އަންނަ އަހަރު ބާއްވާ ޔޫރޯ 2020 މުބާރާތް ނިމެންދެންވެސް ޖަރުމަނު ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ހުންނާނީ މިހާރުވެސް އެމަގާމުގައި ހުރި ޔޮއާޙިމް ލޯވްކަމަށް ޖަރުމަނުގެ ފުޓުބޯޅައިގެ މައި އިދާރާ ޑީއެފްބީއިން ބުނެފިއެވެ.

އެއިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއިދާރާގެ އެންމެ އިސް އޮފިޝަލުން ބޭއްވި ކޮންފަރެންސް ބައްދަލުވުމެއްގައި ލޯވް ޖަރުމަނުގެ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި އެއްވެސް ހުރަހެއް ނެތި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިނިންމުން ނިންމީ އެފްއޭގެ ޕްރެޒިޑެންޝަލް ކޮމިޓީ އާއި ޑިރެކްޓަރ އޮފް ނޭޝަނަލް ޓީމްސް އެންޑް އެކަޑެމީ އޮލިވަރ ބިއެރހޮފްގެ ލަފަޔާ އެކުގައި ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

"މިއީ ކޯޗާއިއެކުގައި ނިންމުނު މުހިންމު ނިންމުމެއް. ހާއްސަކޮށް ސްޕެއިން އަތުންވީ ބޮޑު ބައްޔާއެކު ޓީމްގެ ކުރިމަގާއިމެދު ކޯޗްގެ ޕްލޭނާއިމެދު ވާހަކަދައްކާ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުގައި މިހާރުވެސް ހުރި ކޯޗާއި އެކު ކުރިއަށް ދިޔުން އެއީ އެންމެ ފައިދާހުރި ގޮތްކަމަށް ފެންނާތީ ލޯވްއާއިއެކު ކުރިއަށް ދާން އެފްއޭއިން މިނިންމީ". އެފްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ލޯވް ޖަރުމަނުގެ ކޯޗް ކަމުގެ މަގާމާއި ހަވާލްވެފައިވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ. އަދި އޭގެ ފަހުން 14 އަހަރުވެފައި ވާއިރު ޖަރުމަނު ޓީމާއެކު މުހިންމު ކާމިޔާބީ ތަކެއް އޭނާ ވަނީ ހޯދާފައެވެ. އެހެންނަމަވެސް ފަހަކަށް އައިސް ޖަރުމަނު ޓީމުން ނެރެމުންދާ ދަށް ނަތީޖާ ތަކާއި ގުޅިގެން އޭނާއަށް ޖަރުމަނުގެ ގިނަ ސަޕޯޓަރުންގެ ފަރާތުން އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.