ސްރީލަންކާގެ ކޮލަންބޯގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) އާއި "ވަގުތު" އިން ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ވަގުތު ރަމަޟާން ފުޓްސަލްކަޕް 2018" ގެ ހަތަރުވަނަ ދުވަހުގެ މެޗުތަށް މެޖިސްޓާ، އޭވީއެފްސީ ސްޕާޓަންސް އަދި ޓީމް ސަޕްރައިޒްގެ އިތުރުން ޔޫތް މެޖިސްޓާ އެފްސީއިން ކާމިޔާބުކޮށްފިއެވެ.

ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ މެޖިސްޓާ އަދި ސްޕާޓަން ޔުނައިޓެޑެވެ. އެ މެޗު 17 -0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ މެޖިސްޓާއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޖިސްޓާގެ ޖުނައިދު ޒާހިރްއެވެ.

ރޭގެ ދެވަނަ މެޗުގައި އޭވީއެފްސީ ސްޕާޓަންސް އަދި އޭވީއެފްސީ ސަޕްރައިޒް ބައްްދަލުކޮށްފައިވާއިރު އެމެޗު 9-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ އޭވީއެފްސީ ސްޕާޓަންސް އިންއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭވީއެފްސީ ސަޕްރައިޒްގެ ހައްޔާން ޝަރީފެވެ.

ރޭގެ ތިންވަނަ މެޗުގައި ވާދަކޮށްފައިވަނީ ޓީމް ސަޕްރައިޒް އަދި އެފްސީ ޖިންޖާއެވެ. އެ މެޗު 3-2 ގެ ހަނި މޮޅަކުން ކާމިޔާބު ކުރީ ސަފްރައިޒް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަޕްރައިޒްގެ ޝަނީހް ވަހީދެވެ.

ރޭގެ ފަހުމެޗުގައި ލަގަތާ އާއި ޔޫތް މެޖިސްޓާ އެފްސީ ބައްދަލު ކުރި އިރު އެ މެޗު ފަސޭހަ ކަމާއި އެކު 5-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޔޫތް މެޖިސްޓާއިންނެވެ.

މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ 3 ގްރޫޕަކަށް ބަލާހައިގެން ޖުމްލަ 13 ޓީމު ވާދަކުރާ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުޕީސް އަދި ރަނަރަޕް ޓީމަށް ފަންސާސް ހާސް ރުފީސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.