޅުން ރަމްޒުކޮށް ދެނީ މި ހަރަކާތް ބާއްވަން ފެށި އިރު ދުނިޔެ ބެހިފައިވަނީ ފަސް ބައްރަށް ކަމަށްވާތީވެ އެ ފަސް ބައްރަށް ނިސްބަތް ކޮށެވެ. އޭރުގައި ބެހިފައިވާ ގޮތަށް އެމެރިކާ ދެ ބައްރެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެއް ބައްރެއްގެ ގޮތުގައި ބަލާ އެންޓާޓިކާ އެއީ ބައްރެއްގެ ގޮތުގައި ބަލާފައެއް ނުވެއެވެ.

އަދި މިރިންގުގައި ބޭނުންކޮށްފައިވާ ރަތް، ފެހި، ރީނދޫ، ކަޅު އަދި ނޫ ކުލައިން ރަމްޒުކޮށްދެނީ އެއްވެސް ގައުމެއް އެކަހެރި ނުވާގޮތައް ދުނިޔޭގެ ހުރިހާ ގައުމެކެވެ. މިއިދާރާއިން ބެލިބެލުމުގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ދިދައިގައި ވެސް މި ފަސްކުލައިން ކޮންމެސް އެއްކުލައެއް ހިމެނޭކަމަށް ވެއެވެ. އެހެންކަމުން ކޮންމެ ގައުމެއްގެ ހިއްސާވެސް މިރިންގުން ރަމްޒުކޮށްދޭކަމަށް އެއިދާރާއިން ބުނެއެވެ.

އޮލިމްޕިކް ގޭމްސްގައިވެސް ބޭނުންކުރާ އޮލިމްޕިކްގެ ދިދަ، މުބާރާތް ބާއްވާ ކޮންމެ ގައުމަކުންވެސް ބޭނުންވާ ގޮތަކަށް ބަދަލުކުރުމުގެ ހުއްދަ އެއިދާރާއިން ވަނީ ދީފައެވެ. ނަމަވެސް ބަދަލުނުކުރެވޭނެ އެއް ކަންތައް އޮވެއެވެ. ދިދަޔަށް ކޮންމެ ބަދަލެއް ގެނައިކަމުގައިވީ ނަމަވެސް ދިދައިގައި އޮލިމްޕިކް ރަމްޒުކޮށްދޭ ފަސް ރިންގުގެ ނިޝާނަށް އެއްވެސް ބަދަލެއް ގެނައުމުގެ ހުއްދައެއް އެއްވެސް ގައުމަކަށް ނޯވެއެވެ.

އޮލިމްޕިކް ގޭމްސްއަކީ ކުޅިވަރު ކުޅޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެތްލީޓުންނަށް ބޭއްވޭ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތެވެ. މިހެން މިކަން ވަނީ އާންމުގޮތެއްގައި މާބޮޑު ސަމާލުކަމެއް ނުލިބޭ ކުޅިވަރުތަކަށް އޮލިމްޕިކް ގޭމްސްގައި ބޮޑު ތަރުހީބަކާއެކު ކުރިއަށް ގެންދާތީއެވެ.

ދެން އެންމެ އަވަހަށް އޮލިމްޕިކް ގޭމްސްގެ މުބާރާތެއް އޮންނާނީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ކުރިއަށް އޮތް އޮލިމްޕިކް ގޭމްސް ބޭއްވޭނީ ޖަޕާނުގެ ވެރިރަށް ޓޯކިއޯގައެވެ.