ފުޓުބޯޅަ އަކީ މުޅި ދުނިޔޭގައިވެސް އެންމެ މަގުބޫލް ކުޅިވަރެވެ. އެތައް މިލިއަން ބަޔަކު އެކުޅިވަރެއް ބެލުމަށް ވަގުތު ހުސްކޮށް އެތައް ވަގުތެއް އެކުޅިވަރު ބެލުމަށް ހޭދަކުރާ ކުޅިވަރެކެވެ. އެހެންނަމަވެސް މިކުޅިވަރު ފެއްޓިގެން އައީ ކޮންތާކުން ކިހިނެއް ކަމާއި މެދު އެތައް ބައެއްގެ މެދުގައި ހިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ.

ފުޓުބޯޅައަކީ ތިމަންނަމެންގެ އުފެއްދުމެކޭ ބުނެ އެންމެ ގަދައަށް އަޑުއުފުލާ އެއްބަޔަކީ އިނގިރޭސި ވިލާތެވެ. އެކަމް އެއީ މާކުރިއްސުރެވެސް ގައުމުތަކަށް އަތްގަދަކޮށް އެގައުމު ތަކުގެ ސަގާފަތްތައް އަމިއްލަކުރުމަށް ނަން މަޝްހޫރު ގައުމެކެވެ. ތެދެކެވެ. މިޒަމާނުގައި ފެންނަން މިއޮތްގޮތަށް ގަވައިދުތަކެއް ހެދި އުސޫލުތަކެއްގެ ދަށުން މިކުޅިވަރަށް ބަދަލްތަކެއް ގެނެސް ކުޅެން ފެށީ އިނގިރޭސިންނެވެ. އެކަމަކު ބަދަލްތަކެއް ގެނެސް މިޒަމާނުގައި ފެންނަން މިއޮތް ގޮތައް ފުޓުބޯޅަ ބަދަލުކުރުން މިއީ ފުޓުބޯޅައިގެ އަސްލު ފެށުން ކަމަށް ބެލެވިދާނެ ހެއްޔެވެ؟

އިނގިރޭސިންގެ އިތުރުން ދެން ފުޓުބޯޅައިގެ "މިލްކުވެރިކަމަށް" ދައުވާކުރާ އެއްބަޔަކީ ގްރީސްއެވެ. ހަގީގަތަކަށް ނުވާނެއެކޭ ނޫނެވެ. ގަދީމީ ގްރީސްގެ ރައްޔިތުންނަކީ މިފަދަ އެތައް ކުޅިވަރެއް ކުޅުނު ބައެކެވެ. އެހެންނަމަވެސް މިއީ ތިމަންނަމެންގެ ކުޅިވަރެއްކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް މިބައިމީހުނަށްވެސް ދެއްކިފައެއް ނެތެވެ.

އެންމެ ގަބޫލް ކުރެވޭ ވާހަކައެއް ދައްކާ ބަޔަކަށްވެސް މިއުޅެނީ ޗައިނާއެވެ. އެމީހުންގެ ތާރީހީ ފަތްފުއް ތަކުންނާއި ކުރެހުން ތަކުން ފުޓުބޯޅަ އާއި ވައްތަރު ކުޅިވަރެއް ކުޅުނު ކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ.

ޗައިނާގައި "ހާން ޑައިނަސްޓީ" ގައި 206 ބީސީ އާއި 220 އޭސީ އާއިދެމެދު އެގައުމުގެ އަސްކަރިއްޔާއިން އަދި މަތީ ފަންތީގެ އިއްޒަތްތެރިން ވަށް އެއްޗެއް ބޭނުންކޮށްގެން ފައިން ކުޅިވަރެއް ކުޅޭތަން މިބުނާ ފަތްފުއްތަކުން ފެންނަން އެބަހުއްޓެވެ.

"ކޫޖޫ" ނަމަކަށް ކިޔޭ ފުޓުބޯޅައިގެ އަސްލުކަމަށް ބުނާ މިކުޅިވަރަކީ ހާން ޑައިނަސްޓީގެ އެމްޕެރާ ވޫ ޑީ އަށް އެންމެ ކަމުދާ ކުޅިވަަރު ކަމަށް ބުނެއެވެ. އަދި ރަސްކަމުގެ ދަރުބާރުގައިވެސް މިކުޅިވަރު ކުޅުނު ކަމުގެ ހެކިތަކެއް ފެންނާން އެބަހުއްޓެވެ.

އަދި 10 ވަނަ ގަރުނުގެ ތެރޭގައި ޗައިނާގެ އެކި ސިޓީތަކުގެ މެދުގައި ކޫޖޫގެ ވާދަވެރި މުބާރާތްތަކެއް ބާއްވާފައިވާކަންވެސް އިނގެން އެބަހުއްޓެވެ. އެގައުމުން ފުޓުބޯޅަ އަކީ ތިމަންނަމެންގެ އެއްޗެއް ކަމަށް ބުނެ ދައުވާކުރާ ފަރާތްތަކުން ބުނާގޮތުގައި އިނގިރޭސިން މިކުޅިވަރުގެ އަސްލު އޮޅުވާލާ "ވަގަށްނެގީ" 1644-1368 އަހަރުތަކުގެ ތެރޭގައި ޗައިނާގައި ރަސްކަންކުރި "މިންގް ޑައިނަސްޓީ" ގައި ކޫޖޫއަށް އަޅާނުލެވި ދޫކޮށްލުމާއި ގުޅިގެނެވެ.

ބެލެވޭގޮތުގައި 2000 އަހަރަށްވުރެ ދިގު ތާރީހެއް އޮތް މިކުޅިވަރު އީޖާދުކުރި އަސްލު ގައުމަކީ ކޮބައިކަން އަދި މިހާތަނަށް އެއްވެސް ބަޔަކަށް ސާބިތުކޮށްދެވިފައެެއް ނުވެއެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާ ފުޓުބޯޅައިގެ އަސްލުކަމަށް އެންމެ ބޮޑަށް ބެލެވެނީ ޗައިނާގެ ކޫޖޫއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  ވަށް ކޮންމެ އެއްޗެއްގައި ކޮޅުފައިން ތެޅިޔަސް އަދި އެ ނުވާނެ ފުޓްބޯޅައަކަށް

  38
  46
 2. ޓީވީ

  ތިއީ ރަގަނޅައްވިއްޖިއްޔާ ތީ ޗައިނާ ގެ އުފެއްދުމެއް

  36
  25
 3. މޯދީ

  ފުޓްބޯޅަ އެން މެފުރަތަ މަ ކުޅުނީ ރާއްޖޭގައި އެވެސް ކަށިކޮލި ބޭނުންކޮށްގެން. މީލާދީގެ 5000 އަހަރުކުރިން ދިވެހިން ފުޓްބޯޅަކުޅުނީ މ މަހަށްގޮއްސަ ކަށިކޮއްޔެއް ބާނައިގެން އޭތި ފުއްޕީ މަ ފައިންތަޅާ އެއްގަ މަށް އަރުވަން. އޭގެފަހުން ކުޅިވަރެއް ގޮތަށް މ މިމކަންފެށީ. ބޮޑެތި ކުޅިވަރު ޢީދުތައްވެސް ބޭއްވި. ތާރީޚީ ހެކި ފެންނާނެ މޫދުން.