އިޓާލިއަން ލީގުގައި މިރޭ ޔުވެންޓަސްއާއި ބެނެވެންޓޯ ކުޅޭ މެޗުގެ ސްކޮޑުން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބާކިކޮށްފިއެވެ.

މިރޭ ރާއްޖެގަޑިން 10 ޖަހާއިރު ކުޅޭ މި މެޗުން ރޮނާލްޑޯއަށް ފުރުސަތު ނުލިބުނީ އެ ޓީމުގެ ކޯޗު ޕިރްލޯ ނިންމުމުންނެވެ. ޕިރްލޯ އެގޮތަށް ނިންމީ ރޮނާލްޑޯއަށް އަރާމުކުރާނެ ވަގުތު ދިނުމުގެ ގޮތުންނެވެ. އެހެންކަމުން ބެނެވެންޓޯ މެޗަށް ޔުވެންޓަސް ފުރާއިރު ރޮނާލްޑޯ މި ދަތުރުގައި ބައިވެރިނުވާނެ އެވެ.

ރޮނާލްޑޯއަށް ފުރުސަތު ނުދިންއިރު އޭނާ ވަނީ ދާދިފަހުން ޕޯޗުގަލް ޤައުމީ ޓީމާއެކު މެޗުތަކެއް ކުޅެފައެވެ. ބެލެވޭގޮތުގައި މި މެޗުން ރޮނާލްޑޯއަށް ފުރުސަތު ނުދިނީ އަނިޔާވެދާނެ ކަމުގެ ބިރުގައެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލްއާއެކު ވެސް ގިނަ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

އިޓާލިއަން ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު އަލުން ފެށިފަހުން ރޮނާލްޑޯ ވަނީ ކަލިއާރީ މެޗުގައި މޮޅު ކުޅުމެއް ދައްކާ އެ ޓީމު މޮޅުކޮށްދީފައެވެ. އަދި އެއަށްފަހު ޗެމްޕިއަންސް ލީގުގައި ފެރެންވަރޮސް އަތުން ހޯދި މޮޅާއެކު ޔުވެންޓަސް މުބާރާތުގެ ގަދަ ގަދަ 16 އަށް ގެންގޮސްދިން މެޗުގައިވެސް ރޮނާލްޑޯ ވަނީ ކުޅެފައެވެ.

ޔުވެންޓަސް ޓީވީއާއި ވާހަކަދައްކަމުން ޕިރްލޯ ބުނީ ރޮނާލްޑޯ ހުރީ ވަރަށް ވަރުބަލިވެފައި ކަމަށާއި އޭނާއަށް އަރާމުކުރާނެ ފުރުސަތެއް ދިނީ އެހެންވެ ކަމަށެވެ.

"ވަރަށް ކައިރި ކައިރީގައި އޭނާ މެޗުތަކެއް ކުޅެފި، އޭނާއަށް ރެސްޓު ދިނީ އެހާ ކައިރި ކައިރީގައި މެޗުތަކެއް ކުޅުމުން،" ޕިރްލޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ ޔުވެންޓަސއަށް މިހާތަނަށް ނުވަ ގޯލު ޖަހާފައެވެ. މީގެތެރެއިން އަށް ގޯލަކީ އިޓާލިއަން ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުތަކެވެ. އެއާއެކު އޭނާ ވެގެންގޮސްފައިވަނީ އިބްރަހިމޮވިޗް އާއި އެންމެ ވާދަވެރި އެކަކަށެވެ. މިވަގުތަށް ބަލާއިރު އިބްރަހިމޮވިޗް އޮތީ ލަނޑު ލިސްޓުގެ އެއްވަނައިގައެވެ.