އަންނަ މަހު ދައުރު ހަމަވުމުން އިތުރު ދައުރަކަށް ކުރިމަތިނުލަން ނިިންމަވާ، އިންތިޙާބުގައި ވާދަނުކުރައްވަން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަހުމަދު މަމްދޫހު (މަންޑޭ) ނިންމަވައިފިއެވެ.

މަންޑޭގެ ދައުރު ހަމަވާނީ އަންނަ މަހުގައެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު އެމްބީއޭގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ވަޓްސްއެޕްގައި ހިއްސާކުރެއްވި މެސެޖެއްގައި މަމްދޫހު ވިދާޅުވީ އޭނާގެ ދައުރުގައި ކަނޑައެޅި ގިނަ ކަންކަން ހާސިލްކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ހިންގާ ކޮމިޓީގައި މަސައްކަތްކުރެއްވި މެމްބަރުންނަށް ޝުކުރުއަދާކުރާ ކަމަށާއި ކުރިއަށްއޮތް އެމްބީއޭގެ އިންތިޚާބުގައި ވާދަނުކުރަން ނިންމި ބޭނުމަކީ ދެން އޮތް ޖީލަށްވެސް އެ ފުރުސަތު ދިނުން ކަމަށް ވަޓްސްއެޕް ގްރޫޕުގައި މައުލޫމާތު ހިއްސާކުރައްވަމުން މަންޑޭ ވިދާޅުވިއެވެ.

އެންމެ ފަހުން އެމްބީއޭގެ އިންތިޚާބު ބޭއްވީ 2016 ވަނަ އަހަރުއެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެރޭ ފުރަތަމަ ބޭއްވި އިންތިޚާބުގައި މަމްދޫހު ބަލިކުރައްވާ އެމްބީއޭގެ ރައީސްގެ މަގާމަށް އިންތިޚާބުވީ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ސިނާނެވެ. އެކަމަކު ސިނާން ވަނީ އެމްބީއޭގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

އެއާއެކު އެއަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިންތިޚާބު ދެވަނަ ފަހަރަށް ވަނީ ބާއްވާފައެވެ. ވިޝާމް ރަޝީދާއި ވާދަކުރައްވާ މަންޑޭ މި އިންތިހާބު ކާމިޔާބުކުރެއްވީ ވޯޓުލި 18 ކުލަބުގެ ތެރެއިން 17 ކުލަބުގެ ވޯޓާއެކުގައެވެ.