ދާދިފަހުން މަރުވި އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯޯނާގެ ހަނދާނުގައި ގެނައި ހަނދާނީ ސުކޫތުގައި އެ ޤައުމަށް ނިސްބަތްވާ ލިއޮނަލް މެސީއަށް އޭނާގެ ކަރުނަތަށް ނުހިފެހެއްޓުނެވެ.

މެސީ އާއި މަރަޑޯނާއަކީ އާޖެންޓީނާގެ ފުޓުބޯޅައިގައި ވަރުގަދަ ދެ ބްރޭންޑެކެވެ. މި ދެ ކުޅުންތެރިންނަށް ސަޕޯޓުކުރާ ގިނަބަޔަކު އެ ޤައުމުގައި ތިބިއިރު މަރަޑޯނާ މަރުވުން ވެގެންދިޔައީ މެސީއަށް ވަރަށް ހިތްދަތި އިހުސާސުތަކެއް ގެނުވި ކަމަކަށެވެ.

ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބާސާގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ބޭއްވި ހަމަހިމޭންކަމުގެ ސުކޫތުގައި މެސީ ހުރީ އިސްޖަހާލައިގެންނެވެ. އެވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިން މައުލޫމާތުދޭ ގޮތުގައި މެސީއަށް ހުރީ ރޮވިފައެވެ.

މެސީއަކީ މަރަޑޯނާގެ ފައިތިލަ ދަށުން އެ ޤައުމުން އުފަންވި އަގުހުރި ޖަވާހިރެކެވެ. ވައަތު ފައިން މޮޅަށް ކުޅޭ މަރަޑޯނާއެކޭ އެއްގޮތަށް މެސީއަކީވެސް ވައަތު ފައިން މޮޅަށް ބޯޅަ ކުޅޭ ކުޅުންތެރިއެކެވެ. މަރަޑޯނާގެ ޒަމާނުގައި އެއީ އެންމެ މޮޅު ކުޅުންތެރިޔާއެވެ. ހަމައެގޮތަށް މެސީއަކީ މިޒަމާނުގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ.

ބޮކާ ޖޫނިއާސް އިން އޭރުގެ ރެކޯޑު އަގެއް ކަމަށްވާ 7.6 މިލިއަން ޑޮލަރަށް މަރަޑޯނާ ވަނީ ބާސެލޯނާއަށް ބަދަލުވެ އެ ކުލަބަށް ތިން އަހަރު ކުޅެފައެވެ. އެއީ 1982 އިން 1984 އަށެވެ. އެ ޓީމާއެކު މަރަޑޯނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު މަރަޑޯނާގެ ޖަނާޒާގެ ކަންކަން ވަނީ މިއަދު ކުރިޔަށްގެންގޮސްފައެވެ. އަދި އޭނާ ވަނީ މިއަދުގެ ވަގުތެއްގައި ވަޅުލާފައެވެ. މި ޖަނާޒާއަށް ފުރުސަތު ދީފައިވަނީ ހަމައެކަނި މަރަޑޯނާގެ އާއިލާ މީހުންނަށް ކަމަށް މައުލޫމާތުލިބެއެވެ.