ކޮރެއާ-ޖަޕާނުގައި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ސެނެގާލް ޓީމުން ވިދާލި ޕަޕާއާ ޑުބަޑިއޯފް މަރުވެއްޖެއެވެ.

ކުރިން ފުލަމް އާއި ޕޯޓްސްމަތު މެދު ތެރެއަށް ކުޅުނު މި ކުޅުންތެރިޔާއަކީ ސެނެގާލް ވިދާލި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ފްރާންސް ކޮޅަށް ތާރީޚީ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާ މަރުވީ ދިގު މުއްދަތަކަށް ބަލިވެ އުޅުމަަށްފަހު އުމުރުން 42 އަހަރުގައެވެ. އޭނާ މަރުވުމުގެ ކުރިން ހާލު ދެރަވެގެން ވަނީ އެޑްމިޓުކޮށްފައެވެ. މި މައްސަލައިގައި އޭނާއަށް ފަރުވާ ދިން ޑޮކްޓަރުންގެ އެއްވެސް ވާހަކައެއް އަދި ހާމައެއް ނުކުރެއެވެ.

ޕަޕާއާގެ ފުޓުބޯޅަ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރުތަކެއް ހޭދަކުރީ އިނގިރޭސި ފުޓުބޯޅައިގައެވެ. ފްރާންސްގެ ރޭސިން ކުލަބް ޑި ލެންސްއިން 2004 ވަނަ އަހަރު އިނގިރޭސި ކުލަބް ޕޯޓްސްމަތު އަށް ބަދަލުވެ އެ ކުލަބުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެއަށްފަހު އިނގިރޭސި ކުލަބުތައް ކަމަށްވާ ވެސްޓް ހޭމް ޔުނައިޓެޑާއި ބާމިންހަމް ސިޓީއަށްވެސް އޭނާ ކުޅުނެއެވެ.

އިނގިރޭސި ކުލަބުތަކުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު އޭނާ ފުޓުބޯޅައިން ރިޓަޔާވީ 2013 ވަނަ އަހަރުގައެވެ. އޭނާ ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ޖުމްލަ 129 މެޗު ކުޅެފައެވެ. މީގެއިތުރުން އޭނާއަކީ ޕޯޓްސްމަތްގެ ކޯޗަކަށް ހެރީ ރެޑްނެޕް ހުރި ދުވަސްވަރު އެ ޓީމާއެކު އިނގިރޭސި އެފްއޭ ކަޕް 2008 ވަނަ އަހަރު ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

މެންޗެސްޓަ ޔުނައިޓެޑަށް ކުޅުނު ޕޯލް ސްކޯލްސްއަށް އެންމެ އުނދަގޫ ކުޅުންތެރިންގެ ތެރޭގައި ޕަޕާއާ ހިމެނެއެވެ. އެއީ ދިގު އިސްކޮޅަކާއެކު ހަލުވިކަމުންނެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު