ޕީއެސްޖީގެ ކުޅުންތެރިންގެ ފަރާތުން ގޯސްތަކެއް ހެދި މެޗުން ބަލިވި ކަމުގައިވީ ނަމަވެސް އަބަދުވެސް ޓީމްގެ ދިފާއުގައި ތެދުވެ ބަސް ބުނާ ކަމަށާއި ނަމަވެސް މިއަދު އެކަން ނުކުރާނެ ކަމަށް އެޓީމުގެ ކޯޗް ތޯމަސް ޓުޝެލް ބުނެފިއެވެ.

ފްރެންޗް ލީގުގައި އިއްޔެ ބޯޑޮއު އަތުން ޕީއެސްޖީ އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން ޓުޝޭލް ބުނީ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދުވަހަކުވެސް ފެނިގެން ނުދާހާ ދަށް ކުޅުމެއް ކަމަށާއި އަހްލާގީ ގިނަ މައްސަލަތަކެއް މެޗުގައި ފެނިގެން ދިޔަކަމަށެވެ.

އަދި މެޗު މާބޮޑަށް ފަސޭހަކޮށްލާ ބޯޑޮއު އަކީ ފަސޭހަ ޓީމެއްގެ ގޮތުގައި ޓީމުގެ ކުޅުންތެރިން ދެކުމުގެ ނަތީޖާ ވަރަށް ހިތިކޮށް އެކުޅުންތެރިންނަށް ފެނިގެން ގޮސްފައިވާނެ ކަމަށާއި ޗެމްޕިއަންސް ލީގުގައި މިހަފްތާގައި މެންޗަސްޓަ ޔުނައިޓެޑާއި ދެކޮޅަށް ފެންނަން ބޭނުންވަނީ މުޅިން އެހެން ޕީއެސްޖީއެއް ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އާރްބީ ލިޕްޒިގާއި ދެކޮޅަށް ކުޅެ މޮޅުވި ކަމުގައި ވީނަމަވެސް އެ މެޗުގައިވެސް ޕީއެސްޖީގެ ފަރާތުން ފެނިގެންދިޔައީ ބޯޑޮއުއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ފަދަ އާދައިގެ ކުޅުމެކެވެ.

ދަށްކުޅުމެއް ޕީއެސްޖީގެ ފަރާތުން ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޯޑޮއު އިންނެވެ. މިއީ މެޗުގެ 10 ވަނަ މިނެޓުގައި ޕީއެސްޖީގެ ޓިމޮތީ ޕެމްބެލޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ނަމަވެސް ލިބުނު ޕެނަލްޓީއެއްގައި ނޭމާ ވަނީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭގެ އެއް މިނެޓު ފަހުން މޮއިސް ކީން ވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް ޕީއެސްޖީއަށް ލީޑު ނަގައި ދީފައެވެ.

ބޯޑޮއު އިން މެޗުގެ ފަހު ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރީ ޔާސިން އަޑްލީ ކާމިޔާބުކުރި ލަނޑުންނެވެ.

މެޗުން ބަލިވި ނަމަވެސް އަދިވެސް ޕީއެސްޖީ އޮތީ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި ކުޅުނު ބާރަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ލިލް އޮތީ އެއް މެޗު މަދުންކުޅެ 22 ޕޮއިންޓާއެކުއެވެ.