ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ އަލަވޭސް އަތުން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވިއިރު ، ޗެލްސީން އެ ޓީމާއި ދާދިފަހުން ގުޅުނު އެޑެން ހަޒާޑަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.

އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މެޑްރިޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރީކޮޅު އަލަވޭސްގެ ކުޅުންތެރިން ވަނީ ރެއާލްގެ ގޯލަށް ވަރަށް ބޮޑަށް ބާރުބޮޑުކޮށްފައެވެ.

އެގޮތުން މެޗުގެ 5 ވަނަ މިނެޓުގައި އަލަވޭސްއަށް ޕެނަލްޓީއެއް ވަނީ ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ރެއާޅްގެ ނާޗޯ ފެނާންޑޭސް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އަލަވޭސް އަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕެރޭޒް އެވެ. މި ހާފުގައި އަލަވޭސް ވަނީ ރެއާލްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ ދެވަނަ ހާފުވެސް އަލަވޭސް ފެށީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން ފަސް މިނެޓު ނުވަނީސް ރެއާލްގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އަލަވޭސްގެ ޖޯސެލޫ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާ ރެއާލް ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ.

ހަޒާޑަށް އަނިޔާވެފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައެވެ. ހަޒާޑަށް އަނިޔާވިއިރު އޭނާ ވަނީ މީގެކުރިންވެސް އަނިޔާގެ މައްސަލަ ކުރިމަތިވެ ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ. ޗެލްސީން ބަދަލުވިފަހުން ހަޒާޑަށް އޭނާގެ އެންމެ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވެއެވެ.

އުމުރުން 29 އަހަރުގެ ހަޒާޑު ވަނީ ދާދިފަހުން ކޮވިޑަށްވެސް ފައްސިވެފައެވެ. އޭނާ ފައްސިވުމުގެ ކުރިން ވަނީ ރެއާލަށް ތިން މެޗު ކުޅެދީފައެވެ. ރެއާލްއާއި 2018 ވަނަ އަހަރު ގުޅުނު ފަހުން އޭނާ މިހާތަނަށް ކުޅުނީ ރެއާލްއާއެކު 27 މެޗެވެ.އަދި އެ ޓީމުގައި އޭނާއަށް މިހާތަނަށް ކާމިޔާބުކުރެވުނީ އެންމެ ތިން ގޯލެވެ.

މެޗުގައި ރެއާލް މެޑްރިޑްގެ ހަމައެކަނި ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަސެމީރޯއެވެ.

މިއީ ލަލީގާގައި ރެއާލް ބަލިވި ތިންވަނަ މެޗެވެ. އެޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި 17 ޕޮއިންޓާއެކު އެވެ.