ދުނިޔެދުއް އެންމެ މޮޅު އެއްފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ޑިއެގޯ މަރަޑޯނާ މަރުވުމުން އޭނާގެ ހަށިގަނޑު ޖަނާޒާއަށް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން މީހަކު މަރަޑޯނާގެ ހަށިގަނޑާއިއެކު ފޮޓޯއެއް ނެގުމުން މައްސަލަ ވަރަށް ބޮޑަށް ގޯސްވެ އެންމެ ފަހުން އޭނާގެ ވަޒީފާ ވެސް ގެއްލިއްޖެއެވެ.

ޖަނާޒާއަށް މީހުން ތައްޔާރު ކުރުމުގެ ވަޒީފާގައި އުޅޭ ޑިއޭގޯ މޮލީނާ ނަމަކަށް ކިޔާ މީހަކު މަރަޑޯނާގެ ހަށިގަނޑާއި އެކު ސެލްފީއެއް ނެގިއިރު ފޮޓޯ އިން އިތުރު މީހުން ވެސް ފެނެއެވެ. މޮލީނާ ވަނީ އޭނާ ނެގި ސެލްފީ މީސް މީޑިއާގައި އާއްމު ކޮށްފައެވެ.

އެއާއިއެކު އާޖެންޓީނާގެ ރައްޔިތުން ވަނީ މޮލީނާގެ އަމަލަކީ މަރަޑޯނާ އަށް އިހްތިރާމް ކުޑަކުރުމުގެ އަމަލެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔަން ފަށާފައެވެ. ބައެއްމީހުން ވަނީ މޮލީނާ މަރާލަން ވެސް ގޮވާލާފައެވެ. އަދި އޭނާގެ އަތުން އާޖެންޓީނާގެ ރައްވެހިކަން އަތުލަން ވެސް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.

މައްސަލަ ގޯސްވުމުން މޮލީނާ މަސައްކަތް ކުރާ ފިއުނަރަލް ހޯމް އިން ބުނީ މޮލީނާ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.

މޮލީނާ ނެރުނު ބަޔާނެއްގައި ވަނީ މަރަޑޯނާ މަރުވުމުގެ 12 ގަޑިއިރު ކުރިން ފެށިގެން މަރަޑޯނާގެ ހާލު ދެރަވެފައި އޮތް އިރުވެސް އެއްވެސް މީހެއްގެ އެހީއެއް ލިބިފައި ނުވާކަމަށް ބުނެފައެވެ. މަރަޑޯނާގެ މަރު ތަޙްޤީޤު ކުރަން ވެސް މޮލީނާ ވަނީ ގޮވާލާފައެވެ.

ނަމަވެސް މޮލީނާގެ ވާހަކަތައް މަރަޑޯނާގެ ވަކީލު ވަނީ ދޮގުކޮށްފައެވެ. މޮލީނާ އާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މެރަޑޯނާގެ ވަކީލު ވަނީ ބުނެފައެވެ.

މަރަޑޯނާ ބުދަ ދުވަހު މަރުވުމުން އިއްޔެ ފުރަތަމަ މަރަޑޯނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފައި ވަނީ އޭނާގެ އާއިލާ މެންބަރުންނާއި ރަހުމަތްތެރިންނެވެ. އެއަށްފަހު މިހާރު މަރަޑޯނާގެ ހަށިގަނޑު ވަނީ އާޖެންޓީނާގެ ރިޔާސީ ގަނޑުވަރަށް ގެންގޮސްފައެވެ. ރިޔާސީ ގަނޑުވަރަށް ޒިޔާރަތްކޮށް ގިނަ ބަޔަކު ގެންދަނީ މަރަޑޯނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ކީވެބާ ތިޔަމަރު ތަޙްޤީޤު ނުކުރަން ތިޔަ އުޅެނީ ވަރަށަ ބޮޑު ގޯހެއް އެބައުޅޭ ، އަޅުގަނޑުމެން މަރު ކޮމިޝަނާ ހަވާލުކޮއްލައި ފިއްޔާ 12 ގަޑިއިރު ތެރޭ ހެކި ހޯދާފަ ތިކަން ނިންމާނަން.

    17