ހދ. ނޮޅިވަރަމު "މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)" ޖަމްއިއްޔާއިން އިސްނަގައިގެން އެ ރަށުގެ އަންހެނުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ތަށި ސްޓެއިން އުފުލާލައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ސްޓެއިން ހޯދީ ފައިނަލުގައި ކަންމަތި ޓީމާއި އާއި ވާދަކޮށް 6-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ކަންމަތި ޓީމަށް ލަނޑުތައް ޖަހައިދިނީ ނަދުހާ އަހުމަދާއި މުޒުނާ އިބްރާހީމެވެ. މެޗުގައި ސްޓެއިން ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ތިން ގޯލު ޖެހި ރީޝާ އަހުމަދާއި ދެ ގޯލު ޖެހި ޒާހިޔަތު މުހައްމަދުގެ އިތުރުން އެއް ގޯލު ޖެހި ނާއިމަތު އަބްދުލް ހަމީދެވެ.

ފައިނަލް މެޗު ނިމުމުން މުޅި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން ވަނީ ހޮވާފައެވެ. އެއީ ކުލަބް ކުލަސްޓާގެ އައިޝަތު މައިހާ ހުސެއިން އާއި ނަޖުދާ އާދަމް އާއި ސްޓެއިންގެ ޒާހިޔަތު މުހައްމަދާއި ސްޓޫޑިއޯ ގާލްސްގެ އާމިނަތު ވަހީދާއާއި ކަންމަތި ޓީމުގެ ނަދުހާ އަހުމަދުގެ އިތުރުން ސްޓެއިންގެ ރީޝާ އަހުމަދު އަނީލް އަދި ކަންމަތި ޓީމުގެ މުޒުނާ އިބްރާހީމެވެ .

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޗެމްޕިއަން ސްޓެއިންގެ ކޯޗު އަހުމަދު މުއާޒް ހޮވުނުއިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ އެމްއެމްއެސް އެވެ.

ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝަހީދާ އަލީއާއި ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗްގެ މެނޭޖަރު އައިޝަތު އަބްދުލް ރަހީމުގެ އިތުރުން ނޮޅިވަރަމް ކައުންސިލްގެ މެމްބަރު އިބްރާހިމް ނަސީރެވެ.

މުބާރާތުގެ ރަނަރަޕް ޓީމު

ޖުމްލަ 13 ޓީމާއެކު ބާއްވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ކުރިޔަށްދިޔައީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ޗަކުލީ ގާލްސް، ކުރިމަގު، ސްޓެއިން، ކުލަބް ކްލަސްޓަރ އަދި އަލް ނިސާ އެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ކޭޖީ ގާލްސް، ޕަނީ ގާލްސް، ސްޓޫޑިއޯ ގާލްސް، އަދި މެޑްރިޑް ގާލްސް އެވެ. މީގެއިތުރުން ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ ޓީމު އަވައްޓެރިން، އެމްއެމްއެސް، ކަނބަލުން އަދި ކަންމަތި ޓީމެވެ.

މިއީ އެ ރަށުގައި އަންހެނުންނަށް ހުޅުވާލައިގެން އެމްއެމްއެސް އިން ބޭއްވި ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ. މި މުބާރާތް އަންނަ އަހަރުވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.