މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ކާމިޔާބުކުރި ޕެނަލްޓީއާއެކު އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލަށް ގޯލުޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް މި ހުރިހާ ގޯލުތަކުގެ ހުރަހަކަށް ވީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) އެވެ. މުޅި މެޗުގައި ޖެހި ޖުމްލަ ދެ ގޯލެއް ވީއޭއާރުގެ ވަނީ ބަލައިނުގަނެފައެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ލިވަޕޫލުގެ ފަހަތުން ނެކޯ ވިލިއަމްސް ކުރި ފައުލެއްގެ ސަބަބުން ބްރައިޓަންއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް މި ޕެނަލްޓީގައި ބްރައިޓަންގެ ނީލް މައުޕޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެއެވެ.

އޭގެފަހުން މެޗުގެ 34 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ބްރައިޓަންގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހިއެވެ.

ދެވަނަ ހާފު ލިވަޕޫލުން ފެށި ފުރަތަމަ ހާފައި ހިލާފަށް ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ބޯޅައަކުން ޖޯޓާ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އޭގެފަހުން ލިވަޕޫލުން ސަލާހްގެ ބަދަލުގައި މާނޭ ކުޅެން އެރުވިއެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ލިވަޕޫލުން އަނެއްކާވެސް ލަނޑެއް ޖެހިއެވެ. މި ލަނޑު ދެވަނަ ހާފުގައި ކުޅެން އެރި ސަޑިއޯ މާނޭ ޖެހިނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ގޯލެއް ނޫންކަމަށެވެ. އެއާއެކު ލިވަޕޫލް ކުޅުންތެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިތަން ފެނިގެންދިޔައެވެ.

ބްރައިޓަން ޓީމު މެޗުން މޮޅުވި ގޯލު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރި ލިބުނު ޕެނަލްޓީއަކުންނެވެ.މި ޕެނަލްޓީ ބްރައިޓަންގެ ޕަސްކަލް ގްރޮސް ކާމިޔާބުކުރީ ފަސޭހަކަމާއެކު އެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތް މަޤާމަކަށް ބަދަލެއް ނާދެއެވެ. އެ ޓީމު އަދިވެސް އޮތީ އެއްވަނައިގައި 21 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 20 ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު ތިންވަނައިގައި ޗެލްސީ އޮތީ 18 ޕޮއިންޓާއެކު އެވެ. ބްރައިޓަން އޮތީ ތާވަލުގެ 16 ވަނައިގައި 10 ޕޮއިންޓާއެކު އެވެ.