(އައްޑޫ ސިޓީ ހިތަދޫ) ވެރިރަށް މާލެއިން ހާއްސަ އެހީތެރިކަމެއް ފޯރުކޮށް ނުދިން ކަމުގައިވިޔަސް ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުގެ އެއްބާރުލުމާއެކު އައްޑޫގައި ތިން ކުޅިވަރެއްގެ ބައިނަލްއަގްވާމީ މުބާރާތްތަކެއް ބޭއްވުމުގެ ގާބިލްކަން އެބަހުރި ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

"ވަގުތު" ގެ ނޫސްވެރިންގެ ޓީމު އައްޑޫ ސިޓީގައި ކުރިއަށް ގެންދާ "ހޭރިޔާ" ދަތުރުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި މޭޔަރު ސޯބެއާއި ވަގުތުގެ ކުޅިވަރު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސޯބެ ވިދާޅުވީ އައްޑޫގައި ތިން ކުޅިވަރެއްގެ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމްކުރެވިފައި އެބަހުރިކަމަށެވެ.

އެގޮތުން އައްޑޫގެ ކައުންސިލުން އެއްކަމަކަށް އެންމެ ބޮޑު ހަރަދެއްވެސް އަދި އެންމެ ބޮޑު އެހީތެރިކަމެއްވެސް ފޯރުކޮށްދެވޭ ކުޅިވަރަކަށް ފުޓުބޯޅަ ވާނެކަމަށާއި ފުޓުބޯޅަ ކުރިއެރުވުމަށާއި ފުޓުބޯޅަ ކުޅޭ ދަނޑުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ފުޓުބޯޅަ ކުޅޭ މައިގަނޑު ހުރިހާ ދަނޑެއްގައިވެސް ވަށާފާރު ރާނާ، ފެންސު ޖަހާފައިވާނެ ކަމަށާއި މި ދަނޑުތަކުގައި ކަރަންޓު ލާ ރަނގަޅު ފެންވަރެއްގެ ލައިޓިންގް ސިސްޓަމެއް ގާއިމުކޮށް ޕަމްޕް ސިސްޓަމްވެސް ގާއިމްކުރެވިފައިވާނެ ކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.

ހާއްސަގޮތެއްގައި ފޭދޫގައި ވަކިން ހާއްސަކޮށް ވަރުގަދަ މޮޅު ލައިޓް ސިސްޓަމެއް އަޅުވާފައިވާކަމަށްވެސް ސޯބެ ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ޓާފް އެޅުމުގެ މަސައްކަތް ދަނޑުތަކުގައި ފެށިފައިވާ ކަމަށާއި ފޭދޫގައި ޓާފް އަޅާ ނިމިފައިވާކަމާއި ހިތަދޫގެ ދަނޑުގައި ޓާފްއެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ސޯބެ ވިދާޅުވިއެވެ.

ރާއްޖޭގައި ނެތް ފެންވަރުގެ ބެޑްމިންޓަން ފެސިލިޓީއެއްވެސް އައްޑޫގައި ހުރިއިރު ސޯބެ ވިދާޅުވީ ކުޅިވަރުގެ މައި ހަބަކަށް ވުމުގެ ގާބިލްކަން މިސިޓީގައި އެބަހުރި ކަމަށާއި މީގެ ކުރިންވެސް މުހިންމު މުބާރާތްތަކެއް އައްޑޫގައި ބޭއްވިފައިވާ އިރު ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މުބާރާތްތަކެއް ބޭއްވޭނެ ކަމަށެވެ.

އަދި 2019 ވަނަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަންއިން އައްޑޫގައި މިއަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ބާއްވަން ބުނެފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިނިސްޓަރާއި މަޖިލީހުގެ ތެރެއިން ލިބުނު އެއްބާރުލެއްވުމުގެ ސަބަބުން ފާސްކުރެވުނު ބަޖެޓުގައިވެސް މިފަދަ މުބާރާތްތަކެއް ބޭއްވުމަށް ވަސީލަތްތައް ގާއިމް ކުރުމަށް ހިމެނިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ބަޖެޓުގައި ހިމެނި، މުބާރާތް ފެށެންވާއިރަށް ފެސިލިޓީތަކުގެ މަސައްކަތް ނިންމުމަށް އައްޑޫގެ ރައްޔިތުން މީގެކުރިން އައްޑޫގެ ދަރުބާރުގެ އަޅަން މަސައްކަތްކުރިހެން މިކަމަށްވެސް ރެޔާއި ދުވާލު ހޭލާތިބެގެން ގިނަ މަސައްކަތްތަކެއްކޮށް މި ފެސިލިޓީތަކުގެ މަސައްކަތް ނިންމާލާފައިވާކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ސޯބެ ވިދާޅުވީ އައްޑޫގައި ގާއިމް ކުރެވިފައިވާ ފުޓުބޯޅަ ދަނޑުގައި އޭއެފްސީގެ 2019 ވަނަ އަހަރުގެ މުބާރާތްވެސް ބޭއްވިފައިވާ ކަމަށާއި ޔުއެފާ އެސިސްޓް މުބާރާތެެއްވެސް ބޭއްވިފައިވާ ކަމަށެވެ. އަދި މިމުބާރާތަށް ބޭއްވުމަށް މާލެއިން ކޮންމެހެން ބޭފުޅަކު އަންނަން ނުޖެހުނުކަން ސޯބެ ފާހަގަކުރެއްވިއެވެ.

