އެއްވެސް އިހުމާލެއް ވެފައި ނުވާނެ ކަމަށާއި މަސައްކަތްކުރީ ދެ ފުށް ފެންނަ ގޮތަށް، އެއްވެސް ކަމެއް ނުފޮރުވާ ކަމަށް މަރަޑޯނާގެ ޑޮކްޓަރުގެ ގޮތުގައި މަސައްކަތްކުރި ޑޮކްޓަރު ލޫކް ބުނެފިއެވެ.

އާޖެންޓީނާގެ ފުލުހުން ވަނީ ލިއޯޕޮލްޑޯގެ ގެއަށްވަދެ އެގެ ފާސް ވެސް ކޮށްފައެވެ. ލިއޯޕޮލްޑޯގެ އިތުރުން މެރަޑޯނާއަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި ހުރިހާ ސިއްހީ އޮފިޝަލުންގެ މައްސަލަ ވެސް ޕްރޮސެކިއުޓަރުން އަންނަނީ ބަލަމުންނެވެ.

މިހާތަނަށް ތަހްގީގު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު މަރަޑޯނާގެ ޑޮކްޓަރާއި އެހެން ބައެއް ސިއްހީ އެހީތެރިންގެ މައްޗަށް މީހަކު މަރާލުމުގެ ގަސްދެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށުގެ ދައުވާ ކުރުން އެކަށީގެންވާ ކަމަށް އާޖެންޓީނާގެ މީޑިއާތަކުން ބުނެއެވެ.

މަރަޑޯނާ މަރުވުމުގައި ސިއްހީ އެހީތެރިންގެ އިހުމާލެއް އޮތް ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފައިވާ އިރު، މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަރަޑޯނާ މަރުވި ދުވަހު ސިއްހީ އެހީތެރިން ވަރަށް ބޮޑަށް އޭނާއާ މެދު ފަރުވާކުޑަކޮށްފައިވާ ކަމަށް މޯލާ ވަނީ ތުހުމަތުކޮށްފައެވެ.

މި ވާހަކަތަކަށް ރައްދުދެމުން މަރަޑޯނާގެ ޑޮކްޓަރު ބުނީ އަބަދުވެސް މަސައްކަތްކުރަނީ ޕްރޮފެޝަނަލްކޮށް ކަމަށެވެ. އަދި މަރަޑޯނާއަކީ މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުމުގެ ސަބަބުން ވަރަށް ބޮޑަށް އަޑިއަޅާލި މީހެއް ކަމަށާއި އެކަމުން ސަލާމަތްކުރަން ރިހެބިލިޓޭޓެވެސް ކުރި އޭނާ ބުންޏެވެ. އަދި މަރަޑޯނާ ނުރުހޭގޮތަށް އެއްވެސް ފަރުވާއެއް މިހާތަނަށް ދީފައިނުވާނެ ކަމަށްވެސް ޑޮކްޓަރު ބުންޏެވެ.

މަރަޑޯނާގެ ވަކީލު ވަނީ މަރަޑޯނާގެ މަރާ ގުޅިގެން އެންމެ މަތީ ފެންވަރުގެ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަރަޑޯނާ މަރުވިކަން އެނގުނީ މަރަޑޯނާ އަށް ބޮޑު ބޭބެ ކިޔާ މީހަކު ހެނދުނު ހޭލައިގެން މަރަޑޯނާގެ ހާލު ބަލަން ދިޔައިރު މަރުވެފައި އޮތުމުންނެވެ. މަރަޑޯނާގެ ކައިރީގައި ތިބި ނަރުހުންނަށް މަރަޑޯނާ މަރުވި ވަގުތެއް ނޭނގެއެވެ.

އެރޭ ނިދުމުގެ ކުރިން މަރަޑޯނާ ވަނީ އޭނާގެ ހާލު ރަނގަޅު ނޫން ކަމަށް އޭނާގެ ކައިރީގައި ތިބި މީހުން ކައިރީ ބުނެފައެވެ. މަރަޑޯނާ އެހެން ބުނުމުން ވެސް އޭނާގެ ޑޮކްޓަރާއި ނަރުހުން އޭނާ އަށް އިތުރު ފަރުވާއެއް ދިނުމަށް މަސައްކަތް ކޮށްފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަންބެ

    ލެޖެންޑުންނޭ ކިޔައިގެން ސިއްހީ ފަރުވާދޭންވެސް މީހަކަށް ކައިރިވެވޭކަށް ނެތެއްނު؟

    15
    1
    • ހުސޭނުބޭ

      ކައިރިނުވެވެންޏާ ދުރުގައި ހުރެގެން ކުރު ދޮށްޓަކުން ފަރުވާދެވޭނެ!

      6
      2