ފުޓުބޯަޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފްއޭއެމް) ގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެފްއޭއެމް ފައުންޑޭޝަން ލޯންޗުކޮށްފިއެވެ.

އެފްއޭއެމް ފައުންޑޭޝަން ހުޅުވާފައިވަނީ މިކަމަށްޓަކާ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފައުންޑޭޝަން އަކީ އޭއެފްސީ ޑްރީމް އޭޝިއާ ފައުންޑޭޝަންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކު ހުޅުވިގެންދިޔަ ފައުންޑޭޝަންއެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ މަގްސަދަކީ މުސްތަގްބަލުގައި ކަންކަމާއި ހަވާލްވާނެ ކުޑަކުދިންނާއި ޒުވާނުންނަށް އިޖްތިމާއިގޮތުން ކުރިއެރުންތަކަކާއި ހެޔޮ ބަދަލްތަކެއް ގެނެސް ފުޓުބޯޅައިގެ ތެރެއިން މިފަރާތްތަކަށް ހިފެހެއްޓެނިވި ގޮތަކަށް ކުރިއަރާނެ ލަނޑުދަނޑި ތަކެއް ހާސިލްކުރުން ކަމަށެވެ.

މިޕްރޮގްރާމްގެ ސަބަބުން މުހިންމު ހެޔޮ ބަދަލްތަކެއް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އަންނާނެކަމަށް އެއިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ. "ފުޓުބޯޅައިގެ އެންމެހައި ކަންތައްތައް ރާވާ ހިންގުމާއި ހަވާލްވެގެންހުރި ފަރާތުގެ ހައިސިއްޔަތުން، މުޖުތަމައުއަށް ފައިދާ ކުރާނެ ކަންތައްތަކެއް ފުޓުބޯޅައިގެ ތެރެއިން ފޯރުކޮށްދޭން ޖެހޭކަން ގަބޫލް ކުރަން. މިޕްރޮގްރާމް މެދުވެރިކޮށް މިއެދޭ ހެޔޮބަދަލްތައް ފުޓުބޯޅައިގެ ތެރެއިން ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް".

އެފްއޭއެމް ފައުންޑޭޝަންގެ ފަރާތުން ހިންގޭ ޕްރޮގްރާމްގެ މައިގަނޑު ދެ މަގުސަދެއް އެބައޮތް ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. އެއީ ކުޅިވަރު ކުޅުމުގައި އެންމެންވެސް ބައިވެރިކުރުން އަދި ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ދަސްކޮށްދިނުމެވެ. މި ދެމަގްސަދު ހާސިލްކުރުމަށް ހިންގޭ ޕްރޮގްރާމްތައް މިއަހަރުގެ ނިޔަލަށް އަދި ކުރިއަށް އޮތްތަނުގައި ހިންގުމަށް ރާވާފައިވާކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން ގަބޫލްކުރާގޮތުގައި އެފްއޭއެމް އިން އިސްނަގައިގެން މިޕްރޮގްރާމް ހިންގާއިރު މިޕްރޮގްރާމުގެ މަގްސަދުތައް އަވަސްގޮތެއްގައި އެންމެ ފުރިހަމައަށް ހިންގުމަށް މުޖުތަމައުގެ އެކި ފަންތީގެ ރައްޔިތުންގެ އަދި އެކި އިދާރާތަކުގެ ފަރާތުން ބައިވެރިވުން ބޭނުންވާނެ. މިދެންނެވި ފަރާތްތަކުގެ ގުޅުން ވެގެންދާނީ މި މަގްސަދުތައް ކާމިޔާބުވުމުގެ އެންމެ މުހިންމު މޭސްތިރިއަކަށް". ޕްރޮގްރާމުގައި ގިނަ ފަރާތްތަކެއް ބައިވެރިވުމުގެ މުހިންމުކަން ހާމަކޮށްދެއްވަމުން ބައްސާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިޕްރޮގްރާމްގެ ސަބަބުން މުޅި ފުޓުބޯޅަ އާއިލާއަށްވެސް އަދި މުޅި މުޖުތަމައުއަށްވެސް ގުޅިގެން މަސައްކަތްކޮށް މިހާރުމިއޮތް ދަތި ހާލަތުން އަރައިގަނެ އެންމެން އެކީގައި މަސައްކަތްކޮށް ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމް ފައުންޑޭޝަން މަޝްރޫއަކީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިސްނެގުވުމާއެކު، އޭއެފްސީގެ އެހީގެ ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއެކެވެ. މި ފައުންޑޭޝަނަށް އެމްބެސެޑަރުން ހަމަޖައްސަމުން އަންނައިރު ރާއްޖޭގައި ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ މުހިންމު ފަރާތްތަކެއް "ގުޑްވިލް އެމްބެސެޑަރުން"ގެ ގޮތުގައި ހަމަޖައްސާފައިވެއެވެ. އެގޮތުން ރާއްޖެއަށް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އާއި ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ފޯވާޑް އަދި އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީކަންވެސް މީގެ ކުރިން ކުރައްވާފައިވާ ޝާހު އިސްމާޢީލް ވެސް ވަނީ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައެވެ.

އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަކުޅުންތެރިޔާ އަދި މިހާރުގެ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ކުރީގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު އާއި ވައިސް ކެޕްޓަން މަރިޔަމް މިރްފަތްގެ އިތުރުން 23 އަހަރުން ދަށުގެ ގައުމީ އަންހެންޓީމުގެ ކުޅުންތެރިޔާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ލައިޝާ ޖުނައިދް އަދި 14 އަހަރުން ދަށުގެ ގައުމީ އެލީޓް ޕޫލްގެ އީތަން އިބްރާހިމް ޒަކީވެސް "ގުޑްވިލް އެމްބެސެޑަރުން"ގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

މިހުރިހާ އެމްބެސެޑަރުންވެސް ވަނީ މިފަދަ ފައުންޑޭޝަންއެއް ރާއްޖޭގައި އޮތުމުގެ މުހިންމުކަމާއި މި ފައުންޑޭޝަންގެ ސަބަބުން މުޖުތަމައުއަށް ކުރާނެ ފައިދާތަކަށް އަލިއަޅުވާލާފައެވެ. އެފްއޭއެމް ފައުންޑޭޝަން މިއަދު ހަވީރު ލޯންޗް ކުރިއިރު، މި ފައުންޑޭޝަނުގެ ހަކަރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ.