ލަލީގާގައި މިރޭ އޮސަސޫނާގެ މައްޗަށް ލީގުގެ ގަދަބާރު ބާސެލޯނާއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބްރައިތްވެއިޓްއެވެ.

މި ހާފުގައި ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ މިސީޒަނުގައި ބާސެލޯނާގައި ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހުނު ފްރާންސްގެ އިތުބާރު ފޯވާޑް އެންޓޮއިން ގްރީޒްމަންއެވެ.

ބާސާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ފިލިޕް ކުޓީނިއޯއެވެ. ބާސާގެ ހަތަރުވަނަ ލަނޑަކީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މެޗުގައި މެސީ ލަނޑެއް ޖަހާފައިވާއިރު މިސީޒަނުގައި މެސީގެ ކުޅުމުގެ ފެންވަރު ދަށްވެ ލަނޑުޖެހުމާއި ދުރުވެއްޖެ ކަމަށްބުނެ ގިނަފަރާތްތަކެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް އެ ހުރިހާ ސުވާލުތަކަށް މި މެޗުގައި މެސީ ވަނީ ޖަވާބެއް ދީފައެވެ.

މެޗުން މޮޅުވެ ޖުމަލް 9 މެޗުން 15 ޕޮއިންޓް ހޯދައިގެން ބާސާވަނީ ލަލީގާގެ ޕޮއިންޓް ތާވަލުގެ ގަދަ 10 އިން ފުރުސަތު ހޯދާފައެވެ. 12 ވަނައިގައި އޮތުމަށްފަހު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިހާރު އޮތީ ތާވަލްގެ 8 ވަނައިގައެވެ.