ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި އަދި އެންމެ ގިނަ ބައެއްގެ ލޯބި ހޯދި ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައިވާ ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ އަކީ އެތައް ގޮތަކުން ފުޓުބޯޅައިގެ ދިގު ތާރީހުން ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ.

އޭނާގެ ހިނިތުންވުމުގެ ސަބަބުންނާއި ފުޓުބޯޅަ ކުޅުމުގައި ގެންގުޅޭ ތަފާތު އުކުޅުތަކުގެ ސަބަބުން އޭނާ ކުޅޭ ޓީމްތަކާއި އެންމެ ވާދަވެރި އެހެން ޓީމްތަކުގެ ސަޕޯޓަރުންގެ ލޯބި ވެސް އޭނާ ވަނީ ހޯދައިފައެވެ.

ޓީނޭޖް އުމުރުފުރައިން ފެށިގެން ވެސް ފުޓުބޯޅައިގެ ދުނިޔޭގައި ވިދާލާ މީޑިއާތަކުގެ ސަމާލުކަން ހޯދާފައިވާ ރޮނާލްޑޯ ވަނީ އެއް މެޗުގައި 23 ލަނޑު ވެސް ކާމިޔާބުކޮށްފައެވެ. އުމުރުން 13 އަހަރުގައި އޭނާ ކުޅެ ދިން ޓީމް މެޗެއްގައި 23 ލަނޑު ކާމިޔާބުކުރި އިރު އެ ޓީމުގެ ހުރިހާ ލަނޑެއްވެސް މެޗުގައި ޖަހާފައިވަނީ އޭނާއެވެ. ރޮނާލްޑީނިއޯގެ ހުނަރުވެރިކަމަށް ގިނަބައެއްގެ ސަމާލުކަން އައިސްފައިވަނީ އެހާ ހިސާބުންނެވެ.

ފުޓުބޯޅައިގެ ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ ބެލަންޑޯ އެވޯޑްވެސް ހާސިލްކޮށްފައިވާ ރޮނާލްޑީނިއޯގެ ކެރިއަރަކީ އޭނާގެ ހުރި ހުނަރުވެރި ކަމަށް ބަލާ ކުރު ކެރިއަރެކެވެ. ޕާޓީ ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާލެއް ގިނަވެ ފިޓްނަސްއަށް އަސަރުކުރުުމުގެ ސަބަބުން ރޮނާލްޑީނިއޯގެ ކުރިއަރަށް އުންމީދުކުރަމުން ދިޔަ އެތައް ބަޔަކަށް ވަނީ މާޔޫސްކަން ގެނުވައިފައެވެ.

މިއަހަރު ތެރޭގައި ޕެރެގުއާއިއަށް ވަގު ޕާސްޕޯޓެއް ބޭނުންކުރަން އުޅުމުގެ ތެރޭގައި ރޮނާލްޑީނިއޯ ވަނީ ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް އޭނާ ޖަލުގައި ހޭދަކުރި ދުވަސްވަރު ޕެރެގުއާއިގެ ޖަލު ބަލަހައްޓާ ފަރާތްތަކުން ވެސް އަދި ސަރުކާރުން ވެސް އޭނާއާ މެދު ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށް އޭނާވަނީ ބުނެފައެވެ. އަދި ޖަލުގައި ބޭއްވި މުބާރާތެއްގައި އޭނާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.