ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައިވާ އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް ފުޓުބޯޅަ ކުޅެން ފެށި ފަހުން އެންމެ ބޮޑު އާމްދަނީއެއް ހޯދަމުންދާ ކުޅުންތެރިޔާއެވެ.

ފުޓުބޯޅައިގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ބިލިއަނަރުގެ ގޮތުގައި ހުރި ރޮނާލްޑޯއަށް އާމްދަނީގެ ގޮތުގައި ޖެހިފައިވާ ވަރު އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް ޖެހިފައިވާ ކަމަށް ފޯބްސް މެގަޒިން އިން ބުނާ އިރު އޭނާ އާމްދަނީ ހޯދާ އެތައް ވަސީލަތްތަކެއް ހުރެއެވެ.

އެގޮތުން އޭނާ ކުޅޭ ކްލަބުންދޭ މުސާރައިގެ އިތުރުން ސްޕޮންސާޝިޕް ޑީލްތަކާއި އެންޑޯޒްމެންޓްތަކުން ވެސް ބޮޑު އާމްދަނީއެއް ދަނީ ހޯދަމުންނެވެ. މީގެ އިތުރުން އަމިއްލަ ބްރޭންޑް އެއް އުފައްދާ ކުރަމުންދާ ވިޔަފާރިއާއި އޭނާގެ ހޮޓެލް ފްރެންޗައިސްގެ އިތުރުން މީސް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް އޭނާއަށް އެހެން ކުޅުންތެރިންނާ އަޅާ ބަލާއިރު މާ ބޮޑު އާމްދަނީއެއް ލިބެއެވެ.

ނަމަވެސް އޭނާ އެތައް ގުރުބާނީއަކާއި ބުރަ މަސައްކަތަކުން ބިނާކޮށްފައިވާ ފުޓުބޯޯޅައިން މިހާރު އޭނާ ކުޅެމުން އަންނަ ކްލަބް ޔުވެންޓަސްއިން ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް އިންސްޓާގްރާމް މެދުވެރިކޮށް އޭނާއަށް ލިބޭކަމަށް ރިޕޯޓްތަކުން ވަނީ ދައްކާފައެވެ.

ޔުވެންޓަސްއިން މުސާރައިގެ ގޮތުގައި އޭނާއަށް އަހަރަކު 31 މިލިއަން ޔޫރޯ ލިބޭއިރު އިންސްޓާގްރާމް ޕޯސްޓްތައް މެދުވެރިކޮށް އޭނާއަށް އަހަރަކު 39.95 މިލިއަން ޔޫރޯ ލިބެއެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރޮނާލްޑޯއަކީ އިންސްޓާގްރާމްގައި އެންމެ ގިނަ ފަރާތްތަކުން ފޮލޯ ކުރާ ފަރާތެވެ. އަދި ރޮނާލްޑޯ މެދުވެރިކޮށް އިންސްޓާގްރާމުގައި ވިޔަފާރިއެއް ނުވަތަ އެހެންކަމެއްވެސް ޕްރޮމޯޓްކުރުމަށް، ކުރާ ކޮންމެ ޕޯސްޓަކަށް އެއް މިލިއަން ޑޮލަރު ޗާޖުކުރާކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ރޮނާލްޑޯ އިންސްޓާގްރާމްގައި ޕްރޮމޯޓްކުރާ ބްރޭންޑުތަކުގެ ތެރޭގައި ދުނިޔޭގައި މަޝްހޫރު އަގުބޮޑު ބްރޭންޑް ތަކެކެވެ. އެގޮތުން ނައިކީ ފުޓްބޯލް، ކްލިއަރ ހެއަރ ކެއަރ އަދި ސިކްސް ޕެޑް ޔޫރަޕް ހިމެނެއެވެ.

ރޮނާލްޑޯގެ މިލްކިއަޔާތުގައި އެތައް ކާރެއް އޮންނައިރު އަމިއްލަ ޕްރައިވެޓް ޖެޓެއްވެސް އޮވެއެވެ. ރޮނާލްޑޯގެ މި ގަލްފްސްޓްރީމް ޖީ650 މަރުކާގެ ޖެޓަކީ ފުޓުބޯޅަ ކުޅުންތެރިއެއްގެ އަތުގައި އޮތް އެންމެ އަގުބޮޑު ޖެޓެވެ. މިޖެޓުގެ އަގަކީ 28 މިލިއަން ޔޫރޯއެވެ.

ދުނިޔޭގެ އެންމެ މަގްބޫލް އެއް ޝަހްސިއްޔަތު ކަމުގައިވާ ރޮނާލްޑޯގެ އިންސްޓާގްރާމް އެކައުންޓަށް 243.3 މިލިއަން މީހުން ފޮލޯ ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަހޫ

    ދެން ބީއެމްއެލް ކިހިނެތް ވެގެންތަ މިއުޅެނީ؟ އޮންލައިން ކޮށް ފައިސާ ހޯދޭނެ މަގު ފަހި ކޮށްދީ. ދިވެހިންނަށް ނެތް ބީއެމްއެލް ކާރޑް ބޭނުންކޮށްގެން އޮންލައިން ކޮށް ފައިސާ ހޯދޭނެ ގޮތެއްވެސް. މީ ވަރަށް ދެރަކަމެއް ހަގީގަތުގަވެސް...

  2. ސަޒާ

    ތި މީހުުންގެ އުފަލާ އަރާމަކީ ދުނިޔަވީ ކަމެއް