ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޝަހްތަރް ޑޮނެޓްސްކް އަތުންވީ ބައްޔާއެކު ރެއާލް މެޑްރިޑްގެ ކޯޗް ޒައިނެއްދީން ޒިދާނަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އޭނާ ރައްދު ދީފިއެވެ.

ޝަހްތަރުގެ ދަނޑުގައި ކުޅުނު މިމެޗުން 0-2 އިން ރެއާލް ބަލިވެފައިވާއިރު، ޒިދާންގެ އިސްތިއުފާއަށް ރެއާލްގެ ގިނަ ސަޕޯޓަރުންތަކެއް ގޮވަމުންދިޔަ ދަނޑިވަޅެއްގައި، މެޗަށްފަހު މީޑިއާތަކާއި އެކު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޒިދާން ބުނީ، ފަހަކަށް އައިސް ރެއާލްއިން ނެރެމުންދަނީ ދަށް ނަތީޖާތަކެއްކަން ގަބޫލްކުރާ ކަމަށާއި އެހެންނަމަވެސް މިވަގުތަކީ އިސްތިއުފާ ދޭންވީ ވަގުތުކަމަށް ގަބޫލް ނުކުރާ ކަމަށާއި ރެއާލްގެ ކޯޗުގެ މަގާމުން އިސްތިއުފާދޭން ނުވިސްނާ ކަމަށެވެ.

ޒިދާން މިމޭރުމުން ވާހަކަދައްކާފައިވާއިރު ޒަމާންތަކަކަށްފަހު މިއީ ރެއާލްއިން ނެރެމުންދާ އެންމެ ދަށް ނަތީޖާތަކެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި 5 މެޗު އެޓީމުން ކުޅެފައިވާއިރު އެޓީމަށް މޮޅުވެވިފައިވަނީ އެންމެ ދެމެޗުންނެވެ. އަދި އެލީގުގެ ދެވަނަ ބުރަށް ދަތުރުކުރުމަށް ރެއާލްއަށް މިހާރު ވަނީ ހުރަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ރޭގެ މެޗުގައި ރެއާލްގެ ފަރާތުން ދަށްކުޅުމެއް ފެނިފައިވާއިރު ޝަހްތަރުގެ ދެލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ޑެންޓީނިއޯ ކާމިޔާބުކުރީ ރެއާލްގެ ޑިފެންޑަރު ފާލެންޑް މެންޑީ އަތުން ފަހަތުގައި ހެދުނު ގޯހެއްގެ ފައިދާ ނަގައިގެނެވެ. ޝަހްތަރުގެ ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޭނާ ސޮލޮމޮން އެވެ.

މިގުރޫޕުގެ ދެވަނަ މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކާއި އިންޓަމިލާންގެ ކުރިމަތި ލުމުން ކުރިހޯދީ އިންޓަމިލާނެވެ.

މޮންޗެންގްލަޑްބަކްގެ ދަނޑުގައި ކުޅުނު މިމެޗުން އިންޓަރ މޮޅުވީ 2-3ގެ ނަތީޖާއިންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އިންޓަރގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަޓިއޯ ޑާމިއަން އެވެ. އެހެންނަމަވެސް މޮންޗެންގްލަޑްބަކުން ވަނީ ދެވަނަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެލެސޭން ޕްލީ ކާމިޔާބުކުރި ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެވަނަ ހާފު ފަށައިން މާގިނައިރުތަކެއް ނުވެ ރޮމެރޯ ލުކާކޫވަނީ އަނެއްކާވެސް ދެވަނަ ފަހަރަށް އިންޓަރަ އަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި އޭނާ އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އިންޓަރގެ ލީޑު ފުޅާކޮށްދީފައެވެ.

މޮންޗެންގްލަޑްބަކަށް ފަރަގު ކުޑަކޮށްދިން ލަނޑު އިންޓަރގެ ތިންވަނަ ލަނޑު ކާމިޔާބުކުރިތާ ތިންމިނެޓު ފަހުން ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެލެސޭން ޕްލީއެވެ. އޭނާ ވަނީ މެޗުގައި އިތުރު ލަނޑެއްވެސް ޖަހާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައިވަނިކޮށް ޕްލީ މިލަނޑު ޖެހިނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ޕްލީ އޮފްސައިޑުގައި ހުރިކަމަށް ބަލާ ލަނޑު ގަބޫލްނުކުރަން ނިންމާފައެވެ.

މެޗުން ބަލިވި ނަމަވެސް ގްރޫޕް ބީގެ އެއްވަނައިގައި އޮތީ މޮންޗެންގްލަޑްބަކެވެ. ދެވަނައިގައި ޝަހްތަރު 7 ޕޮއިންޓާއި އެކު އޮތްއިރު ތިންވަނައިގައި ރެއާލްވެސް އޮތީ 7 ޕޮއިންޓާއެކުއެވެ. ޝަހްތަރަށް ކުރިލިބެނީ މިދެޓީމުގެ ކުރިމަތިލުމުން އެޓީމު ކުރިހޯދާފައިވާތީއެވެ. ތާވަލުގެ ފުލުގައި އިންޓަރ މިލާން އޮތީ 5 ޕޮއިންޓާއެކުގައެވެ.