ރާއްޖޭގެ ފުޓުބޯޅައާއި ބެހޭ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުވެރި އަރަބި އިމާރާތުގެ ފުޓުބޯޅަ އާއި ބެހޭ މައި އިދާރާ ޔޫއޭއީ އެފްއޭ އަދި ހެޔޮއެދޭ އިތުރު ފަރާތްތަކެއް މެދުވެރިކޮށް ކޮވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންކުރާ ބައެއް ސާމާނު ހޯދާފައިވާ ކަމަށެވެ.

އެގޮތުން އެހީގެ ފުރަތަމަ ބައިގައި ޔޫއޭއީ އެފްއޭގެ ފަރާތުން ލިބިފައިވާ 200 ޕީސީއާރް ކިޓް (10،000 ޓެސްޓް) މިއަދު އައިޖީއެމްއެޗް އާއި ވަނީ ހަވާލްކޮށްފައެވެ. މިއަދު ހަވީރު އެފްއޭއެމް ފައުންޑޭޝަން އިފްތިތާހުކުރުމަށް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ހަފްލާއެއްގައި މިތަކެތި ހަވާލްކޮށްފައިވާއިރު އައިޖީއެމްއެޗްގެ ފަރާތުން މިތަކެއްޗާ ހަވާލުވީ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރު މުހަންމަދު ސައީދުއެވެ.

މީގެއިތުރުން އެފްއޭއެމްއަށް ހެޔޮއެދޭ އެކިފަރާތްތަކުން ފޯރުކޮށްދީފައިވާ ޕާސަނަލް ޕްރްޓެކްޓިވް އެކުއިޕްމަންޓް (ޕީޕީއީ)ގެ ގޮތުގައި 20.000 ފޭސް މާސްކާއި 20،000 އަންގީގެ އިތުރުން 5000 ސެނިޓައިޒަރ ފުޅި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލްކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިތަކެއްޗާއި ހަވާލުވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތް އަލީއެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ޔޫއޭއީ އެފްއޭގެ ރައީސް ޝެއިހް ރާޝިދް އަލް ނުއައިމީ އާއި ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ބައްސާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ހަވީރު ކުލަގަދަގޮތެއްގައި ބޭއްވުނު މިހަފްލާގައި ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެފްއޭއެމް ފައުންޑޭޝަން ވެސް ވަނީ އިފްތިތާހު ކޮށްފައެވެ.