އާޖެންޓީނާގެ ފުޓްބޯޅަ ލެކެންޑް ޑިއޭގޯ މަރަޑޯނާގެ ޑޮކްޓަރު ލިއޯޕޮލްޑޯ ލްކްއީގެ މައްޗަށް ފަރުވާ ބެހެއްޓުމުގެ ވާޖިބެއް އޮތް ހާލަތުގައި އެވާޖިބަށް އިހުމާލުވުމުގެ ދައުވާ އުފުލައިފިއެވެ.

މިދައުވާ އުފުލާފައި ވަނީ މިދިޔަ ބުދަ ދުވަހު މަރަޑޯނާ މަރުވުމާއި ގުޅިގެންނެވެ.

އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން ވަނީ ލިއޯޕޮލްޑޯގެ ގެއަށްވަދެ އެގެ ފާސް ވެސް ކޮށްފައެވެ. ލިއޯޕޮލްޑޯގެ އިތުރުން މެރަޑޯނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ހުރިހާ ސިއްހީ އޮފިޝަލުންގެ މައްސަލަ ވެސް ޕްރޮސެކިއުޓަރުން އަންނަނީ ބަލަމުންނެވެ.

މިހާތަނަށް ތަޙްޤީޤު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު މަރަޑޯނާގެ ޑޮކްޓަރާއި އެހެން ބައެއް ސިއްހީ އެހީތެރިންގެ މައްޗަށް މީހަކު މަރާލުމުގެ ގަސްދެއްނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށުގެ ދައުވާ ކުރުން އެކަށީގެންވާ ކަމަށް އާޖެންޓީނާގެ މީޑިއާތަކުން ބުނެއެވެ.

މަރަޑޯނާ މަރުވުމުގައި ސިއްހީ އެހީތެރިންގެ އިހުމާލެއް އޮތް ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފައިވާއިރު، މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަރަޑޯނާ މަރުވި ދުވަހު ސިއްހީ އެހީތެރިން ވަރަށް ބޮޑަށް އޭނާއާއި މެދު ފަރުވާކުޑަކޮށްފައިވާކަމަށް މޯލާ ވަނީ ތުހުމަތުކޮށްފައެވެ.

މަރަޑޯނާގެ ވަކީލު ވަނީ މަރަޑޯނާގެ މަރާއި ގުޅިގެން އެންމެ މަތީ ފެންވަރުގެ ތަޙްޤީޤެއް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަރަޑޯނާ މަރުވިކަން އެނގުނީ މަރަޑޯނާ އަށް ބޮޑުބޭބެ ކިޔާ މީހަކު ހެނދުނު ހޭލައިގެން މަރަޑޯނާގެ ހާލު ބަލަން ދިޔައިރު މަރުވެފައި އޮތުމުންނެވެ. މަރަޑޯނާގެ ކައިރީގައި ތިބި ނަރުހުންނަށް މަރަޑޯނާ މަރުވި ވަގުތެއް ނޭނގެއެވެ.

އެރޭ ނިދުމުގެ ކުރިން މަރަޑޯނާ ވަނީ އޭނާގެ ހާލު ރަނގަޅު ނޫންކަމަށް އޭނާގެ ކައިރީގައި ތިބި މީހުން ކައިރީ ބުނެފައެވެ. މަރަޑޯނާ އެހެން ބުނުމުން ވެސް އޭނާގެ ޑޮކްޓަރާއި ނަރުހުން އޭނާ އަށް އިތުރު ފަރުވާއެއް ދިނުމަށް މަސައްކަތް ކޮށްފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.