މެޗުގައި ސައުތެމްޓަން ދެ ގޯލުގެ ލީޑެއްގައި ވަނިކޮށް ފަހަތުން އަރާ ޖެހި ތިން ގޯލާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ސައުތެމްޓަންގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މި ގޯލު ޖޭމްސް ވާޑްގެ އެހީއާއެކު ކާމިޔާބުކުރީ ޖެން ބެޑަނަރެކް އެވެ.
މި ގޯލަށްފަހުވެސް ސައުތެމްޓަން ދިޔައީ ޔުނައިޓެޑަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖެހުމަށް އެހީތެރިވެދިން ޖޭމްސް ވާޑް ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ މޭސަން ގްރީންވުޑްގެ ބަދަލުގައި އެޑިސަން ކަވާނީ ކުޅެން ނެރެފައެވެ. އަދި ޔުނައިޓެޑުގެ ކީޕަރު ޑެހެއާގެ ބަދަލުގައި އެ ޓީމުގެ ބަދަލު ކީޕަރު ވަނީ ކުޅެން ނެރެފައެވެ.
ދެވަނަ ހާފުގައި ކަވާނީ ކުޅެން އެރުވުމާއެކު ޔުނައިޓެޑުގެ ކުޅުމަށް ބަދަލުތަކެއް އައެވެ. އަދި ފޯވާޑް ލައިނުގައި އިތުބާރު ބޮޑުވެގެންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ކަވާނީގެ ހުރަހަކުން ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އެއަށްފަހު ވެސް ކަވާނީ ދިޔައީ ސައުތެމްޓަން ކޮޅަށް ނުރައްކާކުރަމުންނެވެ.
ނަތީޖާއެއްގެ ގޮތުން ކަވާނީ ވަނީ މެޗުގެ 74 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އޭނާ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. މެޗުން ޔުނައިޓެޑު މޮޅުވި ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ކަވާނީއެވެ. މިއީ މާކަސް ރަޝްފޯޑްގެ ހުރަހަކުން ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އެ ޓީމު ހަތްވަނައިގައި އޮތީ 16 ޕޮއިންޓް ހަމަކޮށްގެންނެވެ. އަދި ސައުތެމްޓަން އޮތީ 17 ޕޮއިންޓާއެކު އެވެ.