ފާއިތުވީ ހަފްތާގައި މުޅި ފުޓުބޯޅަ އާއިލާއަށް ހިތާމަވެރިކަން ވެރިވި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ މަރާ ގުޅޭ މައްސަލައެއް އާޖެންޓީނާގެ ޕްރޮސެކިއުޓަރުންތަކެއް ބަލަން ފަށައިފިއެވެ.

ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހި މަރަޑޯނާ މަރުވެފައިވަނީ އުމުރުން 60 އަހަރުގައެވެ. އޭނާ މަރުވުމުގެ ދުވަސްކޮޅެއް ކުރިން އޭނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ވަނީ ސާޖަރީއެއްވެސް ކޮށްފައެވެ. އަދި އޭނާގެ ސާޖަރީ ކާމިޔާބުވި ކަމަށާއި ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް އޭނާގެ ޕާސަނަލް ޑޮކްޓަރުވަނީ މަރުވުމުގެ ދުވަސްކޮޅެއް ކުރިން މީޑިއާތަކަށް މައުލޫމާތު ދީފައެވެ. މަރަޑޯނާ މަރުވީ ސާޖަރީއަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އޭރު އޭނާ ދިޔައި ރިހެބިލިޓޭޝަން ސެންޓަރަކުން ފަރުވާވެސް ހޯދަމުންނެވެ.

މަރަޑޯނާ މަރުވުމުގައި ސިއްހީ ކަންތައްތަކާ ބެހޭ ފަރާތްތަކުގެ އިހުމާލެއް އޮތް ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފައިވާއިރު، މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަރަޑޯނާ މަރުވި ދުވަހު ސިއްހީ އެހީތެރިން ވަރަށް ބޮޑަށް އޭނާއާއި މެދު ފަރުވާކުޑަކޮށްފައިވާކަމަށް މޯލާ ވަނީ ތުހުމަތުކޮށްފައެވެ.

އެގޮތުން އެމްބިއުލަންސްއަށް ގުޅައިގެން އެ އައުން ލަސްވި މައްސަލަ އާއި ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު ދެ ހަފުތާއެއްހާ ދުވަސް ފަހުން ގެއަށް ބަދަލުކުރި މީހެއްގެ ސިއްހީ ކަންތައްތައް ބެލުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާ މައްސަލަ ހިމެނެއެވެ.

މަރަޑޯނާގެ ކަންތައްތައް ބެލުމަށް ހުރި ނަރުހަށް އޭނާ މަރުވި ސީދާ ގަޑިއެއް ބުންނަން ނޭނގޭއިރު މަރަޑޯނާގެ މަރުގެ ސެޓްފިކެޓުގައި މަރުވި ގަޑިއެއް ޖެހުމުގައި ވަނީ މައްސަލަތަކެއް ދިމާވެފައެވެ. ރިޕޯޓްތައް ބުނާގޮތުން މިކަހަލަ ކަންތައްތަކަކާއި ގުޅިގެން ހުރިހާ ލިޔެކިއުމެއްގައި ސޮއިކުރަން މަރަޑޯނާގެ އާއިލާއިން ބޭނުން ނުވާ ކަމަށް ވެއެވެ. އަދި އެއާއެކު މަރަޑޯނާގެ ވަކީލް ހުށަހެޅި މައްސަލަތައް އާޖެންޓީނާގެ ޕްރޮސެކިއުޓަރުންތަކެއް މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

މަރަޑޯނާ ކުއްލިގޮތަކަށް މަރުވެފައިވާއިރު މަރަޑޯނާގެ ޝަރަފުގައި އޭނާ ކުރިން ލުޅުނު ކްލަބް ނާޕޯލީގެ ސޭން ޕައޮލޯ ސްޓޭޑިއަމްގެ ނަން ޑިއެގޯ އަރްމަންޑޯ މަރަޑޯނާގެ ނަމަށް ބަދަލުކުރާނެ ކަމަށް ނާޕޯލީގެ މޭޔަރު ލުއިޖީ ޑީ މެޖިސްޓްރިސް ވަނީ ބުނެފައެވެ.

އަދި މަރަޑޯނާ މަރުވުމާއި ގުޅިގެން އޭނާ ފުޓުބޯޅަ ކުޅުނު އިރު ބޭނުންކުރި 10 ނަމްބަރު ފުޓުބޯޅައިން އެއްކޮށް ރިޓަޔަ ކުރުމަށް މާސޭގެ ކޯޗް އަންދްރޭ ވިއަސް ބޮއާސް ވަނީ ފީފާއަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    މަރުވީމަ ކުރަން އޮތީ ކޮން ތަހުޤީގެއްތަ ؟ ކިތަންމެވަރަކަށް ތަހުޤީޤް ކުރިއަސް މަރުވިމީހަކު އަބުރާ ނުގެނެވޭނެ !

  2. ޖުހާ

    މާގިނައިން ބޮވުނީކަނޭގޭދޯ...އަމިއްލްމީހާ އަމިއްލަޔައް ހަލާކުވީ ލޮލް

  3. އަރީ

    ތަހުގީގު ނިމޭ ގޮތަކުން މަރަޑޯނާ އަލުން ދިރެނީ ތޯއްޗެއް

  4. އިބިލީސް

    މިރާއްޖޭގައި ތިކަހަލަ ހޮސްޕިޓަލުގެ ފަރިވާކުޑަކުމުން ނިޔާވެގެންވެސް މިތާކު ކުރާނެ ތަހުޤީޤެއް ނޯންނާނެ. އަވަރިހަމަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އޮއްވާ ކަަރުގަ ހިފާ މަރާލިޔަސް