އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށް ދިނުމުގައި އެހީތެރިވި ގައުމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ކެމްޕެއިނަށް އަލީ އަޝްފާގު ތައުރީފުކޮށްފިއެވެ.

ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީއާ ވާދަކޮށް ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މި ޗެލެންޖް ކާމިޔާބުކުރީ ބޮޑު ތަފާތަކާއެކުއެވެ.

ހުރިހާ ދިވެހިން ގުޅިގެން އަޝްފާގަށް ވޯޓު ހޯދައިދިނުމަށް މީސް މީޑިއާގައި ފެށި ބޮޑު ކެމްޕޭންގެ ސަބަބުން ފައިނަލުގެ ވޯޓުލުން ހުޅުވާލިފަހުން ވޯޓުލުމުގެ ސުންގަޑި ހަމަވިއިރު ހޮންގްކޮންގެ ޗަން ސިއު ކީއަށް އަޝްފާގާއި ކައިރިވެސް ނުކުރެވެއެވެ. ކުޑަމިނުން 15 އިންސައްތައާއި ކައިރިއަށްވެސް އިދިކޮޅު ކުޅުންތެރިޔާއަށް ކައިރި ނުކުރެވުނެވެ.

ސުންގަޑި ހަމަވިއިރު އަޝްފާގަށް ލިބުނީ 89 އިންސައްތައިންނެވެ. ޗަން ސިއު ކީއަށް ލިބެނީ އެންމެ 10 އިންސައްތަ ވޯޓެވެ.

ކެމްޕެއިނުގައި ހަރަކާތްތެރިވި ހުރިހާ މެމްބަރުންނަށް އެކަމަށް ހާއްސަކޮށް އުފެއްދި ވައިބާ ގްރޫޕުގައި ދަގަނޑޭ ކުރި މެސެޖުގައި ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

"އަޅުގަނޑަށް ވޯޓް ދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، އަދި ދިވެހި ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިސްނަގައިގެން ހިންގި ކެމްޕައިނަކީ ނަމޫނާ މަސައްކަތެއް، ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނަށް ހާއްސަ ޝުކުރެއް ރައްދުކުރަން.. އަދި މި ކޮމިއުނިޓީގެ އެންމެހާ މެމްބަރުން ކުރެއްވި ބުރަ މަސައްކަތަކީވެސް ޝުކުރު ހައްގު މަސައްކަތެއް، އަޅުގަނޑުގެ އުންމީދަކީ ގައުމީ ކޮންމެ މަސައްކަތެއްގައި ވެސް ދިވެހި ޒުވާނުން މިގޮތުގައި އަބަދުވެސް ދެމިތިބުން" އަޝްފާގުގެ ވައިބާ މެސެޖުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ބްރެކެޓް ޗެލެންގެ ފޯރިގަދަވެ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މީސްމީޑިއާގައިވެސް އަދި އެހެނިހެން ގޮތްތަކުންވެސް އެންމެ ބޮޑަށް ކެމްޕޭނުކޮށްފައިވަނީ ކުއާޓާފައިނަލުން ފެށިގެންނެވެ. ފޭސްބުކާއި ޓްވިޓާގައި އަދި އާއިލީ ވައިބާ އާއި ވަޓްސްއެޕް ގުރޫޕުތަކުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް އެއް ހުޅުވިއެއެވެ. މި ގްރޫޕުންވެސް ފައިނަލާއި ގުޅޭގޮތުން ސަޕޯޓަރުންނާއި ގުޅިގެން ކަންކަން ކުރުމަށް ވަނީ ރާވާފައެވެ.

ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ މި ޗެލެންްޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ. މިމެޗުގައި ދަގަނޑޭ ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅަބޭ

    އަޝްފާގުވެސް އަމިއްލަ މާޒީއާމެދު ވިސްނާލައިގެން އެއްޗެއް ވިސްނިފަ ހުންނާނެކަމައް އުންމީދުކުރަން. އަޝްފާގައް މާޒީގަ ލިބުނު ފުރުސަތުގެ ބޭނުންހިފިނަމަ، މިއަދު ދިވެހިން ބަލާނީ ޗެންޕިއަންސް ޅީގުގަ އަޝްފާގު ކޮންމެސް ޔޫރަޕުގެ ބޮޑު ޓީމަކައް ކުޅޭތަން. މިސާލަކައް މިސުރުގެ ހުސެއް ސަލާހް.

    7
    1
    • ޚަދީޖާ

      މިސްރުގެ ހުސެއް ސަލާހު ކުޅެނީ ކޮން ޓީމަކަށް. މިސްރުގެ މުހައްމަދު ސަލާހު ކިޔާ މީހަކު ކުޅޭ އިނގިރޭސި ވިލާތުގެ ލިވަޕޫލް ކިޔާ ޓީމަކަށް.

      • ޙާލަތު

        އެއީ އެސޮރު ޅަވީމަ ވާގޮތް... ބޮޑު ވަންދެން މަޑުކޮށްލާނަމަ ކޮމެންޓް ނުކޮށް.