2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވާނަމަ މުބާރާތް ބޭއްވުމަށް ސަރުކާރުގެ ވިސްނުމާއި އެއްގޮތައް އަތޮޅުތަކަށް ބަހާލައިގެން އެކިކުޅިވަރު ގެންދާނަމަ އައްޑޫގައި ފުޓުބޯޅަ އާއި ބެޑްމިންޓަންގެ އިތުރުން ރޮވިންގްވެސް އެއްވެސް މައްސަލައެއް ދިމާނުވެ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"އައްޑޫގައި ދަނޑުތައް މިއޮތީ ވަރަށް ބޮޑަށް ޑިސްޕާސް ވެފައި. މިފަދަ މުބާރާތެއް ބޭއްވުމަށް އެންމެ އެކަށޭނެ "ސްޕޯޓްސް ވިލެޖް" އެއްގެ ގޮތުގައި މިއޮތީ. އައްޑޫގައި އައިއޯއައިޖީ ރާއްޖޭގައި ބާއްވާނަމަ ހަމަ ގައިމުވެސް ފުޓުބޯޅަ، ބެޑްމިންޓަން އަދި ރޮވިންގް އެއްވެސް އުނދަގޫކަމެއް ނެތި ފުރިހަމަ ކަމާއިއެކު ކުރިއަށް ގެންދެވޭނެ" ސޯބެ ވިދާޅުވިއެވެ.

ޒަމާނުއްސުރެ ކޮންމެ ކަމަކަށްވެސް މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ލާމަރުކަޒީ އުސޫލެއްގެ ތެރެއިން އަތޮޅު ތެރޭގައި މުހިންމު ކަންތައްތައް ކުރުމަށް މިސަރުކާރުގެ ސިޔާސަތުގެ ތެރެއިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް މިސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން މާލެ ފިޔަވައި އެހެން ރަށްތަކުގައި 100 ފުޓުބޯޅަ ދަނޑު އެޅުމަށް ދަނީ މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.

ބޮޑެތި ކުޅިވަރުގެ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތުތައް ލިބެމުންދާއިރު އައްޑޫފަދަ ވަސީލަތްތައް ގާއިމް ކުރެވިފައިވާ އަދި އިތުރު ވަސީލަތްތައް ގާއިމްކޮށް ތަރައްގީކުރެވޭނެ ބިންއޮތް ސިޓީއެއްގައި މިފަދަ މުބާރާތްތައް ކޮންމެސް މިންވަރަކަށްވިޔަސް ބޭއްވުން ވެގެންދާނީ އެތްލީޓުންނަށްވެސް ފަރިތަކުރުމަށް ނުވަތަ ކުޅިވަރުތަކުން ކުރިއަރައި ދިޔުމަށް މާލެ އަންނަން ޖެހިފައި އޮންނައޮތުން ނިމުމަކަށް ގެނެސް ރާއްޖޭގެ އެހި ހިސަހިސާބުގައި މުސްތަގުބަލުގައި މޮޅެތި އެތްލީޓުންތަކެއް އުފެދޭނެ ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތި ގޮތަށް ނާޗަރަންގީ ކުޅެ އައްޑޫ ރައްޔިތުން އެކަމުގެ އަވާގައި ޖެއްސީމާ އެއޮތީ އައްޑޫ ތަރައްޤީވެ އިތުރުވެފައި ދޯ!

  2. ަްއަހުމަދު

    ސޯބެ ބުންނަސް ދަރުބާރުގެ އެޅީ ސިފައިން ލާރި ލިބުނީ އައްޑޫ މީހުންނަށް

  3. ޖަމީ

    ބ ބާސްކެޓް ނޫން ހުރިހާ ކުޅިވަރެއް ވަރެއް ވެސް ބބ ބާއްވަން ފެނޭ ،

  4. ވެރިން

    ސޯބެ އަށް ބޭއްވޭނީ ގޭގޭގެ ފާރު މަތިން ފުއް މުގެ މުބާރާތް ތަށް