ލަންޑަނުގެ އެންމެ ވަރުގަދަ އަދި އެ ސިޓީގެ އެއްވަނަ ޓީމަކީ ޗެލްސީކަން ޓޮޓެންހަމްއަށް ސާބިތުކޮށްދޭނެކަމަށް ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވާއިރު ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ މިދެޓީމު ބައްދަލުކުރާނެއެވެ. މިދެޓީމުގެ އެންމެ ފަހުގެ ކުޅެފައިވަނީ އީއެފްއެލް ކަޕުގައެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ކާމިޔާބުކޮށްގެން މެޗުން މޮޅުވެފައިވަނީ ޓޮޓެންހަމްއެވެ.

އާދިއްތަ ދުވަހު ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅޭ މިމެޗުން ޗެލްސީ މޮޅުވެއްޖެނަމަ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް ލިބިގެންދާނެއެވެ. މިދެޓީމުގެ މެދުގައި އޮތީ އެންމެ ދެޕޮއިންޓުގެ ފަރަގެކެވެ.

މީގެއިތުރުން ޗެލްސީއަށް މިމެޗު އެހެންގޮތަކުން މުހިންމުވާނެއެވެ. އެޓީމުގެ ކުރީގެ ކޯޗް ހޯސޭ މޮރީނިއޯ އާއި ކުރިމަތިލާ އޭނާގެ ޓީމުގެ މައްޗަށް ކުރިހޯދުން ވެގެންދާނީ ޗެލްސީގެ ކުޅުންތެރިންނަށްވެސް އަދި އެޓީމުގެ ސަޕޯޓަރުންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ.

މެޗަށް ޓީމް ތައްޔާރުވެފައިވާ މިންވަރާއި ބެހޭގޮތުން ވާހަކަދައްކަމުން އަޒްޕިލިކުއެޓާ ބުނީ މެޗަށް މުޅީ ޓީމުވެސް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވިސްނުންވެސް ހުރީ މެޗުން މޮޅެއް ހޯދުމަށް ކަމަށެވެ.

"އަބަދުވެސް ބޭނުންވަނީ ލަންޑަނުގެ އެންމެ މޮޅު އަދި އެންމެންގެ ނަޒަރުގައިވެސް ލަންޑަނުގެ 1 ވަނަ ޓީމުގެ ގޮތުގައި ބަލާ ޓީމަށް ވުން. އަހަރެން ދެކޭގޮތުގައި މިއީ ލަންޑަނުގެ އެއްވަނަ ޓީމް. އެހެންކަމުން މެޗުން މޮޅުވުމަކީ އަހަރުމެންނަށް ވަރަށް މުހިންމު ކަމެއް". މެޗުގެ މުހިންމުކަމާއި ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުންޏެވެ.

އެންމެ ފަހުގެ ނަތީޖާތަކަށްބަލާއިރު މިވަގުތު ޕްރިމިއަރ ލީގުގެ އެއްވަނައިގައި 20 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ. ދެވަނައިގައި ލިވަޕޫލްވެސް ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން އޮތްނަމަވެސް ޓޮޓެންހަމަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ޗެލްސީ ތާވަލުގެ ތިންވަނައިގައި އޮތީ 18 ޕޮއިންޓާ އެކުގައެވެ.