ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ޑްރީމްސް ޕިއްޒާ ވަގުތު ފުޓްސަލް ޗެލެންޖް 2020" ގައި ބައިވެރިވާ ހުރިހާ ޓީމުތަކަށް އައްޑޫ ސިޓީ ހުންނަ "ނެސޯ ހޯމް" ފިހާރަ އިން މިއަދު ދޫކުރަން ފަށައިފިއެވެ.

"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެ ފިހާރަ އިން ޖާޒީތައް ދޫ ކުރާނީ "ވަގުތު" އިން ދޫކުރާ ކޫޕަނެއް ހިފައިގެން އެ ފިހާރައަށް ދިޔައީމަ ކަމަށެވެ. އެހެންވެ، ކޮންމެ ޓީމެއްގެ އިސް އޮފިޝަލަކު ކޫޕަން ހިފައިގެން އެ ފިހާރައަށް ދިއުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ވަގުތު ފުޓްސަލް ޗެލެންޖު" އަންނަ އާދިއްތަ ދުވަހު ފަށާ އިރު، މި މުބާރާތުގައި 26 ޓީމެއް ބައިވެރިވެއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކުގެ މެދުގައި ގުރު ނެގުން ރޭ ހިތަދޫ ސްކޫލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މުބާރާތް ކުރިޔަށްދާނީ ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ޓީމަކުން އެންމެ ގިނަ ޕޮއިންޓް ލިިބޭ ދެ ޓީމެއް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނެއެވެ. ބާކީ އޮތް ހަތަރު ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ތިންވަނައިގައި އޮތް ޓީމު ކުޅުނު މެޗުތަކުގެ އެވްރެޖް ޕޮއިންޓްތަކުގެ އަދަދަށް ބެލުމަށްފަހު އެންމެ ގިނައިން ލިބޭ ހަތަރު ޓީމަށެވެ. މިދިޔަ އަހަރު މި މުބާރާތް ބޭއްވީ 16 ޓީމާއެކުގައެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ އެފްސީ އުސްގަނޑައެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އައްޑޫގައި ބާއްވަމުން އަންނަ ވަގުތު ފުޓްސަލް ޗެލެންޖް ކަޕްގައި މިއަހަރު ބައިވެރިވާ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ވެސް ދިނީ ހިލޭއެވެ. މީގެކުރިން މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ޓީމަކުން 5،000ރ. ދީގެންނެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އައިލެންޑް އެޕަރަލްސްއެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާ އެކު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.