ހޭންޑްބޯޅައަކީ ކުރު މުއްދަތެއްގެ ތެރޭގައި މުޅި ރާއްޖޭއަށް ފުޅާވެގެންދިޔަ މަޤުބޫލު ކުޅިވަރެކެވެ. މި ކުޅިވަރު ފުޅާވެގެން ގޮސް ބައެއް ރަށްރަށުގައި ވަނީ އެކަޑަމީތަށް އުފައްދާފައެވެ. މި އެކަޑަމީތަކުގެ ތެރެއިން ރަސްދޫ ހޭންޑްބޯޅަ އެކަޑަމީއަކީ ފާހަގަކޮށްލެވޭ އެކަޑަމީއެކެވެ.

އއ.ރަސްދޫއަކީ ހޭންޑްބޯޅައަށް ފޯރި ހުންނަ ރަށެކެވެ. އެ ރަށަށް ހޭންޑްބޯޅަ ތައާރަފްވެގެންދިޔައީ 2006 ވަނަ އަހަރުގައެވެ. އެއީ އެ ރަށު ފުލުހުންގެ އިދާރާގައި ހަރަކާތްތެރިވި ފުލުހެއްގެ އެހީއާއެކުއެވެ. ނަމަވެސް މި ފުލުސް މީހާގެ ފަރާތުން އެ ރަށު ރައްޔިތުންނަށް ހޭންޑްބޯޅައާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި 2007 ވަނަ އަހަރު އެރަށު ޖަމްއިއްޔަތުލް އުލޫމުން " ޖޭޔޫ ހޭންޑްބޯޅަ ޓޯނަމަންޓް" ގެ ނަމުގައި ރަސްދޫގައި ފުރަތަމަ ފަހަރަށް ހޭންޑްބޯޅަ މުބާރާތެއް ބޭއްވިއެވެ.

އޭރު ޖަމްއިއްޔަތުލް އުލޫމުގެ ހޭންޑްބޯޅަ ޓީމާއެކު އަހުމަދު ރަޝީދު ހޭންޑްބޯޅައިގެ ހަރަކާތްތައް ފެށިއެވެ. އެއަށްފަހު މި ކުޅިވަރަށް ޖެހުނު ލޯތްބެއްގެ ބޮޑުކަމުން އިތުރަށް މި ކުޅިވަރުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދާ ބަލާ ހެދިއެވެ. އަދި ރަށުން ބޭރު ކޯޗުން ރަށަށް ގެނެސް އެ ހަރަކާތްތައް މުޅި ރަށުގައި ފުޅާކުރުމުގައި އަހުމަދު ރަޝީދުގެ އިސްނެގުމުން ހާމަވެގެންދަނީ މި ކުޅިވަރަށް އޭނާ އޮތް ލޯތްބެވެ.

މިއީ ރަސްދޫ ހޭންޑްބޯޅަ އެކަޑަމީގެ މޭސްތިރިކަމަށްވާ އެ ރަށު ފެމޮރާގެ އަހުމަދު ރަޝީދު މި ކުޅިވަރަށް ލޯބިޖެހެން ފެށ،ި އޭނާ މި ކުޅިވަރުން އިތުރަށް ކުރިޔަށްދާން ފެށި ހިސާބެވެ. ރަސްދޫގައި ހޭންޑްބޯޅައިގެ ހަރަކާތްތައް ފުޅާވެގެން ގޮސް 2009 ވަނަ އަހަރު އަހުމަދު ރަޝީދާއި އޭނާގެ ރައްޓެއްސެއް ގުޅިގެން އެއަހަރު ބޭއްވި ހޭންޑްބޯޅަ މުބާރާތެއްގައި ދެ ޓީމު ބައިވެރިކުރިއެވެ. އެގޮތުން 2009، 2010 އަދި 2011 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއެކު ޓީމު ހެދުން ހުއްޓާލިއެވެ. މި ތިން އަހަރުގެ ތެރޭގައި ރަސްދޫގައި ހޭންޑްބޯޅައިގެ ހުނަރު ހުރި މޮޅެތި ކުޅުންތެރިންތަކެއް އުފަންވިއެވެ.

އެއަށްފަހު 2017 ވަނަ އަހަރު އެ ރަށުގައި ފުޓުބޯޅަ އެކަޑަމީއެއް އުފެއްދުމާއެެކު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމާއި އެކު އެ ރަށުގައި ހޭންޑްބޯޅަ އެކަޑަމީއެއް އުފެއްދުމަށް އަހުމަދު ރަޝީދު ނިންމިއެވެ. ނަތީޖާއެއްގެ ގޮތުން 2017 ވަަނަ އަހަރުގެ އޮކްޓޯބަރު އެކެއްގައި ޖުމްލަ 25 ކުދިންނާއެކު ރަސްދޫ ހޭންޑްބޯޅަ އެކަޑަމީގެ ހަރަކާތްތައް ފެށިގެންދިޔަ އެވެ. މި އެކަޑަމީ އުފެއްދުމަށް އަހުމަދު ރަޝީދު އިސްނެގީވެސް މި ކުޅިވަރަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

ރަސްދޫ އެކަޑަމީގެ ދެ ކޯޗުން (ނޫ ޖާޒީގައި) ކަމަށްވާ އަހުމަދު ރަޝީދު އާއި ރިޝްނާ މުހައްމަދު

އެކަޑަމީގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރަސްދޫ ހޭންޑްބޯޅަ ޓީމާއި، ރަސްދޫ ޖަމްއިއްޔަތުލް އުލޫމުގެ ހޭންޑްބޯޅަ ޓީމުގެ ސީނިއާ ހަތަރު ކުޅުންތެރިންނެވެ. މިއަހަރުގެ މިހާތަނަށް މި އެކަޑަމީގައި 45 ކުދިން އެބަތިއްބެވެ. އެކަޑަމީއަށް ތިން އަހަރު ފުރިގެންދިޔައިރު އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެއީ އެކަޑަމީއާއި ގުޅޭ ކުދިންގެ އަދަދު މަދުވުމާއި، ހޭންޑްބޯޅަ ކުޅޭ ދަނޑެއް ނެތުންވެސް އެއީ އެކަޑަމީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ހުރި ގޮންޖެހުމެކެވެ. މިހާރު އެކަޑަމީގެ ހަރަކާތްތައް ކުރިޔަށްގެންދަނީ އެރަށު ފުޓުބޯޅަ ދަނޑުގައެވެ.

އެކަޑަމީގެ ހަރަކާތްތައް ފުޅާވެގެންގޮސް މިއަހަރު ވަނީ ފުރަތަމަ ފަހަރަށް ރަށުންބޭރުގައި އެކަޑަމީ ތައާރަފްކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން އއ.މަތިވެރި ރޯޔަލް ނައިޓްސް ސްޕޯޓްސް ކުލަބުން ދެއްވި ދައުވަތަށް ރަސްދޫ އެކަޑަމީގެ ދެ ކޯޗުން ވަނީ އެ ރަށުގައި ކޯޗިން ކޭމްޕެއް ބައްވާ އެ ރަށުގައި އެކަޑަމީގެ ކަންކަން ފުޅާކޮށްފައެވެ.

މި އެކަޑަމީގެ ހަރަކާތްތައް ރަށުން ބޭރަށް ފުޅާކުރުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ރަސްދޫ ހޭންޑްބޯޅަ އެކަޑަމީގެ 16 އަހަރުންދަށުގެ ޓީމާއި އދ.މަހިބަދޫ ސްޕޯޓްސް ކުލަބުގެ 18 އަހަރުންދަށުގެ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ވަނީ ކުޅެފައެވެ. މި މެޗު 17-2 އިން ކާމިޔާބުކުރީ ރަސްދޫ ހޭންޑްބޯޅަ އެކަޑަމީގެ 16 އަހަރުންދަށުގެ ޓީމެވެ. މީގެއިތުރުން މިއަހަރުގެ ނޮވެމްބަރު 27 ގައި އއ.މަތިވެރީ ސްކޫލުގެ 16 އަހަރުންދަށުގެ ޓީމާއި ރަސްދޫ ހޭންޑްބޯޅަ އެކަޑަމީގެ 16 އަހަރުންދަށުގެ ޓީމާއެކު އެކުވެރިކަމުގެ މެޗެއް މަތިވެރި ޓާފް ދަނޑުގައި ވަނީ ކުޅެފައެވެ. މި މެޗު 6-10 އިން ކާމިޔާބުކުރީ ރަސްދޫ ހޭންޑްބޯޅަ އެކަޑަމީ އެވެ.

ކޮންމެ ރަށެއްގައިވެސް އެކަޑަމީއެއް އަމިއްލަ ހަރަދުގައި ކުރިޔަށް ގެންދެވޭނީ ގިނަ ބައެއްގެ އެހީތެރިކަން ލިބިގެންނެވެ. އެގޮތުން ރަސްދޫ އައިލޭންޑް އިން، ޕްރިންޓް ސާކަލް، އަދި ކޯޗުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޤައުމީ ޓީމުގެ ކުރީގެ ކޯޗު ބަންގްލަދޭޝްގެ އަމްޒަދު އާއި ކުރީގެ ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ސޮފީހުގެ އެހީތެރިކަން އެ އެކަޑަމީން ފާހަގަކުރެއެވެ.

މިއީ ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރުވަމުން އަންނަ ހޭންޑްބޯޅައަށް ރަސްދޫ ހޭންޑްބޯޅަ އެކަޑަމީން ވާ ބޮޑު ގުރުބާނީއެކެވެ. އަދި ޤައުމީ ހިދުމަތެއްވެސް މެއެވެ. ގޮންޖެހުންތައް ހުރި ނަމަވެސް އެ އެކަޑަމީގެ އަމާޒަކީ ލިބެން ހުރި މަދު ވަސީލަތްތަކާއި އެކުވެސް ޤައުމު ފަހުރުވެރިވާނެ ހޭންޑްބޯޅަ ކުޅުންތެރިން އުފެއްދުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިރުޝާދާ

    ރަސްދޫގައި ތިނޫންކަމެއް ނުކުރޭ. ރެޔާ ދުވާލު ތިކަމުގައި، ކުދިންނަށް ކިޔަވާދިނުމެއް ނެތް. އަދި ވަކިން ހާސަކޮށް މި ބަލިމަޑުކަން ފެށުނު ހިސާބުންް ފެށިގެން ތިޔަ ކުޅިވަރުތައްވީ އިތުރު.. ދަރިން އުޅެނީ އުޅޭނެ ގޮތަކަށް ޖަހަނީ ޖަހާނެ މައްލަނައެއް. ގިނަ އަމައިން ނާއި ބަފައިން ކުޅިވަރުގައި، އެއް ރަށުން އަނެއް ރަށަށް، އެއް ގަނޑުން އަނެއް ދަނޑަށް، އެއް ކުޅިވަރުން، އަނެއް ކުޅިވަރަށް. ލަދުން ބޯހަލާކުވާވަރުވެ.