ދާދިފަހުން މަރުވި އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މަރަޑޯނާގެ ހަނދާނުގައި ބާސާއަށް ކުޅެމުން އަންނަ ތަރި ލިއޮނަލް މެސީ ހާއްސަ ޓްރިބިއުޓެއް ދީފިއެވެ.

ސްޕެނިޝް ލީގުގައި އޮސަސޫނާ އަތުން 4-0 އިން ބާސެލޯނާ މޮޅުވި މި މެޗުގައި މެސީ ޓްރިބިއުޓް އެއް ދީފައިވަނީ އޭނާ މެޗުގެ ހަތަރުވަނަ ގޯލު ޖެހުމަށްފަހު އެވެ.

އޭރިއާގެ ބޭރުން މެސީ ކާމިޔާބުކުރި މި ލަނޑާއެކު މެސީ ވަނީ އޭނާގެ ޖާރޒީ ބާލާ، އެތެރެއިން ލައިގެން ހުރި މަރަޑޯނާ ބޭނުންކުރި ޖާރޒީ ދައްކާލާފައެވެ. މި ޖާރޒީއަކީ މަރަޑޯނާ ބާސާގައި ކުޅުނު ދުވަސްވަރު ބޭނުންކުރި ޖާރޒީއެކެވެ. މި ޖާރޒީއަކީ ހަދިޔާއެއްގެ ގޮތުން މެސީއަށް މަރަޑޯނާ ދިން ޖާރޒީއެކެވެ.

ބާސާގެ ޖާރޒީ ބޭލުމަށްފަހު ދެ އަތް މައްޗަށް ނެގުމަށްފަހު މެސީ ވަނީ މަރަޑޯނާ ހުއްޓިގެން ހުރި ގޮތަށް ހުއްޓިފައެވެ. މި މެޗު ފެށުމުގެ ކުރިން މަރަޑޯނާގެ ހަނދާނުގައި ބޭއްވި ހަމަހިމޭންކަމުގެ ސުކޫތުގައި މެސީ ހުރީ ފެންކަޅިވެފައެވެ.

މެސީގެ ފުޓުބޯޅައިގެ ފެށުމަކީ އާޖެންޓީނާގެ ނެވެލް އޯލްޑް ބޯއިސް އެވެ. އުމުރުން 13 އަހަރުގައި ބާސާއާއި ގުޅުނު މެސީ އެ ކުލަބުގެ ޔޫތު ޓީމުގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. މަރަޑޯނާވެސް ވަނީ އޯލްޑް ބޯއިސްއަށް 1994 ވަނަ އަހަރު އޭނާގެ ކެރިއަރުގެ އެންމެ ފަހުކޮޅު ކުޅެފައެވެ.

މަރަޑޯނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. މަރުވިއިރު އޭނާގެ އުމުރަކީ 60 އަހަރެވެ. މަރަޑޯނާ ވަނީ 1982 އިން 1984 އަށް ބާސާއަށް ކުޅެފައެވެ.

އޮޮސަސޫނާއާއި ދެކޮޅަށް ކުޅުނު މި މެޗުގައި މެސީގެ އިތުރުން ދެން ގޯލު ޖަހައިދިނީ ބްރައިތްވެއިޓް އާއި ފިލިޕް ކުޓީނިއޯގެ އިތުރުން އެންޓޮއިން ގްރިޒްމަން އެވެ.